އިންސާނިއްޔަތު ބޭނުންވަނީ ނުކުޅެދޭ ޑިމޮކްރަސީ ހެއްޔެވެ؟ ނުވަތަ މަތިވެރި ﷲގެ ޝަރީޢަތް ހެއްޔެވެ؟

މުޅި ޤައުމު ހަމަ ނުޖެހުމެއްގައެވެ. ކޮންމެ ބައެއްގެވެސް ބޭނުމަކީ އަނެއް ބައެއްގެ ކުށް ހޯދާ އެބަޔަކު ކުށްވެރި ކުރުމެވެ. މުޒާހަރާތަށް ކޮށް އަނެއްބައެއްގެ ފަތިފުށް ފާޅުގައި ގޮވާ ފަޟީހަތް ކުރުމުގެ ޖޯޝެއް ވަނީ އުފެދިފައެވެ. ނަމަވެސް ހުރިހާ އެންމެންގެ ވެސް ލަނޑުދަނޑިއަކީ އެއް ލަނޑުދަނޑި އެކެވެ. ރައްޔިތުންގެ ވެރިކަމެއް ނުވަތަ ފުރިހަމަ ޑިމޮކްރަސީއެއް ގެނައުމެވެ. ތާރީޚް އެކަމަށް ހެކި ނުދޭ ޙާލު މިފަދަ ދަޢްވާ ތަކުގައި މީސްތަކުން ޣާފިލު ކުރުމުގައި އަހަރެމެންގެ އެންމެ ވަރުގަދަ އަދި ތަޖުރިބާކާރު ނަމަވެސް ލޮލަށް ނުފެންނަ ދުޝްމަން، އާދެ ޝައިޠާނާ ވަނީ ކުރިއަރާފައެވެ. އޭނާގެ މަޤްސަދަކީ އަހަރެމެން ހެއްދެވި ފަރާތުގެ އެންމެހާ އަމުރު ތަކުން އަހަރެމެން ދުރުކުރުވުމެވެ. ﷲ ތަޢާލާ ވަނީ ވަރަށް ޞަރީޚަ ޢިބާރާތުން ޝައިޠާނާ އަކީ އަހަރެމެންގެ މައްޗަށް ވާ ބޮޑު ޢަދުއްވެއްކަން ބަޔާން ކުރައްވާފައެވެ. އޭނާގެ ފިޔަވަޅުތަކަށް ތަބަޢު ނުވުމަށް އެތައް ފަހަރަކު ޤުރުއާނުގައި ޒިކުރު ކުރައްވާފައިވެއެވެ. އަދި ޝައިޠާނާއަށް ތަބަޢުވާ އޭނާގެ ބައިގަނޑަކީ ހަމަކަށަވަރުންވެސް ގެއްލި ހަލާކުވެގެންދާނެ ބައެއް ކަމުގައިވެސް ﷲ ވަނީ އަހަރެމެންނަށް އަންގަވާފައެވެ.

އަހަރެމެން އަހަރެމެން ހެއްދެވި ފަރާތާ އެއިލާހުގެ އަމުރުތަކުން ދުރުވެގެން މިތިބީ ކިހާ މިންވަރަކަށް ހެއްޔެވެ؟ އެންމެން އެއް އަޑަކުން ރޮއެ އާދޭސް ކުރަނީ ﷲގެ ޤާނޫން މިބިންމަތީގައި ތަންފީޒު ކުރުމަށް ހެއްޔެވެ؟ ނުވަތަ އަހަރެމެންގެ ޢަދުއްވުން ހަދާފައި އޮތް ކުފުރުގެ ނިޒާމަކަށް ހެއްޔެވެ؟ ހަމަކަށަވަރުންވެސް ﷲ ތަޢާލާ ގެ މަތިވެރި ޝަރީޢަތް މީސްތަކުންގެ މެދުގައި ތަންފީޛުކުރުމުން, ޢަދުލް އިންސާފާއި، ސުލްޙަ މަސްލަޙަތާއި, އަމަން އަމާންކަން އެތަނަކަށް އައުމަކީ އެއްވެސް އިޚްލާޞްތެރި މުސްލިމެއް އެކަމާ ދެކޮޅު ހަދާނެ ކަންކަމެއް ނޫނެވެ. އޭގެ ބަދަލުގައި މީސްތަކުން އަމިއްލައަށް ހަދާފައި އޮތް ނިޒާމެއް ނުވަތަ ޤާނޫނެއް, ދުވަހަކުވެސް މަތިވެރި ﷲގެ ޤާނޫނާއި އެއްވަރެއް ނުވާނެއެވެ. އެހެނީ އިންސާނުންގެ ވިސްނުމާއި ބުއްދި ވަނީ އުނިކަމުން ފުރިގެންނެވެ. އަދި ﷲ އަކީ އަހަރެމެން ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނެވި ފަރާތްކަމުގައި ވީ ހިނދު, އަދި އެއިލާހަކީ އެންމެ ފުރިހަމަ ވެގެންވާ ފަރާތްކަމުގައި ވީ ހިނދު, އަހަރެމެން މިފަދަ ކަމެއްގައި ﷲ އާ ވާދަކުރަން ހިތަށް އެރުމަކީވެސް ކޮންފަދަ ނުބައިކަން ބޮޑު ކަންތައްތައް ހެއްޔެވެ!

ޝައިޠާނާގެ މަޅިތަކަކީ ގިނަ ފަހަރު އަހަރެމެންނަށް ނޭނގި އޭގެ ތެރެއަށް ވަދެވޭފަދަ ނުރައްކައުތެރި މަޅިތަކެކެވެ. އޭގެ ފުރިހަމަ މިސާލުތައް މިއަދުގެ އިސްލާމީ އުންމަތުން ފެންނަން ހުރީ ބުއްދީގެ އަހުލުވެރީންނަށް ގުނާ ޢަދަދު ނުކުރެވޭހާ ގިނައިންނެވެ. އެގޮތުން އަހަރެމެންގެ މި ކުޑަ ދިވެހިރާއްޖެއަށް ބަލާލިކަމުގައި ވިޔަސް އެތައް ދިރިހުރި މިސާލުތަކެވެ.

އެއްބަޔަކު ފާޅުގައި ހުޅަނގުގެ ޑިމޮކްރަސީ ގެނެއަމަށްޓަކައި މަސައްކަތް ކުރަނީއެވެ. އެމީހުންވެސް ފާޅުގައި އެހެނެއް ނުބުނާނެއެވެ. ސަބަބަކީ ޝައިޠާނާއަކީ އާދަމް عليه السلام އާއި ހިސާބުން ފެށިގެން މަސަތްކަތުގެ ތަޖުރިބާ ލިބެމުންދާ، ތަޖުރިބާ ކާރެކެވެ. މާހިރެކެވެ. ދުނިޔޭގެ ސިޔާސީ މީހުން ގެންގުޅޭ އޮޅުވާލުމާއި މަކަރުވެސް އެހާ މޮޅުއިރު, ޝައިޠާނާގެ ރޭވުންތަކުގެ ފެންވަރު ކިހާ މޮޅުވާނެ ކަމާއި މެދު ތަޞައްވަރު ކޮށްލައްވާށެވެ؟ ފާޅުގައި އަހަރެމެންނަކީ ހުރިހާ ދީންތަކަކަށްވެސް މިނިވަންކަން ދޭން ބޭނުންވާ ބަޔެކޭ, ނުވަތަ މީސްތަކުންގެ ބޮޑު ބައިގަނޑު އެއްޖިންސުން ގުޅުން ހިންގަން ބޭނުން ވެއްޖެނަމަ އެހުއްދަ ވެސް ދޭން ޖެހޭނެއޭ, ނުވަތަ އިސްލާމީ ޝަރީޢަތް މިޒަމާނަކަށް ނުފެތެއޭ ބުނެފިނަމަ އެމީހުންނާ ގިނަ ބަޔަކު އިދިކޮޅުވާނެ ކަން އެމީހުންގެ ތަޖުރިބާކާރު ކައުންސިލަރ [ޝައިޠާނާ] އަބަދުވެސް އެމީހުންގެ ގާތުގައި ބުނަމުންދާނެއެވެ. އެގޮތުން އެމީހުންގެ ކަންތައްތައް މި ބުނެވުނު ހިސާބަށް ނުގެންގޮސް، މަޑުމަޑުން އެމީހުންގެ މަޤްޞަދު ޙާޞިލު ކުރުމަށް މަސައްކަތް ކުރާނެއެވެ. އަދި މިގޮތުގައި މަޑުމަޑުން ގެންދިޔުމުން އާޚިރުގައި މީސްތަކުން އެމީހުންގެ ފިކުރަށް ލެންބުމުގެ ފުރުޞަތު ފުޅާވެގެންދެއެވެ. ދަނޑިވަޅު ލިބުނީމާ އެމީހުންގެ މަޤްޞަދާއި އެއްގޮތަށް އެމީހުން ކަންތައްތައް ކުރާނެއެވެ. އެ ހިނދުގައި މީސްތަކުންވެސް ވާނީ އެމީހުންގެ އެ އުޞޫލުތަކަށް ތާޢީދު ކުރާ ޙާލުގައެވެ.

އަނެއްބަޔަކީ ﷲގެ ދީނުގެ ނަމުގައި ހިތާމަކުރަނިވި މިންވަރަކަށް ޝައިޠާނާ، އޭނާގެ މަޅީގައި ޖައްސާފައި ތިބި ބަޔެކެވެ. އެމީހުންގެ ދަޢްވާއަކީ އިސްލާމްދީނަށް ނަޞްރުދީ, އެދީނަށް ޚިދްމަތްކޮށް, އެދީނުގެ ޝިޢާރުތައް އަނބުރާ ގެނައުމެވެ. ނަމަވެސް އެމީހުން މިކަމުގައި ޚިޔާރުކުރި މަގަކީ މިދެންނެވުނު ކުފުރުގެ ނިޒާމުތަކުގެ މަގެވެ. އެފަދަ މީހުންނަށް ޚުދު މިކަމުގައި ހުރި ހުރަސްތައް ރަނަގަޅަށް އެނގޭނެއެވެ. އެފަދަ ކުފުރުގެ ނިޒާމު ތަކުގަތެރޭގައި ދީނީ ޝިޢާރުތަކަށް އޮންނާނީ ކޮން ތާޢީދެއް ހެއްޔެވެ؟ އެފަދަ މީހުންނަށް ކުރެވޭނެހާވެސް ކަމަކީ ކުފުރުގެ ނިޒާމުތަކުން ކުރާ ކަންތައްތައް، ހަރު އަޑުން ކުށްވެރި ކުރުމެވެ. އަދި އެފަދަ މަޖްލީސްތަކުގައި އިށީނުމުގެ ފުރުޞަތު ލިބުނު ކަމުގައި ވިޔަސް ބޮޑު ބައިގަނޑު އެކަމަކަށް އިންކާރު ކުރާ ކަންތައްތައް އެފަދަ ބައެއްގެ ތެރޭގައި ފާސް ކުރެވޭނެހެއްޔެވެ؟ އިންސާނުން އަމިއްލައަށް ހަދާ ޤާނޫންތައް މަސްހުނި މޮޑެން ކަނޑައަޅަފައިވާ މަޖްލިސްތަކަކުން, އިސްލާމީ މަތިވެރި ޝަރީޢަތް ތަންފީޒު ކުރުން މީ ދުނިޔޭގެ ތާރީޚުގައި މިހާތަނަށް ވެފަ އޮތް ކަމެއް ނޫނެވެ.

މިދެންނެވުނު ޙަޤީޤަތް އަޅުގަނޑުމެންގެ ދިވެހިރާއްޖެއިން މިހާރު ފެންނަމުން މިދަނީ ބުއްދީގެ އަހުލުވެރީންނަށް ހުރި ބޮޑު ޢިބްރަތެއްގެ ގޮތުގައެވެ. ރާއްޖޭގައި އޮތީ ޑިމޮކްރަސީގެ ނިޒާމެކެވެ. ޤާނޫނު ކަނޑައަޅާފައިވަނީ ހުޅަގުގެ ކާފަރުންގެ ފުރިހަމަ މަޝްވަރާގެ މަތީންނެވެ. ސުވާލަކީ އެފަދަ ނީޒާމެއްގެ ދަށުން އެއްޖިންސުން ގުޅުން ހިންގުން އެއީ މައްސަލައެއްބާއެވެ؟ އެފަދަ ނިޒާމެއްގެ ދަށުން ރާ ވިއްކުން އެއީ މައްސަލައެއްބާއެވެ؟ އެފަދަ ނިޒާމެއްގެ ދަށުން އެހެން ދީންތަކަށް އުޅުން އެއީ މައްސަލައެއްބާއެވެ؟

މިއާ ޚިލާފަށް އިސްލާމީ ޝަރީޢަތެއްގެ ތެރޭގައި މިފަދަ ކަންތައްތަކަށް އަނގަ ހުޅުވާލުމުގެ ފުރުޞަތެއްވެސް ނޯންނާނެއެވެ. އެހެނީ އެއީ އިންސާނުންނަށްޓަކައި ﷲ ކަނޑައެޅުންވި ޙުދޫދް ތަކެވެ. އިންސާނުން އެޙުދޫދްތައް ފަހަނައަޅާ ދިޔުމުގެ ބޭނުމުގައި މަތިވެރި ﷲގެ ޤާނޫނުގެ މަތީން، އިންސާނުން އެމީހުންގެ ނުކުޅެދޭ ވިސްނުން ބޭނުން ކޮށްގެން އަމިއްލަ ޤާނޫނުތައް ހެދީއެވެ.

އެހެންކަމުން އިންސާނިއްޔަތަށް ޙަޤީޤީ ޞުލްޙައާއި ހަމަޖެހުން ލިބިގެންދާނީ، ﷲ ގެ ޝަރީޢަތް މިބިންމަތީގައި ތަންފީޒުކުރުމުންނެވެ. އިސްލާމީ ޝަރީޢަތާ ވައްތަރުގެ ނުވަތަ އިސްލާމީ ޑިމޮކްރަސީ ކިޔާ ނިޒާމެއްވެސް ޙަޤީޤީ އިސްލާމީ ޝަރީޢަތާ އެއްގޮތެއް ނުވާނެއެވެ. އަޅާވެސް ނުކިޔޭނެއެވެ. އަދި މުސްލިމުންނަށް ވާޖިބުވެގެން ވަނީ ﷲ ގެ ޝަރީޢަތް މިބިންމަތީގައި ތަންފީޒުކުރުމަށެވެ. އަޅުގަނޑުމެން ބޭނުން ވަނީ މި ނުކުޅެދޭ ޑިމޮކްރަސީގެ ތެރޭގައި ދޮގާ، މަކަރާ، ހީލަތާ، އޮޅުވާލުމުގައި އުޅެން ހެއްޔެވެ؟ ނުވަތަ މަތިވެރި ﷲގެ ޢަދުލް އިންޞާފުގެ ނިޒާމް ހެއްޔެވެ؟ އެއްވެސް މުސްލިމެއް ހަމަޔަޤީނުންވެސް އެފަދަ ކުފުރުގެ ނިޒާމެއް ބޭނުމެއް ނުވާނެއެވެ. އެހެންކަމުން މި ކެހިވެރި މަޅިން ސަލާމަތްވެ އިންސާނުންނަށް ހެވާއި ކާމިޔާބު ލިބެނިވި ގޮތް ބަޔާން ކޮށްދެއްވި އިންސާނިއްޔަތުގެ ވެރި އިލާހުގެ އަމުރުތަކަށް ތަބަޢު ވަމާ ހިނގާށެވެ. ހަމަކަށަވަރުން ﷲ ގެ ޤާނޫން ފުރިހަމަވެގެން ވެއެވެ. އަދި އިންސާނުންގެ އަމިއްލަ ޤާނޫންތައް ނުކުޅެދިގެން ވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Flickr Photos

More Photos

welcome

%d bloggers like this: