ރަސޫލުﷲ صلّى الله عليه وسلّم އަށް ފަހު އިސްލާމީ އުއްމަތް ބައިބައިވެގެން ދިޔުން

بسم الله الرّحمن الرّحيم

تحزّب أمّة المسلمين بعد رسول ربّ العالمين

ރަސޫލުالله صلى الله عليه وسلم އަށްފަހު އިސްލާމީ އުއްމަތް ބައިބައިވެގެންދިޔުން

ތަރުޖަމާކުރީ : އަބޫ ޙަފްޞު، ޢަދިއްޔު ބިން މުޙައްމަދު

އިސްލާމީ އުއްމަތް ބައިބައިވެފައިވާކަމީ މިއަދު އެންމެންވެސް ދަންނަ ކަމެކެވެ. އެއީ އިންކާރު ނުކުރެވޭނެ ޙަޤީޤަތެކެވެ. މި ސިލްސިލާ ލިޔުންތަކުގައި އަލިއަޅުވާލެވިފައިވާނީ އިސްލާމީ އުއްމަތް ބައިބައިވެގެންދިޔަގޮތާއި އޭގެ ސަބަބުތަކުގެ މައްޗަށެވެ. އަދި އެބައިބައިވުންތައް ނެތިކޮށް އެއްބައިވަންތަކަމާއި އެކު ﷲ ގެ ދީނުގައި ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ މުހިންމު ކަންތައްތަކުގެ މައްޗަށްވެސް މެއެވެ. މި ލިޔުމުގެ އަޞްލު ލިޔެވިފައި އޮތީ އިނގިރޭސި ބަހުންނެވެ. މަކްތަބަތުއް ސަލަފިއްޔާއިން ހިންގާ ވެބްސައިޓެއް ކަމުގައިވާ www.aqidah.com ގައެވެ. ނަމަވެސް ﷲ ގެ ވާގިފުޅާއި އެކު ލިޔުމުގެ ފުރަތަމަބައި މިވަނީ ދިވެހި ބަހަށް ތަރުޖަމާކޮށް ނިމިފައެވެ. ދުޢާ އަކީ މި ތަރުޖަމާގެ ސަބަބުން އަޅުގަނޑުމެން އެންމެނަށް ހިދާޔަތް ދެއްކެވުމަށް ﷲ މަގުފަހި ކުރެއްވުމެވެ. ހަމަކަށަވަރުން، އަޅަމެންގެ ވެރި އިލާހަކީ ހަމަ ގިނަގަނައިން ދުޢާ އިޖާބަ ކުރައްވާ އިލާހެވެ!

ފުރަތަމަ ބައި – އިސްލާމްދީން ފުރިހަމަވެގެންދިޔުމާއި ޞަޙާބީންގެ މަންހަޖު

الحمد لله ربّ العالمين والصّلاة والسّلام على رسوله الأمين وبعد:

ތަޢާރަފް:

އިސްލާމީ އުއްމަތުގެ މައްޗަށް އެތައް ޒަމާންތަކެއް ވޭތުވެގެން ހިގައްޖެއެވެ. އޭގެތެރެއިން ބައެއް ޒަމާންތަކުގައި އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި އިސްލާމީ އުއްމަތް ވަރަށް ފުރިހަމަޔަށް ސާބިތުވިއެވެ. އަދި އަނެއްބައި ޒަމާންތަކުގައި އެ ޢަޤިދާގައި ފައިތިލަ ސާބިތުކުރުމުގައި އިސްލާމީ އުއްމަތް ބަލިކަށިވެ، އުއްމަތުގެ ތެރެއިން ބައެއް މީހުން އެޢަޤީދާގައި ސާބިތުކަމާއި އެކު ތިބިއިރު، އަނެއްބައި މީހުން އެޢަޤީދާއިން ދުރުހެލިވެ މަގު ފުރެދިގެން ދިޔައެވެ. މި ސިލްސިލާ ލިޔުންތަކުގައި އަޅުގަނޑުމެން ބަލައިލާނީ އިސްލާމީ އުއްމަތް ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން އޮތް ދުވަސްވަރުގެ މައްޗަށާއި އެ ޙާލަތު ބަދަލުވެ، އުއްމަތުގެ މެދުގައި ޚިލާފްތައް އުފެދި، އުއްމަތުގެ އެއްބައިވަންތަކަން ގެއްލި ތިމާމެންނަކީ، ނަބިއްޔުންނާއި ރަސޫލުން އެކަމަކަށް ދަޢުވަތުދެއްވި ތަޥްޙީދާއި އިސްލާމީ ޞައްޙަ ޢަޤީދާގައި ސާބިތުވެގެން ތިބި ބަޔެއްކަމަށް ދަޢުވާކުރާ ޙާލު ޖަމާޢަތްތަކާއި ބައިގަނޑުތަކަކަށް އިސްލާމީ އުއްމަތް ބެހިގެންދާންޖެހުނު ސަބަބުތަކުގެ މައްޗަށެވެ.

ރަސުލާ صلى الله عليه وسلم އާއި ޞަޙާބީންގެ ދުވަސްވަރު:

އެދުވަސްވަރު އިސްލާމީ ޢަޤީދާ އޮތީ އޭގެ އަޞްލު ފުރިހަމަކަމާއި ތާޒާކަން މަތީގައެވެ. މުއުމިނުން (ޞަޙާބީން) ގެ ހިތްތަކުގައި އެ ޢަޤީދާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަށަގެނެވިފައި ވިއެވެ. އެ ޢަޤީދާއާއި ކުފްރާއި ނުވަތަ އެފަދަ އެހެން އެއްވެސް އެއްޗަކާއި މަސްހުނިވެ އެކުވެގެނެއް ނުވެއެވެ. އެއޮތީ އޭގެ އެންމެ ޞައްޙަ ގޮތުގައެވެ. ރަސޫލާ صلى الله عليه وسلم އަވަހާރަވީ މިއުއްމަތައް ނަޞޭޙަތްތެރި ވެވަޑައިގެންނެވުމާއިއެކު އެކަލޭގަފާނާއި ޙަވާލުކުރެވުނު އަމާނާތް އަދާ ކުރައްވައި ރިސާލަތު މީސްތަކުންނަށް ފޯރުކޮށްދެއްވުމށްފަހުގައެވެ. الله سبحانه وتعالىގެ މިދީން ފުރިހަމަ ކުރެއްވިކަމުގެ މައްޗަށް ޚުދު އެއިލާހު سبحانه وتعالى ހެކިވޮޑިގެންނަވާފައި ވެއެވެ. އެއިލާހު ވަޙީ ކުރައްވާފައިވެއެވެ.

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا

މާނަ: “މިއަދު ތިޔަބައިމީހުންނަށްޓަކައި ތިމަންالله ތިޔަބައިމީހުންގެ ދީން ފުރިހަމަ ކުރެއްވައިފީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށްވާ ތިމަންاللهގެ ނިޢުމަތް ފުރިހަމަ ކުރައްވައިފީމެވެ. އަދި ތިޔަބައިމީހުންނަށްޓަކައި (ދީނެއްގެ ގޮތުގައި) އިސްލާމްދީން ތިމަން الله ރުއްސަވައިފީމެވެ.”[1]

އަދި الله  سبحانه وتعالىވަނީ އެއިލާހުގެ ދީން ، އެއިލާހުގެ ޙަޟުރަތުން މީސްތަކުންނަށް ބަޔާންކޮށްދިނުމަށް އެއިލާހުގެ ރަސޫލާصلى الله عليه وسلم  އަށް އަމުރުކުރައްވާފައެވެ. އެއިލާހު ވަޙީ ކުރައްވާފައި ވެއެވެ.

يَا أَيُّهَا الرَّسُولُ بَلِّغْ مَا أُنزِلَ إِلَيْكَ مِن رَّبِّكَ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ وَاللَّـهُ يَعْصِمُكَ مِنَ النَّاسِ إِنَّ اللهَ لَا يَهْدِي الْقَوْمَ الْكَافِرِينَ

މާނަ: “އޭރަސޫލާއެވެ! ކަލޭގެފާނުގެ ވެރިއިލާހުގެ ޙަޟްރަތުން ކަލޭގެފާނަށް ބާވައިލެއްވި އާޔަތްތައް ކަލޭގެފާނު (މީސްތަކުންނަށް) ބަޔާންކޮށްދެއްވާށެވެ. އަދި ކަލޭގެފާނު އެކަން ނުކުރެއްވިނަމަ، ކަލޭގެފާނު އެއިލާހުގެ ރިސާލާތް (މީސްތަކުންނާއި ހަމަޔަށް)ފޯރުކޮށްދެއްވިކަމަށް ނުވާނެއެވެ. އަދި اللَّه މީސްތަކުންގެ ކިބައިން ކަލޭގެފާނު ރައްކާތެރި ކުރައްވާނެތެވެ. ހަމަކަށަވަރުން، ކާފަރުވީ މީސްތަކުންނަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.”[2]

އެހެންކަމުން ރަސޫލާصلى الله عليه وسلم އަށް އަމުރުކުރެއްވުނު ގޮތަށް އެކަލޭގެފާނު ވަނީ މިރިސާލަތް މީސްތަކުންނާއި ހަމަޔަށް ފޯރުކޮށްދެއްވައި ބަޔާންކޮށްދެއްވާފައެވެ. އަޤީދާއާއި ޝަރީޢަތް، ދެބައިވެސް ޝާމިލްވާ ގޮތުގެ މަތިން މުޅިދީން މީސްތަކުންނަށް އޮޅުންފިލުވައި ބަޔާންކޮށްދެއްވިއެވެ. އަދި އެބަޔަކަށް އަމާނާތްތެރި ކަމުގެ ސިފަ ލިބިގެންދިޔަ އަޞްޙާބް ބޭކަލުން މިދީން ބާވައިލެއްވެމުން ދިޔައިރުން ފަށާއިގެން ގޮސް އެދީން ފުރިހަމަވުމާއި ހަމަޔަށް އެދީން ރަނގަޅަށް އުނގެނިވަޑައިގެންފައެވެ.

ބުޚާރީ އާއި މުސްލިމް –رحمهما الله- ގެ ދެ ޞަޙީހުގައި ވާރިދުވެގެން އައިސްފައިވާ ޚުޛައިފާ ބިން އަލް-ޔަމާން رضي الله عنه  ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ.

حدثنا رسول الله صلى الله عليه وسلم حديثين قد رأيت أحدهما وأنا انتظر الآخر حدثنا أن الأمانة نزلت في جذر قلوب الرجال ثم نزل القرآن فعلموا من القرآن وعلموا من السنة ثم حدثنا عن رفع الأمانة فقال ينام الرجل النومة فتقبض الأمانة من قلبه

މާނަ “ރަސުލާ صلى الله عليه وسلم އަހަރެމެންނަށް ދެޙަދީޘެއް މާކުރިން ކިޔާދެއްވާފައިވެއެވެ. އަހަރެން އޭގެތެރެއިން އެއް ޙަދީޘް (ސީދާވެ އެޙަދީޘްގައިވާ ގޮތަށް ކަންތައްހިގާދިޔަތަން) ދެކެފީމެވެ. އަދި އަހަރެން މިހާރު އިންތިޒާރު މިކުރަނީ އަނެއް ޙަދީޘް (ސީދާވުމަށް) އަށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވީ އަމާނާތްތެރިކަން މީސްތަކުންގެ ހިތުގެ އެންމެ އަޑިއަށް ފޭބިކަމަށެވެ. ދެން ޤުރުއާން ބާވައިލެއްވުމުން އެމީހުން އެޤުރުއާނާއި ސުންނަތުން އުގެނިގަތެވެ. އެއަށްފަހު އަމާނާތް އުފުއްލެވުމާއި ބެހޭގޮތުން އެކަލޭގެފާނު އަހަރެމެންނަށް ޙަދީޘްކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. މީހާ ނިދާފައި އޮއްވާ އޭނާގެ ހިތުން އަމާނާތްތެރިކަން އުފުލިގެންދާނެއެވެ.”[3]

އެހެންކަމުން މީސްތަކުންގެ ހިތްތަކުގައި އެންމެފުރަތަމަ ބިންގާއެޅުނު ސިފަޔަކީ އަމާނާތްތެރި ކަމުގެ ސިފައެވެ. އަދި އެމީހުން ޤުރުއާނާއި ސުންނަތް (އިސްލާމްދީނާއި އެދީނުގެ ހުރިހާ އުޞޫލްތަކާއި ޢަޤާޢިދު ތަކާއި އަމުރުތައް) އުގެނިގަތީ އެސިފައިގެ މަތީގައި ޤާއިމްވެތިބެގެންނެވެ. ބާވައިލެއްވުނު ހުރިހާއެއްޗަކަށް، އެބައިމީހުންގެ ދުލުން (ބުނާ ބަސްތަކުން) ނާއި އެބައިމީހުންގެ ހިތްތަކުންނާއި ޢަމަލުތަކުން އެއަށް ފުރިހަމަޔަށް އީމާންވިއެވެ. ތަޥްޙީދާއި، އީމާންކަމާއި، އަދި އެނޫންވެސް  ދީނުގެ ހުރިހާ ޙުކުމްތަކާއި އެއްގޮތަށް އެބައިމީހުން ޢަމަލުކުރިއެވެ.

އެދުވަސްވަރު މިދީންއޮތީ އޭގެ އެންމެ ފުރިހަމަގޮތުގައި އެންމެ ޞައްޙަގޮތުގައެވެ. އަދި އެދީނަށް އެއްވެސް އުނިއިތުރުކަމެއް އައިސްފައެއް ނެތެވެ. އެގޮތުގެ މަތީގައި އެތައް ޒަމާންތަކެއް ފާއިތުވެގެންދިޔައެވެ. އަޞްޙާބްބޭކަލުންނާއި އެބޭކަލުންނަށް ތަބަޢަވީ މީހުން (ތާބިޢީން) ނާއި އެބޭކަލުންނަށް ތަބަޢަވީ މީހުން (އަތުބާޢުއް-ތާބިޢީން) ގެ ދުވަސްވަރުތައް އެޒަމާންތަކުގެ ތެރޭގައި ހިމެނެއެވެ. ރަސޫލުންނާއި ނަބިއްޔުންނަށްފަހު މިބިންމަތީގައި ދިރިއުޅުނު އެންމެ ހެޔޮ މީހުން ކަމުގައިވީ މިމީހުން ޢިއްޒަތަތެރި ކުރުވައި އެމީހުންގެ ދަރަޖަ އުފުއްލައިދިނީ އެ ޞައްޙަދީނާއި އެދީނުގެ ޞައްޙަ ޢަޤީދާއާއި އީމާންކަމެވެ.

އަޞްޙާބް ބޭކަލުން އެއްބައިވަންތަ ކޮށްދިން އެއްޗަކީ އިސްލާމީ ޢަޤީދާއެވެ.

ޖާހިލިއްޔަ ޒަމާނުގައި މީސްތަކުންގެ ތެރޭގައި ވަރަށްބޮޑަށް ފަސާދަ ފެތުރިގެން ދިޔައެވެ. އެގޮތުން މީސްތަކުންގެ އަޚުލާޤާއި އެމީހުންގެ ޢަޤީދާވެސް ފަސާދަވެފައިވިއެވެ. ހަމައެފަދައިން އެމީހުންގެ އިޤްތިޞާދީ، އިޖްތިމާޢީ އަދި ސިޔާސީ ކަންތައްތަކުގެ ތެރެއަށްވެސް މިފަސާދަ ފެތުރިފައިވިއެވެ. ޢަރަބީން ތިބީ ބައިބައިވެފައެވެ. އެއްޤަބީލާގެ މީހުން އަނެއް ޤަބީލާއާއި އެއްވެސް ކަމަކަށް ނުވާ ކަންތައްތަކުގައި ހަނގުރާމަކޮށް އުޅުނެވެ. އެމީހުން ބުދައް އަޅުކަންކުރިއެވެ. އަދި މަރުވެފައިވާ ޞާލިޙު މީހުންނަށްވެސް އެމީހުން އަޅުކަންކޮށް އުޅުނެވެ. އެބައިމީހުންތިބީ އެބައިމީހުންގެ ދީނުގައި (ޝިރުކުކުރުމުގައި) ވެސް ބައިބައިވެފައެވެ. ބާރުގަދަ މީހުން ނިކަމެތިންގެ މައްޗަށް އަނިޔާވެރި ވަމުން ދިޔައެވެ. އަންހެން ކުއްޖަކު ވިހައިފިނަމަ އެއީ ލަދުވެތިކަމެއް ނުވަތަ ނިކަމެތިކަމެއް ކަމުގައި ދެކެމުން ދިޔައެވެ. އެބައިމީހުންގެ އަންހެނުން ކޮންމެ ކޮންމެ ފިރިހެނާކާ ރޭކުރަމުން ގެންދިޔައެވެ. އަދި އޭގެ ސަބަބުން ލިބޭ ދަރިންގެ ނަސްލު އޮޅިގެން ދިޔައެވެ. ފިރިހެން މީހާއަށް އޭނާގެ ބައްޕަގެ އަބިންތައް ވާރުތަވެގެން ދިޔައެވެ. އެބައިމީހުން ކުރާ އެކިއެކި ކަންތައްތަކުގައި ޚުރާފާތްތައް އިންތިހާ ދަރަޖައަށް ޤަބޫލުކުރަމުން ދިޔައެވެ. ސިޙުރުވެރިންނާއި ފާލުބަލާ މީހުންނާއި އެފަދަ އެހެންމީހުންނަށް އެބައިމީހުން އިތުބާރުކޮށް އީމާންވެގެންތިބީ ވަރަށް ވަރުގަދަޔަކަށެވެ. އެމުޖްތަމަޢުގައި (ކުރިން ފޮނުއްވުނު) ނަބިއްޔެއް ނުވަތަ ރަސޫލެއްގެ އަސަރެއްވެސް ފެންނާކަށްނެތެވެ. އެމުޖްތަމަޢުގެ ޙާލަތު ތަޞައްވުރު ކުރުމަށް މިވަރު ފުދޭނެއެވެ. އެމުޖްތަމަޢު އޮތީ ބޮޑުވެގެންވާ ހަލާކެއްގެ ކޮޅުމަތީގައެވެ.

އެއަށްފަހު الله سبحانه وتعالى މުޙައްމަދުصلى الله عليه وسلم ރަސޫލުކަމާއިގެން ފޮނުއްވެވިއެވެ. އަދި އިސްލާމްދީނުގެ ޢަޤީދާ ބަޔާންކޮށްދިނުމާއި އެކު އެޢަޤީދާގެ ރުކުން ކަމުގައިވާ ތަޥްޙީދަށް (الله سبحانه وتعالى އެއްކައުވަންތަކުރުމަށް)  މީސްތަކުންނަށް އުގަންނަވައިދެއްވުމަށް މާތް الله އެކަލޭގެފާނަށް އަމުރު ކުރެއްވިއެވެ. އެއީ އެއިލާހުގެ އިސްމަފުޅުތަކާއި ސިފަފުޅުތަކާއި އަދި އަޅުކަމުގައި އެއިލާހު އެއްކައުވަންތަ ކުރުމަށްޓަކައެވެ. ރަސޫލާصلى الله عليه وسلم  އެންމެ ފުރަތަމަ ކުރެއްވި ކަމަކީ އެއީއެވެ. އެކަލޭގެފާނު އެތަޥްޙީދުގެ ޞައްޙަ ޢަޤީދާއަށް، އެހެނިހެން ޙުކުމްތައް ބާވައިލެއްވުމުގެ ކުރިން 13 އަހަރު ވަންދެން ދަޢުވަތް ދެއްވިއެވެ.

އެކަލޭގެފާނަށް އެންމެފުރަތަމަ ކުރައްވާނެ ކަމެއްގެ ގޮތުގައި އަމުރުކުރެވުނީ ޢަރަބި ޤަބީލާތައް އެއްބައިވަނަތަކުރުވައި އެކަތިގަނޑަކަށް ހެދުމެއް ނޫނެވެ. ނުވަތަ އިޖްތިމާޢީ ހަމަހަމަކަށް ގޮވާލާކަށް ނޫނެވެ. އަދި އަންހެނުންގެ ޙައްޤުތަކަށް ގޮވާލާކަށްވެސް ނޫނެވެ. ނުވަތަ އިޤްތިޞާދީ ގޮތުން ހަމަހަމަކަމާއި އިންސާފަށް ގޮވާލާކަށްވެސް ނޫނެވެ. ޤަބީލާތައް އެއްބައިވަންތަ ކުރުމަށްޓަކައި އެޤަބީލާތަކުގެ ސިޔާސީ ކަންތައްތަކުގައި ޝާމިލް ވުމަކަށްވެސް ނޫނެވެ. ނުވަތަ ޝަރުޢީ ޙުކުމްތަކުން ދަޢުވަތް ފެއްޓެވުމަކަށްވެސް ނުމެ ނޫންމެވެ. އެހެނެއްކަމަކު އެދަޢުވަތް އެކަލޭގެފާނު ފެއްޓެވީ އެބައިމީހުންގެ ހިތްތައް ޙަޤީޤީ އެކުވެރިކަމަކުން އެކުވެރިކޮށްދޭނޭ އެއްބައިވަންތަކުރެވޭނޭ އެއްޗަކުންނެވެ. އެއީއިސްލާމްދީނުގެ  ސާފުޠާހިރު ޞައްޙަ ޢަޤީދާއެވެ.

އަދި الله سبحانه وتعالى ވަނީ އަޞްޙާބް ބޭކަލުންނަށް އެކަން ހަނަދުމަ ކޮށްދެއްވާފައެވެ. الله ވަޙީ ކުރައްވާފައިވެއެވެ.

وَاعْتَصِمُوا بِحَبْلِ اللَّـهِ جَمِيعًا وَلَا تَفَرَّقُوا وَاذْكُرُوا نِعْمَتَ اللَّـهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ النَّارِ فَأَنقَذَكُم مِّنْهَا كَذَٰلِكَ يُبَيِّنُ اللَّـهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ

މާނަ: “ތިޔަބައިމީހުން އެންމެންاللَّهގެ ވާފަށުގައި (އިސްލާމްދީނުގައި) ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި، اللَّه ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، ތިޔަބައިމީހުން ޢަދާވާތްތެރިން ކަމުގައިވަނިކޮށް، އެއިލާހު ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ދެން، އެއިލާހު ދެއްވި ނިޢުމަތުގެ ސަބަބުން ތިޔަބައިމީހުންނީ އަޚުންތަކެއް ކަމުގައި ވެއްޖައީމުއެވެ. އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން، އެއިލާހު ތިޔަބައިމީހުން އެއިން ސަލާމަތްކުރެއްވިއެވެ. اللَّه، އެއިލާހުގެ އާޔަތްތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ.”[4]

الله سبحانه وتعالى އެބައިމީހުންގެ ހިތްތައް އެކުވެރިކުރައްވައި (އިސްލާމީ ޢަޤީދާގެ މަތީގައި) އެއްބައިވަންތަ ކުރެއްވި ފަދައިން އެއިލާހުގެ ވާފަށް ކަމުގައިވާ އިސްލާމްދީނާއި އެދީނުގެ ޢަޤީދާގެ މަތީގައި ސާބިތުވެގެން، ބައިބައިނުވެ ތިބުމަށްވެސް އަމުރުކުރެއްވިއެވެ. އަދި މިއަމުރަކީ މިއުއްމަތުގެ ބާކީތިބި އެންމެންގެ މައްޗަށްވެސް އިއްވިފައިވާ އަމުރެކެވެ.

އަޞްޙާބް ބޭކަލުންނަށް ތަބާވުމަކީ ވާޖިބެކެވެ.

އަޞްޙާބް ބޭކަލުންގެ މަންހަޖަށާއި އެބޭކަލުން އެގޮތެއްގެ މަތީގައި ތިއްބެވި ގޮތުގައި ތިބުމަކީ ވާޖިބެއްކަމުގައި އަހްލުއް ސުންނާ ވަލް ޖަމާޢަތު ގެ ޢިލްމުވެރިން ވިދާޅުވެއެވެ. އެބޭކަލުން އެކަމުގެ މައްޗަށް ޤުރުއާނާއި ސުންނަތުން ވަރަށް ގިނަ ދަލީލުތަކެއް ގެންނަވާފައިވެއެވެ. އެދަލީލުތަކުގެ ތެރޭގައި އަންނަނިވި ނައްޞުތައް ހިމެނެއެވެ.

الله ވަޙީ ކުރައްވާފައިވެއެވެ.

وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ وَسَاءَتْ مَصِيرًا

މާނަ: “އަދި، އެމީހަކަށް ތެދުމަގު ބަޔާންވުމަށްފަހު، ރަސޫލާއާއާ ދެކޮޅުވެރިވެ، މުއުމިނުންގެ މަގު ނޫން މަގަކަށް ތަބާވާމީހާ (ދަންނާށެވެ!) އެމީހާ އިޚްތިޔާރުކުރި މަގަކަށް ތިމަންއިލާހު އެމީހާ ދޫކޮށްލައްވާ ހުށީމެވެ. އަދި،  ތިމަންއިލާހު އެމީހާ ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއީ، ނުބައިވެގެންވާ ނިމިދިޔުމެކެވެ.” [5]

ޢިލްމުވެރިންގެ ތެރެއިން އިމާމް ޝާފިޢީ -رحمه الله- (އވ 204 ހ) ފަދަ ބޭފުޅުން، މިއާޔަތުގެ މާނާގައި އަޞްޙާބް ބޭކަލުންގެ އިޖްމާޢަށް ތަބާވުމަކީ ވާޖިބެއްކަމުގައި ވިދާޅުވެފައިވެއެވެ. އެހެނީ މިއާޔަތުގައި الله ގެ ރަސޫލާصلى الله عليه وسلم އާއި ޚިލާފުވެ ދެކޮޅުވެރިވުމުގެ އިތުރަށް وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ، “މުއުމިނުންގެ މަގުނޫން އެހެން މަގަކަށް ތަބާވެއްޖެނަމަ” އެގޮތަށް އައިސްފައި އެބަވެއެވެ. އެހެން ބައެއް ޙަދީޘްތަކާއި އާޔަތްތަކުގެ އަލީގައި އެގިގެންދަނީ މިއާޔަތުގައި ބަޔާންވެގެންވާ މުއުމިނުންގެ މަގަކީ އެއީ އަޞްޙާބްބޭކަލުންގެ މަގު ނުވަތަ އެބޭކަލުންގެ ގޮތްކަމެވެ. އެއީ އެބޭކަލުންގެ ފަހުމާއި (ދީން ފަހުމްކޮށް ވިސްނިގޮތާއި) އެދީން ތަޠްބީޤްކޮށް ތަންފީޒުކުރެއްވި ގޮތެވެ.

އަދިވެސް الله ވަޙީ ކުރައްވާފައިވެއެވެ.

وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ذَٰلِكَ الْفَوْزُ الْعَظِيمُ

މާނަ: “މުހާޖިރުންނާއި، އަންޞާރުންގެ ތެރެއިން ކުރިން (އިސްލާމްދީނަށް ވަނުމުގައި) އިސްނެންގެވި ބޭކަލުންނާއި، ހެޔޮގޮތުގައި އެބޭކަލުންނާ ތަބާވީމީހުން (ދަންނާށެވެ!) اللَّه، އެއުރެންނަށް ރުހިވޮޑިގެންފިއެވެ. އަދި އެއުރެން  އެއިލާހާއި މެދު  ރުހުނޫއެވެ.  އަދި  އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެއިލާހު އެއުރެންނަށްޓަކައި ތައްޔާރުކުރެއްވިއެވެ. އެތާނގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ނަޞީބުލިބުމަކީ އެއީއެވެ. “[6]

މިއާޔަތުގައި الله سبحانه وتعالى ވަޙީ ކުރައްވާފައިވާ، އިޙްސާންތެރިކަމާއި އެކު މުހާޖިރުންނާއި އަންޞާރުންނަށް ތަބާވުމުގެ މާނަޔަކީ އެބޭކަލުންގެ އީމާންކަމާއި އެބޭކަލުންގެ ދީނަށް (ގޮތަށް) ތަބާވުމެވެ. ފަތުޙުލް ޤަދީރު (2/398) ގައި މިއާޔަތުން އިޝާރާތްކުރަނީ “އަޞްޙާބް ބޭކަލުންނަށްފަހު ދުނިޔެއަށް އައި އެބޭކަލުންގެ އަޞްހާބުންނާއި އެއަޞްޙާބުންގެ ފަހުން ޤިޔާމަތާއި ޖެހެންދެން ދުނިޔެއަށް އައި ކޮންމެ މީހެއް” ކަމުގައި އިމާމް ޝަޥްކާނީ-رحمه الله-  ވިދާޅުވެފައިވެއެވެ.

އަދިވެސް الله ވަޙީ ކުރައްވާފައިވެއެވެ.

وَالَّذِينَ جَاءُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ

މާނަ: “އަދި އެއުރެންގެ ފަހުން އައި މީހުން ބުނެތެވެ. އަޅަމެންގެ ވެރިއިލާހު! އަޅަމެންނަށާއި،އަދި އަޅަމެންނަށްވުރެ ކުރިން އީމާންވި، އަޅަމެންގެ އަޚުންނަށް ފާފަފުއްސަވާނދޭވެ! އަދި އީމާންވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި ޙަސަދަވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރިއިލާހު!  ހަމަކަށަވަރުން، އިބައިލާހުއީ، ނުހަނު އޯގާވަންތަ، ރަޙީމްވަންތަ އިލާހެވެ.”[7]

މިއާޔަތުގައި “އަދި އަޅަމެންނަށްވުރެ ކުރިން އީމާންވީ” މީހުންކަމަށް އިޝާރާތް ކުރެވިގެންވާ މީހުންނަކީ ރަސޫލާ صلى الله عليه وسلم ގެ އަޞްޙާބް ބޭކަލުންނެވެ. އެބޭކަލުންވަނީ އީމާންކަމުގައި، އެބަހީ އިސްލާމީ ޢަޤީދާ ގައްޔާއި އެއާއި ވިދިގެން އަންނަ ބަހާ ޢަމަލުގައި މުޅި އިސްލާމީ އުއްމަތުގެ މައްޗަށް ކުރި ހޯދާފައެވެ. މިއާޔަތުގައި މިވަނީ އަޞްޙާބް ބޭކަލުންނަށް ވުރެ ފަހުން ދުނިޔެ މައްޗަށް އައި މީހުން އެބޭކަލުންނަށް ކުރައްވާފައިވާ ތަޢުރީފެކެވެ. އެމީހުންގެ ހިތްތަކުގައި އެބޭކަލުންގެ މައްޗަށް އެއްވެސް ޙަސަދައެއް ރުޅިވެރިކަމެއް ނުވެއެވެ. އަޞްޙާބް ބޭކަލުން އީމާންތެރިކަމުގައި އެމީހުންނަށްވުރެ ކުރިއަރައި އިސްވެގެން ގޮސްފައިވާކަން އެމީހުން ޤަބޫލު ކުރެއެވެ. އަދި އެމީހުން އެބޭކަލުންނަށްޓަކައި ހެޔޮ ދުޢާ ކުރެއެވެ. އެހެންކަމުން އެބޭކަލުން އީމާންވީ ގޮތަށް އީމަންވުމަކީ ވާޖިބެއްކަމަށް ދަލީލު ލިބިގެންދެއެވެ. އެހެންކަމުން އީމާންވުމުގައި އެބޭކަލުންގެ އީމާންތެރިކަން، އެބަހީ އެބޭކަލުންގެ ޢަޤީދާގައްޔާއި އެއާއި ވިދިގެން އަންނަ ބަހާ ޢަމަލުގައި އެބެކަލުންނަށް ތަބާވުމަކީ ވާޖިބެކެވެ.

އަދިވެސް الله ވަޙީ ކުރައްވާފައި ވެއެވެ.

فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَوا وَّإِن تَوَلَّوْا فَإِنَّمَا هُمْ فِي شِقَاقٍ فَسَيَكْفِيكَهُمُ اللَّـهُ وَهُوَ السَّمِيعُ الْعَلِيمُ

މާނަ: “ފަހެ، ތިޔަބައިމީހުން(ރަސޫލާصلى الله عليه وسلمއާއި އެކަލޭގެފާނުގެ ޞަޙާބީން) އީމާންވެގެންތިބި ފަދައިން އެއުރެން އީމާންވިނަމަ، އެއުރެންނަށް ތެދުމަގު ލިބުނީސްކަން ކަށަވަރެވެ. އަދި އެއުރެން އެނބުރި ފުރަގަސްދީފިނަމަ، އެއުރެން ވާކަން ކަށަވަރީ، ދެކޮޅުވެރި ކަމެއްގެ ތެރޭގައެވެ. ފަހެ، اللَّه އެއުރެންގެ ކިބައިން ކަލޭގެފާނު ރައްކާތެރި ކުރައްވައި ސަލާމަތްކަން ދެއްވާނެތެވެ. އެއިލާހުއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”[8]

މިއާޔަތަކީ އަހްލު ކިތާބީންނާއި ބެހޭގޮތުން ބާވައިލެއްވުނު އާޔަތެއް ކަމުގައި ވިޔަސް ތަފްސީރު ޢިލްމުވެރިން އެއްބަސްވެލައްވާ ތަފްސީރުކުރުމުގައި ގެންގުޅޭ އުޞޫލެއް އޮވެއެވެ. އެއީ އާޔަތަކުން ދޭހަވާމާނަޔަކީ ހަމައެކަނި އެއާޔަތް ބާވައިލެއްވެވުނު ސަބަބުގެ މައްޗަށް ހިފެހެއްޓިގެންވާ އެއްޗެއްނޫނެވެ. އެހެނެއްކަމަކު އެއާޔަތުގެ ކަލިމަތައް އެކުވެގެން ދޭހަވާ މާނަޔަކީ ޢާންމުއެއްޗެކެވެ. އެހެން ކަމުން މިއާޔަތުން ދަލީލުލިބެނީ ހަމައެކަނި ހިދާޔަތް ލިބިގެންވާ މީހުންނަކީ ރަސޫލާصلى الله عليه وسلم ގެ ޞަޙާބީން އީމާންވީ ގޮތަށް އީމާންވީ މީހުންކަމެވެ. ސަބަބަކީ މިއާޔަތުގައި اللهسبحانه وتعالى  ވަޙީ   ކުރައްވާފައިވާ  فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ ” ފަހެ، ތިޔަބައިމީހުން (ރަސޫލާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަޙާބީން) އީމާންވެގެންތިބި ފަދައިން އެއުރެން އީމާންވިނަމަ” އޭ އެއޮތް ބަސްފުޅުގައި އައިސްފައިވާ ޟަމީރު މުޚާޠަބު (ދެވަނަ މީހާގެ ޟަމީރު ނުވަތ މުޚާޠަބު ކުރެވޭ ފަރާތުގެ ޟަމީރު) އޮތީ ޖަމްޢު (2 މީހުންނަށްވުރެ ގިނަ) ވެފައެވެ. އެއިން ދޭހަވަނީ މިއާޔަތުގައި “ތިޔަބައިމީހުން” ގެ ނަމުން މުޚާޠަބު ކުރެވިފައިވާ ފަރާތްތަކަކީ ރަސޫލާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަޙާބީންކަމެވެ. މި ސަބަބަށްޓަކައި އެމީހެއް އީމާންވީ ގޮތާއި އެމީހެއްގެ  ޢަޤީދާ، އަޞްޙާބް ބޭކަލުންގެ ޢަޤީދާއާއި  އެބޭކަލުން އީމާންވީ ގޮތާއި ތަފާތު ވެއްޖެނަމަ އެފަދަ މީހަކު އެހުރީ ޙައްޤު މަގުން އެއްކިބާވެގެންހުރި ޙާލު އެބޭކަލުންނާއި ދެކޮޅުވެރިވެގެންނެވެ.

ސުންނަތުން ވާރިދުވެގެން އައިސްފައިވާ ދަލީލުތަކަށް ބަލައިލާއިރު ޢިމްރާން ބިން ޙުސައިން رضي الله عنه ގެ ކިބައިން ރިވާވެގެން އައިސްފައިވާ ޙަދީޘެއްގައި ވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

خير الناس قرني ثم الذين يلونهم ثم الذين يلونهم ثم الذين يلونهم

މާނަ: “މީސްތަކުންގެ ތެރެއިން އެންމެ ހެޔޮވެގެންވަނީ ތިމަންކަލެގެފާނުގެ ޒަމާނުގައި އުޅުނު މީހުންނެވެ. ދެން އެއަށްފަހު އަންނަ މީހުންނެވެ. ދެން އެއަށްފަހު އަންނަ މީހުންނެވެ.”[9]

އަދި އިމާމް ބުޚާރީ-رحمه الله-  ރިވާ ކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

خير الناس قرني ثم الذين يلونهم ثم الذين يلونهم ثم يجيء قوم تسبق شهادة أحدهم يمينه ويمينه شهادته

މާނަ: ” މިއުއްމަތުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ޤަރުނަކީ ތިމަންކަލޭގެފާނުގެ ޤަރުނެވެ. ދެން އެއަށްފަހުން އައި މީހންނެވެ. ދެން އެއަށްފަހުން އައި މީހުންނެވެ. ދެން އެއަށްފަހު ބަޔަކު އަންނާނެއެވެ. އެބައިމީހުނެގެ ތެރެއިން މީހެއްގެ ހެކިބަސް ހުވަޔަށްވުރެ އިސްކުރާނެއެވެ. އަދި ހެކިބަހުގެ މައްޗަށް ހުވައި އިސްކުރާނެއެވެ.”

އަދި ތިރްމިޛީ  -رحمه الله-ރިވާކުރައްވާފއިވާ ޙަސަން ދަރަޖައިގެ ޙަދީޘެއްގައި ވެއެވެ.

وتفترق أمتي على ثلاث وسبعين فرقة، كلها في النار إلا واحدة ” فقيل له: ما الواحدة؟ قال: “ما أنا عليه اليوم وأصحابي”

މާނަ: “އަދި ތިމްނަކަލެގެފާނުގެ އުއްމަތް 73 ބަޔަކަށް ބެހިގެންދާނެއެވެ. އޭގެ ތެރެއިން އެންމެ ބައިގަނޑެއް ފިޔަވައި އެހެން ހުރިހާ ބައިގަނޑުތަކެއް ވަނީ ނަރަކައިގައެވެ. އެކަލޭގަފާނާއި ސުވާލު ދެންނެވުނެވެ. “އެ ބައިގަނޑަކީ ކޮބައިތޯއެވެ؟” އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “އެއީ މިއަދު ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ އަޞްޙަބް ބޭކަލުން އެގޮތެއްގެ މަތީގައި ތިބި ގޮތުގައި ތިބޭ މީހުންނެވެ.”

އިމާމް އަޙްމަދާއި އިމާމް ނަސާއީއާއި އަދި އެހެންބޭފުޅުން رحمهم الله ރިވާކުރައްވާފައިވާ އަބްދުالله ބިން މަސްޢޫދު-رضي الله عىه-ގެ ރިވާޔަތެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.

خط لنا رسول الله – صلى الله عليه وسلم – خطا فقال: هذا سبيل الله، ثم خط خطوطا عن يمينه وعن شماله ثم قال: هذه سُبل متفرقة، على كل سبيل منها شيطان يدعو إليه، ثم تلا ” وَأَنَّ هَـٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ “

މާނަ: ރަސޫލުالله صلى الله عليه وسلم އަހަރެމެންނަށްޓަކއި (ބިންމަތީގައި) ރޮގެއް ކުރެއްސެވިއެވެ. އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. “މިއީ الله ގެ މަގެވެ.” ދެން އެއަށްފަހު އެކަލޭގެފާނު އޭގެ ކަނާތް ފަރާތުންނާއި ވާތްފަރާތުން އެހެން ރޮނގުތަކެއް ކުރެއްސެވިއެވެ. އެއަށްފަހު ޙަދީޘްކުރެއްވިއެވެ. “މިއީ (އެހެން) މަގުތަކެކެވެ. މިއިން ކޮންމެ މަގެއްގައި އެމަގަށް ދަޢުވަތުދީ ގޮވާލާ ޝައިޠާނަކުވެއެވެ.” އެއަށްފަހު އެކަލޭގެފާނު (ޤުރުއާނުގެ އާޔަތް) ކިޔަވާވިދާޅުވިއެވެ.  وَأَنَّ هَـٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ  (މާނަޔަކީ ” އަދި ހަމަކަށަވަރުން މިއީ ތިމަން އިލާހުގެ ސީދާވެގެންވާ ތެދުމަގެވެ. އެހެންކަމުން އެމަގަށް ތިޔަބައިމީހުން ތަބާވާށެވެ. (އެހެން) މަގުތަކަށް ތަބާނުވާށެވެ. (އެހެން މަގުތަކަށް ތަބާވެއްޖެނަމަ) الله ގެ މަގުން ތިޔަބައިމީހުން އެއްކިބާވެގެން ހިގައިދާނެއެވެ.”[10]

ކުރިން ބަޔާންވެގެން ދިޔަ ޙަދީޘްތަކުގެ އަލީގައި މިޙަދީޘަށް ނަޒަރުހިންގައިލުމުން ދަލީލުލިބި އެގިގެންދަނީ ޞަޙާބީ ބޭކަލުން ތިއްބެވީ ރަސޫލާ صلى الله عليه وسلم އެމަގަކަށް ދަޢުވަތުދެއްވި މަގުގެ މަތީގައި ކަމެވެ. އަދި އެންމެ ޞައްޙަ ގޮތުގައި ދީނުގައި ފައިތިލަ ސާބިތުކުރީ އެބޭކަލުން ކަމެވެ. އެދީނުގެ އަސާސު ކަމުގައިވާ ޢަޤީދާގައި ޞައްޙަގޮތުގައި އެއްބައިވެގެންތިބި ޖަމާޢަތަކީ އެބޭކަލުންގެ ޖަމާޢަތް ކަމެވެ.

ބިދުޢަޔާއި އޭގެ އަހުލުވެރިންގެ ކިބައިން (މީސްތަކުންނަށް) އިންޒާރުދިނުން

މުސްލިމް އުއްމަތް ބައިބައިވެގެން ދާނެކަން ބަޔާންކޮށްދެއްވުމަށްފަހު އެބައިބައިވުންތަކުގެ ސަބަބުތައްވެސް ރަސޫލާصلى الله عليه وسلم  ވަނީ ބަޔާންކޮށްދެއްވާފައެވެ. އެސަބަބުތަކުގެ ތެރެއިން އެންމެ ބޮޑު ސަބަބަކީ ދީނުގެ ތެރެއަށް އަލަށްވެއްދޭ ބިދުޢަތަކެވެ. އެހެންކަމަށްވުމާއިއެކު މިކަމާއި ވިދިގެން އައިސްފައިހުރި ރަސޫލާصلى الله عليه وسلم ގެ ޙަދީޘްތައް ވަރަށް ގިނައެވެ. ވީމާ ތިރީގައި މިވަނީ އޭގެ ތެރެއިން ބައެއް ދަލީލުތަކެކެވެ.

އޭގެތެރޭގައި ޢިރްބާޟް ބިން ސާރިޔާ رضي الله عنه، ރަސޫލާصلى الله عليه وسلمގެ އަރިހުން ރިވާކުރައްވާފައިވާ އަންނަނިވި މަޝްހޫރު ޙަދީޘް ހިމެނެއެވެ.

أوصيكم بتقوى الله والسمع والطاعة وإن عبدا حبشيا فإنه من يعش منكم بعدي فسيرى اختلافا كثيرا فعليكم بسنتي وسنة الخلفاء الراشدين المهديين تمسكوا بها وعضوا عليها بالنواجذ وإياكم ومحدثات الأمور فإن كل محدثة بدعة وكل بدعة ضلالة

މާނަ: ” الله އަށް ތަޤުވާވެރިވުމަށާއި (ވެރިމީހާއަށް) އަޑުއަހައި ކިޔަމަންގަތުމަށް ތިމަން ކަލޭގެފާނު ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރަމެވެ. އެއީ އެނާ (ވެރިމީހާ) އަކީ ޙަބަޝީ އަޅެއްކަމުގައި ވިޔަސްމެއެވެ. އެހެނީ ހަމަކަށަވަރުން ތިޔަބައިމީހުންކުރެ ތިމަންކަލޭގަފާނަށް ފަހުގައި ދިރިއުޅޭނޭ ބަޔަކަށް ވަރަށް ގިނަ ޚިލާފްތައް ފެންނާނެއެވެ. އެހެންކަމުން ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަންކަލޭގެފާނުގެ ސުންނަތާއި ތިމަންކަލޭގެފާނުގެ ތެދުމަގު ލިބިވަޑައިގެންތިއްބެވި ޚަލީފާއިންގެ ސުންނަތައް ތަބާވުމެވެ. އޭގައި ތިޔަބައިމީހުން ހިފަހަށްޓާށެވެ. ކޮލު ދަތްތަކުން ވަރުގަދަޔަކަށް އޭގައި ހިފަހައްޓައިގެން ތިޔަބައިމީހުން ތިބޭށެވެ. އަދި ދީނުގެ ތރެއަށް އަލައްވެއްދޭ ކަންތައްތަކާއިމެދު ސަމާލުވަށެވެ. ފެހެ ދީނުގެ ތެރެއަށް އަލަށްވެއްދޭ ކޮންމެ ކަމަކީ ބިދުޢަތެކެވެ. އަދި ކޮންމެ ބިދުޢަތަކީ މަގުފުރެދުމެކެވެ.”

އަދި ރަސޫލުاللهصلى الله عليه وسلم  ޙަދީޘް ކުރެއްވިކަމަށް ޢާއިޝާ-رضي الله عنها-ގެ ކިބައިން އިމާމް ބުޚާރީއާއި އިމާމް މުސްލިމް رحمهما الله ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ.

من أحدث في أمرنا هذا ما ليس منه فهو رد

މާނަ: “އޭގެތެރެއިން ނުވާ އެއްޗެއް އަހަރެމެންގެ މިކަމުގެ (އިސްލާމްދީނުގެ) ތެރެއަށް ވައްދައިފިމީހާގެ އެކަމެއް ވަނީ އެމީހަކަށް ރައްދުކުރެވިގެންނެވެ.”

އަދިވެސް ޢާއިޝާ-رضي الله عنها-ގެ ކިބައިން އިމާމް މުސްލިމް-رحمه الله- ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. ރަސޫލު اللهصلى الله عليه وسلم  ޙަދީޘްކުރެއްވިއެވެ.

من عمل عملاً ليس عليه أمرنا فهو رد

މާނަ: “އަހަރެމްނެގެ އަމުރާއި (ކަމަކާއި) އެއްގޮތްނުވާ ޢަމަލެއް ކޮށްފި މީހާގެ ޢަމަލު ވަނީ އެމީހަކަށް ރައްދުކުރެވިގެންނެވެ.”

އެހެންކަމުން މިކަމަކީ ޞަޙާބީ ބޭކަލުން ރަނގަޅަށް ދެނެވަޑައިގެން ތިއްބެވިކަމެކެވެ. އަދި އެބޭކަލުންނަށްފަހުގައި އެބޭކަލުންނަށް ތަބާވީ މީހުންވެސް މިކަން ރަނގަޅަށް ދެނެވަޑައިގެން މިކަމާއިމެދު ސަމާލުވެވަޑައިގެން ތިއްބެވިއެވެ. އެގޮތުން:

 • އިމާމް ބައިޙަޤީ-رحمه الله- އެކަލެގެފާނުގެ ‘ސުނަނުލް ކުބުރާ’ ކިޔުނު ފޮތުގައި އިބްނު ޢައްބާސް رضي الله عنهما (އވ 68 ހ) ވިދާޅުވެފައިވާކަމަށް ލިޔުއްވާފައި ވެއެވެ. “ހަމަކަށަވަރުން الله ގެ ޙަޟްރަތުގައި އެންމެ ހަޑިހުތުރުކަން ބޮޑުވެގެންވާ އެއްޗަކީ ބިދުޢައެވެ” (4/316)
 • އިމާމް ލާލިކާއީ-رحمه الله- އެކަލޭގެފާނުގެ ‘ޝަރްޙު އުޞޫލުލް އިޢުތިޤާދު’ ކިޔުނު ފޮތުގައި ޙަސަން އަލް-ބަޞަރީ-رحمه الله- ވިދާޅުވިކަމަށް ލިޔުއްވާފައިވެއެވެ. “ބިދުޢަވެރިންނާއި ހަވާނަފްސުގެ އަހުލުވެރިންނާއި އެކީ ކަލޭ އިށީދެ ނަހަދާށެވެ. އެބައިމީހުންނާ ޒުވާބު ކޮށް ޖަދަލު ނުކުރާށެވެ. އަދި އެމީހުން ދައްކާވާހަކަ އަޑުނާހާށެވެ.” (ނ.267)
 • އިމާމް ލަލިކާއީ-رحمه الله- އެކަލޭގެފާނުގެ ‘ޝަރްޙު އުޞޫލުލް އިޢުތިޤާދު’ ކިޔުނު ފޮތުގައި ފުޟައިލް ބިން ޢިޔާޟް-رحمه الله- (އވ 187 ހ) ވިދާޅުވިކަމަށް ލިޔުއްވާފައިވެއެވެ. “އަހަރެން މީސްތަކުންގެ ތެރެއިން އެންމެ ހެޔޮ އެންމެ ރަނގަޅު މީސްމީހުންނާއި ބައްދަލުކުރީމެވެ. އެ އެންމެންނަކީވެސް ސުންނަތުގެ އަހުލުވެރިންނެވެ. އަދި ބިދުޢަވެރިންނާއި އެކީ އެޅުން، އެއެންމެވެސް މަނާކުރިއެވެ.” (ނ. 267)
 • އިބްރާހީމް ބިން މައިސަރާ-رحمه الله- (އވ 132 ހ) ވިދާޅުވިކަމަށް އިމާމް ލަލިކާއީ-رحمه الله- ރިވާކުރައްވާފައިވާ ރިވާކޔަތެއްގައި ވެއެވެ. “ބިދުޢަވެރިޔަކު ކަރާމަތްތެރިކޮށް އޭނާއަށް ޝަރަފުދީފިމީހާ އިސްލާމްދީން ހަލާކުކުރުމުގައި އެހީތެރިވެދީފިއެވެ.” (1/139)
 • އަބޫ ނުޢައިމް-رحمه الله- އެކަލޭގެފާނުގެ ‘ޙިލްޔާ’ ކިޔުނުފޮތުގައި (7/26) އަދި އިބްނި ބައްޠާ-رحمه الله- (ނ 444) ، ސުފްޔާނުއް ޘައުރީ-رحمه الله- ވިދާޅުވެފައި ވާކަމަށް ރިވާކުރައްވާފައިވެއެވެ. ” ބިދުޢަވެރިޔާ ދައްކާ ވާހަކަތައް އަޑުއަހައިފި މީހާ الله ގެ ރައްކާތެރިކަމުން ބޭރުވެގަނެފިއެވެ. އަދި އެމީހާ ބިދުޢައިގެ މައްޗަށް ދޫކޮށްލެވޭނެއެވެ.”
 • އިމާމް ބަޣަވީ-رحمه الله- އެކަލޭގެފާނުގެ ‘ޝަރްޙުއް ސުންނާ’  ކިޔުނު ފޮތުގައި އިމާމް މާލިކް-رحمه الله- (އވ 179 ހ) ވިދާޅުވެފައިވާކަމަށް ލިޔުއްވާފައިވެއެވެ. ” ބިދުޢަވެރިންނަކީ ހާދަ ނުބައި ބައެކެވެ! އަހަރެމެން އެމީހުންނަށް ސަލާމް ގޮވައި ނޫޅެމެވެ.” (1/234)
 • އިމާމް ލަލިކާއީ-رحمه الله-ގެ ‘ޝަރްޙު އުޞޫލުލް އިޢުތިޤާދު’ ކިޔުނު ފޮތުގައި އައް-ޘާބިތް ބިން އަލް-އަޖްލާން-رحمه الله- ވިދާޅުވިކަމަށް ލިޔުއްވާފައިވެއެވެ. ” އަނަސް ބިން މާލިކް، އިބްނުލް މުސައްޔިބް، ޙަސަން އަލް-ބަޞަރީ، ސަޢީދު ބިން ޖުބައިރް، އައް-ޝަޢުބީ، އިބްރާހީމް އައް-ނަޚާޢީ، އަޠާއު ބިން އަބީ ރިޔާޙް، ޠާވޫސް، މުޖާހިދު، އަބްދުالله ބިން އަބީ މުލައިކާ، އައްޒުހުރީ، މަކްޙޫލް، އަބޫ ޢަބްދުއް-ރަޙްމާން އަލް-ޤާސިމް، އަޠާއު އަލް-ޚުރާސާނީ، ޘާބިތް އަލް-ބަނާނީ، އަލް-ޙަކަމް ބިން ޢުތުބާ، އައްޔޫބް އައް-ޝަކްތިޔާނީ، ޙައްމާދު ބިން މުޙައްމަދު ބިން ސީރީން، އަބޫ ޢާމިރު ޔަޒީދު އައް-ރިޤާޝީ – މިކަލޭގެފާނު ވަނީ އަބޫބަކުރުއް ޞިއްދީޤާއި ބައްދަލުކުރައްވާފަ- އަދި ސުލައިމާން ބިން މޫސާ، މިއެންމެހައި ބޭބޭފުޅުންނާއި އަހަރެން ބައްދަލުކުރީމެވެ. އެ އެންމެންވެސް އަހަރެންނަށް އަމުރުކުރެއްވީ ޖަމާޢަތާއި އެކީ ވުމަށެވެ. އަދި ހަވާނަފްސުގެ އަހުލުވެރިން (އެބަހީ ބިދުޢަވެރިންގެ) ކިބައިން އަހަރެންނަށް އިންޒާރުދީ މަނާކުރެއްވެވިއެވެ.” (ނ 239)
 • އިމާމް އަޙްމަދު-رحمه الله- އެކަލޭގެފާނުގެ މަޝްހޫރު ފޮތެއްކަމުގައިވާ ‘އުޞޫލުއް ސުންނާ’ ފައްޓަވަމުން ލިޔުއްވާފައިވެއެވެ.
  أصول السنة عندنا: التمسك بما كان عليه أصحاب رسول الله صلى الله عليه وسلم – والاقتداء بهم، وترك البدع وكل بدعة فهي ضلالة، وترك الخصومات والجلوس مع أصحاب الأهواء
  މާނަ : ” އަހަރެމެންގެ ކައިރީގައި ސުންނަތުގެ މައިގަނޑު އުޞޫލުތަކަކީ: ރަސޫލާ صلى الله عليه وسلم ގެ އަޞްޙާބް ބޭކަލުން އެގޮތެއްގެ މަތީގައި ތިއްބެވި ގޮތުގައި ތިބުން – އެބޭކަލުން (އަދި އެބޭކަލުންގެ ގޮތަކީ) ނަމޫނާއެއް ކަމަށް ބަލައި އެގޮތައް ތަބާވުން- އަދި އަރައިރުންވުމާއި ޒުވާބުކުރުމާއި ހަވާނަފްސުގެ އަހުލުވެރިން ކައިރީ އިށީނުމުން ދުރުހެލިވުމެވެ. އަދި ބިދުޢަތަކާއި ދުރައްދިޔުމެވެ. ފަހެ ބިދުޢަތަކީ އެއީ މަގުފުރެދުމެކެވެ. “
 • އިމާމް ބަރްބަހާރީ-رحمه الله- (އވ 329 ހ) އެކަލޭގެފާނުގެ ‘ޝަރްޙުއް ސުންނާ’ ކިޔުނު ފޮތުގައި ވިދާޅުވެފައިވެއެވެ.
  والأساس الذي تبنى عليه الجماعة، هم أصحاب محمد -صلى الله عليه وسلم- ورحمهم الله أجمعين، وهم أهل السنة والجماعة، فمن لم يأخذ عنهم، فقد ضل وابتدع، وكل بدعة ضلالة، والضلالة وأهلها في النار
  މާނަ : ” މުސްލިމުންގެ ޖަމާޢަތް ބިނާވެގެންވާ އަސާސަކީ  މުޙައްމަދުصلى الله عليه وسلم ގެ ޞަޙާބީންނެވެ. މާތް الله އެ އެންމެހާ ޞަޙާބީންނަށް ރަޙުމަތްލައްވާށިއެވެ. އަދި އެބޭކަލުންނަކީ އަހްލުއްސުންނާ ވަލް ޖަމާޢަތެވެ. އެހެންކަމުން އެ ޞަހާބީންގެ ކިބައިން (ދީން ނުވަތަ ޢިލްމު) ނުނަގައިފި މީހާ، ފަހެ އެމީހަކު މަގުފެރެދި ބިދުޢަވެރިވެއްޖެއެވެ. އަދި ކޮންމެ ބިދުޢަތަކީ މަގުފުރެދުމެކެވެ. އަދި މަގުފުރެދުމާއި އޭގެ އަހުލުވެރިން ވަނީ ނަރަކައިގައެވެ.”

މިއީ މި މަޢުޟޫއާއި ގުޅޭގޮތުން އައިސްފައިވާ އެތައް ބައިވަރު ރިވާޔަތް ތަކެއްގެ ތެރެއިން މަދު އެތިކޮޅެކެވެ. އެ ހުރިހާ ރިވާޔަތްތަކެއް ދަލީލު ކޮށްދެނީ އިސްލާމްދީން އޭގެ އެންމެ ސާފުކަން މަތީގައި އޮތްކަމާއި އަޞްޙާބް ބެކަލުން އެދީނަށް އެންމެފުރިހަމަޔަށް ބޯލެބި ކަމެވެ. އަދި އެކަމުގެ ސަބަބުން އެބޭކަލުންނަށް ޢިއްޒަތާއި، ޝަރަފާއި، ޤަދަރާއި ، ބާރާއި ވެރިކަން ދެއްވިކަމެވެ. އަދި މަތިވެރިވެގެންވާ ނަޞްރަކުން ނަޞްރުދެއްވިކަމެވެ. އޭގެ މަތިވެރިކަމުގެ ސަބަބުން މަޝްރިޤާއި މަޣުރިބު ފަތަޙަވެގެން ދިޔައެވެ. އެ މަތިވެރި ކާމިޔާބީގެ ހަމައެކަނި ސިއްރަކީ، ބަޔާންވެދިޔަ ރިވާޔަތްކުން ސާބިތުވާފަދައިން އެބޭކަލުންގެ ޞައްޙަ ޢަޤީދާއާއި ފުރިހަމަ އީމާންތެރިކަމެވެ. ބިދުޢަތަކާއި އޭގެ އަހުލުވެރިންނާއި، އިސްލާމްދީން އިދަޖައްސާލުމުގައްޔާއި މުސްލިމް އުއްމަތް ބައިބައިކުރުވުމުގައްޔާއި އީމާންކަމުގެ ކިއްލާތައް ފުނޑުފުނޑު ކުރުމުގައި އެ ބިދުޢަވެރިންގެ ދައުރަކީ ކޮބައިކަމާއި ބެހޭގޮތުން ހުރި ޙަދީޡްތަކުގައި އައިސްފައިވާ ބަސްފުޅުތައް އެބޭކަލުންނާއި އެބޭކަލުންނަށް ތަބާވީ މީހުން ރަނގަޅަށް ފަހުމްކޮށް ދަނެއެވެ.


masdharu:http://maruhabaa.com/

[1] سورة المائدة 3

[2] سورة المائدة 67

[3] صحيح البخاري و مسلم

[4]سورة الأل عمران 103

[5] سورة النّساء 115

[6] سورة التّوبة 100

[7] سورة الحشر 10

[8] سورة البقرة 137

[9] معجم الكبير و صحيح ابن حبّان

   [10] سورة الأنعام 153

އިސްތިހާރު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Flickr Photos

welcome

%d bloggers like this: