މޮނިއުމަންޓްތައް ނެގުމަށް އިސްލާމިކް މިނިސްޓްރީން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައިފި

ސާކް ސަމިޓާ ދިމާކޮށް އައްޑޫގައި ބެހެއްޓި އިސްލާމްދީނާއި ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ ފުށުއަރާ މޮނިއުމަންޓްތައް ނެގުމަށް އިސްލާމިކް މިނިސްޓްރީން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ބުރާސްފަތި ދުވަހު ވިދާޅުވީ އިސްލާމްދީނާ ފުށުއަރާ، އަދި އެހެން ދީންތައް ރަމްޒުކޮށްދޭ ގޮތަށް ހުރި މޮނިއުމަންޓްތައް ނަގަން އެންގީ ރައީސް އޮފީހަށާއި ފޮރިން މިނިސްޓްރީ އަށް ކަމަށެވެ. އަދި އައްޑޫ ކައުންސިލް އިދާރާ އަށް ވެސް ބުރާސްފަތި ދުވަހު އެކަން އަންގަވާނެ ކަމަށް ޑރ. މަޖީދު ވިދާޅުވި އެވެ.

“ޕާކިސްތާން ހައި ކޮމިޝަނަރާ ވެސް އަޅުގަނޑު އެ ވާހަކަ ދެއްކިން. އަޅުގަނޑާ އޮންނަ ގާތް ގުޅުމުގެ ތެރެއިން ހައި ކޮމިޝަނަރާ އެ ވާހަކަ ދެއްކި ނަމަވެސް އެމްބަސީތަކާ ބެހޭ ކަންތައްތައް ކުރާނީ ފޮރިން މިނިސްޓްރީން. އެހެންވީމަ އެމްބަސީތަކާ ވާހަކަ ދައްކައިގެން މޮނިއުމަންޓްތައް ނެގުމަކީ ފޮރިން މިނިސްޓްރީގެ ކަމެއް،” އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.

ޕާކިސްތާން މޮނިއުމަންޓުގައި ރޯކޮށްލުމުން، އޭގެ އެއް ފަޅި އަނދާފައި.

ޑރ. މަޖީދު ވިދާޅުވީ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ފުށުއަރާ މޮނިއުމަންޓްތައް އައްޑޫގައި އެބަހުރި ކަމަށެވެ. އެހެންވެ އެ ތަކެތި ބަހައްޓައިގެން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދުގެ ހަ ވަނަ މާއްދާގައި ވަނީ “ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީނެއް ފެތުރުން ނުވަތަ އެހެން ދީނަކަށް މީހުން ވެއްދުމަށް މަސައްކަތް ކުރުމަކީ މަނާ ކަމެކެވެ. އަދި އިސްލާމްދީން ފިޔަވައި އެހެން ދީނެއްގެ ޝިއާރެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއް، ދިވެހިރާއްޖޭގެ އެއްވެސް މުޖުތަމައެއްގައި އާންމުކޮށްގެން ގެންގުޅުމާއި އެ އެއްޗެއްގެ މައްޗަށް މީސްތަކުންގެ ޝައުގުވެރި ކުރުވުމަށް މަސައްކަތް ކުރުމަކީ މަނާ ކަމެކެވެ،” މިހެންނެވެ.

ސާކް ސަމިޓާ ދިމާކޮށް އައްޑޫގައި ބެހެއްޓި މޮނިއުމަންޓްތަކުގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަނީ ހިތަދޫގައި ބެހެއްޓި ޕާކިސްތާނުގެ މޮނިއުމަންޓާ މެދުގަ އެވެ. ޕާކިސްތާނަށް އިސްލާމްދީން އައި ގޮތް ދައްކައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ އެ މޮނިއުމަންޓުގައި “ބުދު”ތަކެއް ހިމެނޭތީ އެކަމާ ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެ މޮނިއުމަންޓަށް ތަފާތު އެތައް ފަހަރެއްގެ މަތިން ގެއްލުންދީ އެންމެ ފަހުން އޭގެ މަތީ ބައި ވަނީ ބަޔަކު ވަގަށް ނަގައިފަ އެވެ. މީގެ އިތުރުން މަރަދު އަށް އަރާ ސަރަހައްދުގައި ހުރި ލަންކާގެ މޮނިއުމަންޓަށް ބަޔަކު ވަނީ ބުދަ ދުވަހު ކަޅުތެޔޮ ޖަހައިފަ އެވެ.

ޕާކިސްތާންގެ މޮނިއުމެންޓްގެ މަތީ ބައި ވަގަށް ނަގާފައި.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ބުރާސްފަތި ދުވަހު ވިދާޅުވީ އެއްވެސް ސަރުކާރަކުން ރާއްޖެ އަށް ދީފައިވާ މޮނިއުމަންޓެއް، “ބޮލާލާ ޖެހުމަކީ” ސަރުކާރަށް ފަސޭހަ ކަމެއް ނޫން ކަމަށެވެ.

“ހާއްސަކޮށް އަޅުގަނޑުމެންނަށް ވުރެ އިސްލާމީ އިލްމުވެރިން ގިނަ، އިސްލާމްދީނަށްޓަކައި މާ ގިނަ ކަންތައްތައް ކުރައްވަމުން ގެންދަވާ އެކުވެރި އިސްލާމީ ދައުލަތަކުން ކުރައްވާފައިވާ އެ ބާވަތުގެ ކަމެއް ބޮލާލާ ޖެހުމަކީ ފަސޭހަ ކަމަކަށް ނުވާނެ. އެއްވެސް އިސްލާމީ ދައުލަތަކާއި އަނެއް ދައުލަތަކާ ދެމެދު އެކަން އެހެނެއް ނޯވޭ،” ޒުހައިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޮނިއުމަންޓްތަކުގެ މައްސަލާގައި ގޮތެއް ނިމޭނީ އިސްލާމިކް މިނިސްޓަރާއި ޕާކިސްތާން ހައިކޮމިޝަނަރާ ދެމެދު ކުރައްވާ މަޝްވަރާތަކަށް ފަހު ކަމަށެވެ.

“އިސްލާމިކް މިނިސްޓަރަށް އަޅުގަނޑުމެން އެއްބާރުލުން ދޭނަން. މިކަމުގައި ދީނީ ގޮތުން އޮންނަ ގޮތް އެ މަނިކުފާނު ވިދާޅުވާނެ،” ޒުހައިރު ވިދާޅުވި އެވެ. “އެއާއެކު ރައްޔިތުންގެ ޝުއޫރުތަކަށް އަޅުގަނޑުމެން އިހުތިރާމް ކުރާނަން އަބަދުވެސް.

އިސްތިހާރު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Flickr Photos

welcome

%d bloggers like this: