loabivaa anbimeehaa ufalugaa behehtumahtakaaa……

loabiva anbimeehaa ufalugaa behehtumah takai

އިސްތިހާރު

!ޑިމޮކްރަސީ އަކީ މުސްލިމުންގެ މިނިވަންކަން ނަގައިލުމަށް ހުޅުވައިލެވޭ ދޮރެކެ

ދިވެހިރާއްޖެއަކީ މިނިވަން ޤައުމެކެވެ. އެއް ދީނަކަށް ތަބަޢަވާ އެއްބައިވަންތަ އެއްބައެއްވަންތަ ބަޔަކު ދިރިއުޅެމުން އަންނަ ބިމެކެވެ. އަމަންއަމާން ކަމުގައި އެހެނިހެން މީހުން މިސާލެއްގެ ގޮތުގައި ދެކެމުންއައި ތަނެކެވެ. އެހެނަސް މިއަދު ދިވެހިރާއްޖެ މިއޮތީ ބަދަލުވެފައެވެ. ދިވެހިން މިވަނީ ބަދަލުވެފައެވެ. ދިވެހިންގެ އާދަކާދަތައްވެސް މިވަނީ ބަދަލުވެފައެވެ. ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ޣަރަޤުވެފައެވެ. ލާދީނީ ފިކުރުތަކާއި ބައިބައިވުމަށް ގޮވާލާ އޮއިވަރުތަކުގައިޖެހިފައެވެ. ދުލާއި ޤަލަމުގެ ލަގަން ހިފަހައްޓަން ނޭގޭ ލިޔުންތެރިންނާއި، ޙަޤިޤަތް ފޮރުވައި ދޮގު ތެދަށް ހަދައި އަދި ތެދު ދޮގަށް ހަދާ ނޫސްވެރިންނާއި، ރުއްގިނަކުރުމަށް އަނގަ ގަދަ ކުރާ ޖާހިލުންނާއި، މިނިވަންކަމާއި ދީން ފަސާދަ ކުރުމަށް މަސައްކަތް ކުރާ މުޝްތަޝްރިގުންނާއި ކެހިވެރިންގެ މަޅިތަކަށް މަޑުމަޑުން ފެތެމުން ދާކަމީ މިއަދު ސަލާމަތް ބުއްދިއެއްހުރި ކޮންމެ މީހަކަށްވެސް ވިސްނޭނެކަމެކެވެ.

ޤައުމެއްގެ މިނިވަންކަން ފޭރިގަނެވޭނޭ ވަރަށް ގިނަ ގޮތްތަށް ހުރެއެވެ. ސިޔާސީގޮތުން ނުފޫޒު ފޯރުވައިގެންނާއި، އެހީގެ ނަމުގައި ދެވޭ ފައިސާގެ ނޫޓުންނާއި، ޚިޔާނާތްތެރިންގެ އަތްމަތިންނާއި، ފިކުރީ ހަނގުރާމައިގެ އެހީގައްޔާއި ކަނޑި ބަޑީގެ އެހީގައެވެ. އަދި މިނޫންވެސް އެކި އެކި ވަޞީލަތްތަކުގެ އެހީގައެވެ. މިގޮތުން، ހުޅަނގުގެ އިސްތިޢުމާރީ ބާރުތަކުން ހުއްޓުމެއްނެތި ކުރަމުން އަންނަ މަސައްކަތަކީ މުސްލިމުންގެ މުޖްތަމަޢުތަކަށް ފިކުރީހަނގުރާމާއިގެ އެންމެ ތޫނު ހަތިޔާރު ކަމުގައިވާ ޑިމޮކްރަސީގެ ޒަރީޢާއިން ޙަމަލާދިނުމެވެ. ނުވަތަ ޑިމޮކްރަސީ ފެތުރުމެވެ. އެގޮތުން މިއަދު ދިވެހިރާއްޖޭގައިވެސް މިނިޒާމް މިވަނީ ޤާއިމް ކުރެވިފައެވެ.

ޙަޤީޤަތަށް ދަންނަވާނަމަ ވެ. އެދޮރުގެ ތެރެއިން ބޭރުގެ އެކި ނުފޫޒުތައް ހިފެހެއްޓުމެއްނެތި އާދެއެވެ. އިންސާފުވެރި ލޮލަކަށް، ދުނިޔޭގެ މަޝްރިޤާއި މަޣުރިބަށް ނަޒަރު ހިންގާލުމުން ޑިމޮކްރަސީގެ ޙަޤީޤަތް ފެންނާނެއެވެ. ޑިމޮކްރަސީއަކީ ހަމަޖެހުމާ އަމާންކަން ގެނެސްދޭ ވެރިކަމުގެ ނިޒާމެއްކަމުގައި މީހުން ބުނެއެވެ. ނަމަވެސް މިދެންނެވި އިންސާފުވެރި ލޮލަކަށް ފެންނާނޭ ޙަޤީޤަތަކީ ޑިމޮކްރަސީ އެޤައުމެއްގައި ތަންފީޒު ކޮށްފި ކޮންމެ ޤައުމެއްގައި އޮންނަކަމަކީ މުޒާހަރާ ކުރުން ކަމެވެ. ޕާޓީތަކަށް ބެހިގެންގޮސް އެއްބައިވަންތަކަން ނެތިދިއުން ކަމެވެ. ގިނަބަޔަކު (މެޖޯރިޓީ) މަދުބަޔެއް (މައިނޯރިޓީ) ގެ މައްޗަށް އަނިޔާވެރިވާ މަންޒަރު ކަމެވެ. އެކެއްގެ ޚަންޖަރު އަނެކާގެ ކަރުގައި ހިންގާލެވޭ މަންޒަރުކަމެވެ. ލޭގެ ކޯރުތަކުން އަނިޔާވެރިންގެ އަތްތައް ދޮވެލެވޭ މަންޒަރު ކަމެވެ. ކުށެއްނެތް އެތައްބަޔެއްގެ މައްޗަށް އަނިޔާވެރިކަން ތަންފީޒުކުރެވޭ ތަންކަމެވެ. ދެން ސުވާލުދަންނަވަމެވެ. ޑިމޮކްރަސީގެ ސަބަބުން ލިބެނީ، ހަމަ އަމާން ކަންތޯއެވެ؟

ޤައުމެއްގައި އެއްބައިވަންތަކަމާއި މިނިވަންކަން ދެމެހެއްޓުމުގައި އެންމެ މުހިންމު ރޯލެއް އަދާ ކުރާ އެކައްޗަކީ އެޤައުމެއްގެ ބަޔަކު ޤަބޫލުކުރާ ދީނެކެވެ. ދުނިޔޭގެ އެހެނިހެން ބައެއް ޤައުމުތަކަށް ނަޒަރު ހިންގާލުމުން އެގޭ އެއްކަމަކީ އެޤައުމުތަކުގައި ހިގާ ގިނަ ދާޚިލީ ހަމަނުޖެހުންތައް ހިގަނީ ތަފާތު ދީންތަކުގެ އަހުލުވެރިންގެ މެދުގައި ދީނީ އެކިއެކި މައްސަލަތަކުގައި ކަމެވެ. އެހެނަސް އެޤައުމެއްގެ ހުރިހާ ރައްޔިތުން އެއްދީނަކަށް ތަބަޢަވާނަމަ އެތަނެއްގައި އެފަދަ މައްސަލަތަކެއް ދިމާނުވެއެވެ. ޑިމޮކްރަސީއަކީ އިންސާނިއްޔަތައް ކަނޑެއެޅިފައިވާ އިންތައް ފަހަނަޅައިދިޔުމަށް ގޮވާލާ ބާޠިލު އެއްޗެކެވެ. ޑިމޮކްރަސީ ދަޢުވަތުދެނީ ދީނީ މިނިވަންކަމަށެވެ. ޙަޤީޤަތަކީ އެޤައުމެއްގައި ބޭނުން ދީނަކަށް އުޅުމުގެ ފުރުޞަތު ހުޅުވިއްޖެ ކޮންމެ ޤައުމެއްގައި ފިތުނައިގެ ހުޅުގަނޑު ރޯވެ ބޮޑެތި ލޭއޮހޮރުވުންތައް ހިގާކަމެވެ. އޭ ދިވެހީންނޭވެ! ދީނީ މިނިވަންކަން ރާއްޖެއަށް ގެނެސްދިނަ ނުދެއްވާށެވެ! އިސްލާމްދީނުގައި ސާބިތުވެ ތިއްބަވާށެވެ. އެދީނަކީ އަޅުގަނޑުމެން ބައިބައިވާ ކޮންމެ ހިނދެއްގައި އަޅުގަނޑުމެން އެއްބައިވަންތަކުރުވާ ދީނެވެ. އެހެން ދީނަކަށް ތަން ދެވިއްޖެނަމަ ހަމައެޔާވިދިގެން ތަން އެދެވެނީ ތިމާމެންގެ އަމިއްލަ ހަލާކަށެވެ. ފަހެ ވިސްނާ ބަޔަކަށް ﷲގެ މިދީނުގެ މަތިވެރިކަން ވިސްނޭނެއެވެ.

އެޖަންގައްޔަކުން ޙިމާރާއި، ހިޔަޅާއި، ކުއްތާއާއި މިނިކާވަގު ގޮވާ އަޑު ގުގުމަމުން ދަނިކޮށް ސިންގާއެއްގެ އަޑު އިވޭނީ ކިހިނެއްތޯއެވެ؟ އެ ސިންގާ ކިތަންމެ ހޭރުނަސް އެހެން ޖަނަވާރުތަކުގެ އަޑުގެ ތެރެއަށް އޭތީގެ އަޑު ފަނޑުވެގެން ހިގައިދާނެއެވެ. ކޮންމެ މުޖްތަމަޢެއްގައިވެސް ހެޔޮވިސްނޭ ، ބުއްދިވެރި އަދި ދީންވެރި ހެޔޮލަފާ މީހުން މަދުވާނެއެވެ. ހަވާނަފްސާއި، ދަހިވެތިކަމާއި މަކަރުވެރިކަމުން ފުރިފައިވާ ޖާހިލު މީހުން ގިނަވާނެއެވެ. އެހެންކަމުން ޞާލިހު ހެޔޮލަފާ މަދު ބައެއްގެ އަޑު މީސްތަކުންގެ ތެރެއިން ހަވާނަފްސަށް އަޅުކަންކުރާ ޖާހިލުންގެ ގިނަ ބައެއްގެ މައްޗަށް ގަދަވެގަނެވޭނީ ކިހިނެއްތޯއެވެ؟ އިސްލާމީ ޝަރީޢަތުގެ މަތިވެރިކަމަކީ މިދެންނެވި ހަވާނަފްސުގެ އަޅުންގެ ދޫތަކުގައި ތަޅު އަޅުވަދޭ ކަމެވެ. ކޮންމެ ޙިމާރަކާއި ހިޔަޅަކާއި ކުއްތާއަކަށް ނުވަތަ މިނިކާވަގަކަށް ހަޅޭއްލެވުމުގެ ބާރެއް އެޝަރީޢަތުގައި ލިބިދީފައެއްނުވެއެވެ. އެހެންކަމުން އިސްލާމީ ޝަރީޢަތުގައި ވެރިކަމުގެ ކަންތައްތައް ނިންމުމުގައި ވާހަކަ ދައްކާ ހެދުމުގެ ބާރު ލިބިދީފައިވަނީ ހަމައެކަނި ޢިލްމުވެރިންނާއި ތަޖުރުބާކާރުންފަދަ އެކަމަށް އެކަށީގެންވާ މީހުންނަށެވެ.

ޑިމޮކްރަސީގައި ކަންތައްތައް ހިގަނީ މިއާއި މުޅިން ޚިލާފަށެވެ. ޑިމޮކްރަސީގައި، މިނިވަންކަމުގެ ނަމުގައި ކޮންމެ ޙިމާރަކާއި ކުއްތާއެއްގެ އަނގަ ހުޅުވައިދެއެވެ. ހަވާނަފްސަށް ތަބަޢަވާ ޖާހިލުންގެ ކަނޑިތަކަށް މުޖްތަމަޢާއި ވެރިކަމުގެ މޭމަތި ހުޅުވާލަދެއެވެ. ކޮންމެ ރައްޔިތަކަށް، ވެރިކަމާއި ދެކޮޅަށް އަދި ހަވާނަފްސާ އެއްކޮޅަށް ނުކުތުމުގެ ދޮރު ހުޅުވައިދެއެވެ. ޑިމޮކްރަސީ އަކީ އޭގެ ޒާތުގައިވެސް ދޮގެކެވެ. އޮޅުވައިލުމެކެވެ. ވެރިކަން ހިންގުމުގެ ބާރު، އެބައެއްގެ މައްޗަށް ވެރިކަންކުރެވެންޖެހޭ ރައްޔިތުންގެ އަތްމައްޗަށް ދޫކުރެވިއްޖެ ނަމަ ވެރިޔަކު އިސްކުރުމުގެ މާނައެއްނެތެވެ. އެހެނީ އޭރުން ކޮންމެ ރައްޔިތަކީ ވެރިޔެކެވެ!

ޑިމޮކްރަސީއަކީ ހަނގުރާމައިގެ މައިދާނަށް މީހުން އެއްކުރުވާ އެއްޗެކެވެ. ކަނޑިޔާއި ބަޑިން ވާހަކަދެއްކުމަށް މީސްތަކުންނަށް ގޮވާލާ ހަރުކަށި ގޮވާލުމެކެވެ. ކާފަރުންގެ ދަގަޑު ދަހަނާއެވެ. މަކަރުވެރިންގެ އައްޑަނައެވެ. ޝައިޠާނާގެ މަންތިރިއެވެ. ޝިރުކުގެ އަޞްލެކެވެ. އިސްލާމްދީނަށް ފުރައްސާރަކުރާ މިސްކީނު އެއްޗެކެވެ. އޭގެ ވަށާއިގެން އުނިކަމަކަށްފަހު އުނިކަމެއް އަދި ބަލިކަމުގެ މައްޗަށް ބަލިކަމެއްވާ އެއްޗެކެވެ. ﷲ ގެ ޢަދުއްވެކެވެ. ޑިމޮކްރަސީ ގޮވާލަނީ ތިމާގެ އަމިއްލަ ޒަމީރު ވިއްކާލުމަށެވެ. ޑިމޮކްރަސީ އެދި ގޮވަނީ ބައިބައިވުމަށެވެ. ހަމަބުއްދިހުރި މުސްލިމަކު ޑިމޮކްރަސީގެ އަވާގައި ނުޖެހޭނެއެވެ.

އިސްލާމީ ޝަރީޢަތް ދޫކޮށްލައި އެއަށް ކުޅުޖަހައި އިހާނެތިކޮށް ހިތުމަށްފަހު ޑިމޮކްރަސީގެ އެހީގައި ކުރިއަރައިދިއުމަށް އެދޭ މީހާގެ މިސާލަކީ އުޑަށް ކުޅުޖަހަން މަސައްކަތްކުރާ މީހާގެ މިސާލެވެ. އެކުޅު އަނބުރާ އެކުޅު ޖެހި މީހާގެ މޫނަށް ނުވަތަ އެމީހަކު އެބިމެއްގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ހުރި ބިމަށް ވެއްޓެއެވެ. އުޑަށް އެއްވެސް ބަދަލެއް ނާދެއެވެ. ނިކަމެތިވެގެންދަނީ ހަމަ އެކުޅު ޖެހި މީހާއެވެ. އިސްލާމީ ޝަރިޢަތް ދޫކޮށް ޑިމޮކްރަސީފަދަ ޠާޣޫތީ ނިޒާމަކަށް ބޯލަބައި އަޅުވެތިވެއްޖެ މީހާ، ހަމަ ޔަޤީނުންވެސް އެމީހަކު ފަޤީރުވެ މިސްކީނުވެއްޖެއެވެ. އެމީހެއްގެ މައްޗަށް ﷲ ގެ ޝަރީޢަތް ނުފުދިއްޖެ މީހާއަށްވުރެން ވަކި ފަޤީރު ނުވަތަ މިސްކީނު މީހަކު ވޭތޯއެވެ؟ ފަހެ އެފަދަ މީހަކު އަމިއްލައަށް ނިކަމެތި ކަމުގެ ހެދުން އަޅައި ބޮޑުވެގެންވާ ގެއްލުމަކަށް އަމިއްލަ ނަފްސު ހުށަހަޅައިފިއެވެ. ﷲ ގެ ޝަރީޢަތަކަށް އެއްވެސް ބަދަލެއް، އުނިކަމެއް ނާންނާއެވެ. ބަޔަކު ކިތަންމެ ނުރުހުނަސް ﷲ ގެ ޝަރީޢަތް މިބިންމަތީގައި ޤިޔާމަތާއި ހަމަޔަށް ދެމިއޮންނާނެއެވެ. ޑިމޮކްރަސީއާއި އޭގެ އަހުލުވެރިންނަށް ހުރީ ގެއްލުމާއި ހަލާކާއި ނިކަމެތިކަމެވެ.

ޑިމޮކްރަސީ އާއި شورى ދެމެދުގައިވާ ފަރަޤު

*ޑިމޮކްރަސީގައި ޙުކުމް ވަނީ ރައްޔިތުންނަށެވެ. ނަމަވެސް އިސްލާމީ ޝޫރާގައި ޙުކުމް ވަނީ ހަމައެކަނި الله  އަށެވެ.

*އިސްލާމީ ޝޫރާގައި ޤަރާރު އިއްވުމުގެ ފުރިހަމަ އާރާއި ބާރު ލިބިގެންވަނީ ވެރިމީހާ އަށެވެ. އޭނާ އަށް އެކަމުގައި އެއްވެސް ފަރާތެއްގެ މަޖުބޫރު ކުރުވުމެއް ނުވެއެވެ. މަޝްވަރާ ކުރުމަށްފަހު އޭނާ ބޭނުން ޤަރާރެއް އިއްވުމުގެ ފުރިހަމަ އިޚްތިޔާރު އޭނާއަށް ލިބިގެންވެއެވެ. ނަމަވެސް ޑިމޮކްރަސީގައި ވެރިމީހާގެ ޤަރާރަކީ ރައްޔިތުންގެ މަޖްލީހުގެ އަޣްލަބިއްޔަތެވެ. އެއަޣްލަބިއްޔަތާ ޚިލާފުމުގެ ބާރެއް ވެރިމީހާ އަކަށް ލިބިގެންނުވެއެވެ. އެއަޣްލަބިއްޔަތަކީ ބާޠިލްގޮތް ކަމުގައި ވެފަ ވެރިމީހާ އެދޭ ގޮތަކީ ޙައްޤު ކަމުގައި ވިޔަސް ވެރިމީހާއަށް މަޖުބޫރު ވެވިގެން ވަނީ ބާޠިލް ގޮތަށް ތަބަޢަ ވުމެވެ.

*ޝޫރާގައި މަޝްވަރާކުރަނީ އިޖްތިހާދީ މައްސަލަ ތަކުގައެވެ. އެއާޚިލާފަށް ޑިމޮކްރަސީގައި ދީނުގެ ކޮންމެ ކަމެއްގައި މަޝްވަރާ ކުރެވެއެވެ. އެއީ ދީނުގައި ޟަރޫރީ ގޮތުން އެގެންޖެހޭ ވަރުގެ ކަމެއްވިޔަސް މެއެވެ. ނުވަތަ ދީނުގައި އެކަމުގެ ހުކުމް ފާޅުވެ އެނގޭ ކަމެއްވިޔަސްމެއެވެ. މިސާލަކަށް އަންހެނުން ހެދުން އެޅުމުގައި ޢައުރަ ނިވާކުރުމާއި ފިރިހެނުން ތުނބުޅި ބެހެއްޓުންފަދަ ކަންތައްތަކުގައި ރައްޔިތުންގެ މަޖްލީހުގައި މަޝްވަރާކުރުމަކީ ކަނޑައެޅިގެން ކުފްރުގެ ޢަމަލެކެވެ.

*އިސްލާމް ދީނުގައި މަޝްވަރާގެ އަހްލުވެރިންނަކީ ޙިއްލު އާއި އަޤުދުގެ އަހުލުވެރިންނެވެ. ނަމަވެސް ޑިމޮކްރަސީގައި ކޮންމެ މީހަކަށްވެސް މަޖިލީހުގެ މެމްބަރަކަށް ވުމުގެ ފުރުސަތު އޮވެއެވެ.

*ޑިމޮކްރަސީ ގައި ވެރިއަކު ހޮވަނީ ޕާލަމެންޓުގެ އަޣްލަބިއްޔަތައް ފަހު ރައްޔިތުންގެ ވޯޓަކުންނެވެ. ނުވަތަ ރައްޔިތުންގެ ވޯޓަކަށްފަހު ޕާލަމެންޓުގެ އަޣްލަބިއްޔަތަކުންނެވެ. ނަމަވެސް އިސްލާމް ދީނުގައި ވެރިއަކު ހަމަޖެހުމުގައި އޮތީ އެންމެ 3 ގޮތެވެ. އެގޮތްތަކަކީ…. 1- ކުރިން ހުރި ވެރިމީހާ ފަހުން އަންނާނެ ވެރިޔަކަށް ވަޞިއްޔަތްކޮށް ޢަހްދު ކަށަވަރުހިއްޕެވުން. އޭގެ މިސާލަކީ: އަބޫބަކުރުގެފާނު ޢުމަރުގެފާނަށް ވަޞިއްޔަތްކުރުން. 2- ޙިއްލު އާއި ޢަޤުދުގެ އަހުލުވެރިން މަޝްވަރާކުރުމަށްފަހު ވެރިއަކު ހޮވުން. އޭގެ މިސާލަކީ: އަބޫބަކުރުގެ ފާނު ޚިލާފަތް ، އަދި ޢުޘްމާނުގެ ފާނު ޚިލާފަތް. 3- ބާރުގެ ބޭނުންކޮށްގެން މީހަކު ވެރިކަމަށް އަރައިފިނަމަ އެވެރިއަކަށް ބޯލެނބުން. އޭގެ މިސާލަކީ: މަރުވާން އިބްނު ޙަކަމްގެ ވެރިކަމެވެ.

*ޑިމޮކްރަސީގައި ޖާހިލުމީހާ އާއި ޢިލްމުވެރިޔާ އާއި އެއްވަރެވެ. އަދި ކިއެއްތަ ބައެއްފަހަރު ޢިލްމުވެރިޔާގެ އަޑަށްވުރެ ޖާހިލު މީހާގެ އަޑުގަދައެވެ. ނަމަވެސް އިސްލާމީ ޝޫރާގައި އެދެމީހުން އެއްވަރުވެގެން ނުވެއެވެ. އަދި ޖާހިލު މީހާގެ ރައުޔަށް ބެލުމެއްނެތެވެ.

*އިސްލާމީ ޝޫރާގައި الله އަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައި ވެރިމީހާއަށް ކިޔަމަން ވުމަކީ ވާޖިބެކެވެ. އަދި ވެރިޔާއާ އިނދިކޮޅު ހެދުމަކީ ފާފައެކެވެ. އަދި ވެރިމީހާގެ ޢަބުރަށް އަރައިގަނެ ފަޟީޙަތްކުރުމަކީ ކަނޑައެޅިގެން ހުރި ބޮޑުފާފައެކެވެ. ނަމަވެސް ޑިމޮކްރަސީގައި ކަންހިނގަނީ މިއާ ޚިލާފަށެވެ.ޑިމޮކްރަސީގައި ޕާލަމެންޓުގެ މެމްބަރުންގެ މެދުގައި ވެރިމީހާގެ ހުކުމާއި ޚިލާފުވެ އިނދިކޮޅު ހެދުމުގެ ހުއްދަ އޮވެއެވެ. ހަމަ އެގޮތަށް ބައެއްފަހަރު ވެރިމީހާ ވެރިކަމުން ދުރުކުރުމުގެ ބާރުވެސް ޕާލަމެންޓަށް ލިބިގެންވެއެވެ.

*ޝޫރާގެ މަތިވެރި ނިޒާމުގައި އިސްލާމުން އެކަތިގަނޑަކަށް ހަދައިދެއެވެ. ބައިބައިވުމާއި ވަކިވަކިވެގަތުން ނައްތާލައެވެ. އެއާޚިލާފަށް ޑިމޮކްރަސީ އަކީ ރައްޔިތުންގެ ތެރޭގައި ބައިބައިވުން އުފައްދާ ޕާޓީ ޕާޓީ ތަށް ހެދުމުގެ ހުއްދަދީ ރައްޔިތުން ތެރޭގައި ވެރިމީހާ އަށް ނުކިޔަމަންތެރިވުމުގެ ރޫހު އުފައްދާ، ދޭދޭ ފަރުދުންގެ މެދުގައި ރުޅިވެރިކަމާއި ނޭއްގާނީ ކަން އާލާކުރުވާ ޠާޣޫތީ ނިޒާމެކެވެ.

*އިސްލާމީ ޝޫރާގައި އަންހެނުންނަށް ވެރިކަން ނުކުރެވޭނެއެވެ. ނަމަވެސް ޑިމޮކްރަސީގައި އަންހެނުންނަށް އެފުރުޞަތުލިބިގެންވެއެވެ.

*ޑިމޮކްރަސީ އަކީ ކާފަރުން އިސްލާމްދީން ނައްތާލުމަށްޓަކައި ހަދައިގެން އުޅޭ ޠާޣޫތީ ނިޒާމެކެވެ. ނަމަވެސް އިސްލާމީ ޝޫރާ އަކީ އެއްމެ މޮޅަށް ދެނެވޮޑިގެންވާ الله ތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ޝަރުޢު ކުރައްވާފައިވާ އިލާހީ ފުރިހަމަ ޤާނޫނެވެ.

ތަޥްޙީދަކީ ކޮބާ؟

ތަޥްޙީދަކީ ކޮބާ

الحمد لله ربّ العالمين ، وصلّى الله وسلّم على رسوله الأمين وبعد:

ﷲ سبحانه وتعالى ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގެ ތަރުޖަމާގައިވެއެވެ. “އަޅުކަން ކުރެވޭ ތަންތަން ވަނީ ﷲ އަށެވެ! ފަހެ ކަލޭމެން ﷲ އާއި އެކު އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރާށެވެ.” ( ސޫރަތުލް ޖިންނި : 18)

އަދިވެސް އެއިލާހު ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގެ ތަރުޖަމާގައި ވެއެވެ. “ކަލޭމެން ﷲ އަށް އަޅުކަން ކުރާށެވެ! އަދި އެއިލާހަށް އެހެން އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ!” ( ސޫރަތުއް ނިސާ : 36)

ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލް ވައްހާބު رحمه الله ވިދާޅުވެފައި ވެއެވެ. ” ﷲ سبحانه وتعالى އަމުރުކުރައްވާފައިވާ އެންމެ ބޮޑު އަމުރަކީ ތަޥްޙީދެވެ. އެއީ އަޅުކަން ކުރުމުގައި އެއިލާހު އެއްކައުވަންތަ ކުރުމެވެ.” {ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލް ވައްހާބުގެ އުޞޫލުއް ޘަލާޘާ }

ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލް ވައްހާބު رحمه الله ގެ އެ ބަސްފުޅު ޝަރަޙަ ކުރައްވަމުން އަޅުކަމަކީ ކޮބައިކަން ބަޔާން ކޮށްދެއްވުމަށްޓަކައި އައްޝައިޚް މުޙައްމަދު ބިން ޞާލިޙް އަލް ޢުޘައިމީން رحمه الله އެކަލޭގެފާނުގެ “ޝަރްޙު އުޞޫލުއް ޘަލާޘާ” ކިޔުނު ފޮތުގައި ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ رحمه الله ގެ އަންނަނިވި ބަސްކޮޅު ނަޤްލު ކުރައްވާފައިވެއެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ رحمه الله ވިދާޅުވެފައި ވެއެވެ. ” ޢިބާދާ އަކީ (އަޅުކަމަކީ) ﷲ ލޯބިވެވޮޑިގަންނަވާ އަދި ރުހިވޮޑިގަންނަވާ ހުރިހާ ކަމެއް ޝާމިލްވާ ގޮތަށް އެ ހުރިހާ ކަންތައްތަކަށް ކިޔޭ ނަމެކެވެ. އެއީ ބުނެވޭ ބަހެއް ކަމުގައި ވިޔަސް ނުވަތަ ކުރެވޭ ޢަމަލެއް ކަމުގައި ވިޔަސްމެއެވެ. އަދި އެއީ ފާޅުވެގެންވާ ނުވަތަ ވަންހަނާވެގެންވާ ކަމެއް ކަމުގައި ވިޔަސްމެއެވެ. އޭގޭ މިސާލަކީ ﷲ އަށް ބިރުވެތިވުމާއި، އެއިލާހަށް ތަޤުވާވެރި ވުމާއި، ނަމާދު ކުރުމާއި، ޒަކާތް ދިނުމާއި، ރޯދަ ހިފުމާއި އަދި މިނޫންވެސް އިސްލާމްދީނުގައި ޝަރުޢު ކުރެވިގެންވާ ކަންތައް ތަކެވެ.”

ތަޥްޙީދުގެ ބައިތައް:

1.     ތަޥްޙީދުއް ރުބޫބިއްޔާ : ތަޥްޙީދުއް ރުބޫބިއްޔާގެ މާނަޔަކީ އަޅުތަކުންނަށް ﷲ ކުރައްވަވާ ކަންތައްތަކުގައި އެއިލާހު އެއްކައުވަންތަ ކުރުމެވެ. މިސާލަކަށް، މަރު ހިއްޕެވުމާއި ރިޒުޤުދެއްވުން ފަދަ ކަންކަމުގައި އެއިލާހަށް ބައިވެރިޔަކު ނުވަތަ ޝަރީކަކު ނުވާ ކަމަށް ޤަބޫލު ކުރުމެވެ. ޚަލްޤު ކުރައްވައި، އެ ޚަލްޤު ތަކުންގެ މައްޗަށް ވެރިކަން ކުރައްވައި އެ ޚަލްޤު ތަކުންގެ ކަންތައްތައް ތަދުބީރު ކުރައްވަނީ އެއިލާހު ކަމުގައި ޔަޤީންކަމާއި އެކު ޤަބޫލު ކުރުމެވެ. މީސްތަކުންގެ ތެރެއިން ގިނަބަޔަކު ތަޥްޙީދުގެ މިބަޔަށް އީމާން ވެއެވެ. އީމާން ނުވާ މަދު މީހުންނަކީ ޙަޤީޤަތުގައި ބޮޑާކަމާއި ނުލަފާކަމުގެ ސަބަބުން އިންކާރު ކުރާ މީހުންނެވެ. އެހެނަސް، ހިތާ ހިތާ، އެއިލާހު ވޮޑިގެންވާ ކަމަށް އެމީހުންވެސް ޤަބޫލު ކުރެއެވެ.

2.     ތަޥްޙީދުލް އުލޫހިއްޔާ : ތަޥްޙީދުލް އުލޫހިއްޔާ އަކީ އަޅުތަކުން ﷲ އަށް ކުރާ އަޅުކަންތަކުގައި އެއިލާހު އެއްކައުވަންތަ ކުރުމެވެ. މިސާލަކަށް ނަމާދު ކުރުމާއި، ކަތިލުމާއި، ރޯދަ ހިފުމާއި ، ބިރުގަތުން ފަދަ ކަންކަމެވެ. މިއިން އެއްވެސް ކަމެއްގައި ﷲ އާއި އެހެން ފަރާތަކާއި ބައިވެެރި ކޮށްގެން ނުވާނެއެވެ. މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު ތަވްޙީދުގެ މިބަޔަށް އިންކާރު ކުރެއެވެ. އޭގެ ތެރޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ނިސްބަތްވާ މީހުންނާ، ކުރީގެ މީސްތަކުންގެ ތެރެއިން ފިރުޢަޥްނާއި ޤުރައިޝްވަންހައިގެ މުޝްރިކުން ފަދަ މީސްތަކުން ހިމެނެއެވެ.

3.     ތަޥްޙީދުލް އަސްމާއި ވައް ޞިފާތި : ތަޥްޙީދުލް އަސްމާއި ވައް ޞިފާތި އަކީ ﷲ ގެ އިސްމަފުޅުތަކާއި ސިފަފުޅު ތަކުގައި އެއިލާހު އެއްކައުވަންތަ ކުރުމެވެ. އެއީ ޤުރުއާނާއި ޞައްޙަ ސުންނަތުން ސާބިތުވެގެން އައިސްފައިވާ މަތިވެރި މާތް ﷲ ގެ މާތްވެގެންވާ ސިފަފުޅުތަކާއި އިސްމަފުޅުތަކަށް އީމާން ވުމެވެ. ﷲ އެއިލާހުގެ ޒާތުފުޅު ސިފަކުރައްވާފައިވާ ކޮންމެ ސިފައެއް ޤަބޫލު ކޮށް އެސިފައަކަށް އީމާން ވުމެވެ. އަދި ﷲ އެއިލާހުގެ ޒާތުފުޅަށް އިންކާރު ކުރައްވާފައިވާ ކޮންމެ ސިފައަކީ އެއީ ﷲ އަށް ލިބިވޮޑިގެން ނުވާ ސިފައެއް ކަމަށް އީމާން ވުމެވެ. މި ގޮތުގެ މަތިން ތަޥްޙީދުގެ މި ބަޔަށް އީމާން ވެވޭނީ ހަތަރު ކަމަކާއި ނުލައި އެވެ. ފުރަތަމަ ކަމަކީ ތަޙްރީފު ކުރުމެވެ. ތަޙްރީފު ކުރުމަކީ ﷲ ގެ އިސްމެއް ނުވަތަ ސިފަފުޅެއްގެ މާނަ ނުވަތަ ލަފްޒުވެސް ބަދަލު ކުރުމެވެ. ދެވަނަ ކަމަކީ ތަޢުޠީލް ކުރުމެވެ. ތަޢުޠީލް ކުރުމަކީ އެއިން އިސްމަކަށް ނުވަތަ ސިފައަކަށް އިންކާރު ކުރުމެވެ. ތިންވަނަ ކަމަކީ ތަމްޘީލް ކުރުމެވެ. އެއީ ﷲ އާއި އެއިލާހުގެ ޚަލްޤުތަކުންނާއި އެއްވަތަރުކުރުމެވެ. ހަތަރުވަނަ ކަމަކީ ތަކްޔީފު ކުރުމެވެ. ތަކްޔީފް ކުރުމަކީ ގޮތް ކިޔައި،”ކިހިނެއް” ފަދަ ސުވާލު ތައް ކުރުމެވެ. ތަޥްޙީދުގެ މިބަޔަށް އީމާން ވެވޭނީ މިދެންނެވި 4 ކަމުން ދުރުހެލިވެ ރެކިގެން ހުރެގެނެވެ.

ރަސޫލުﷲ صلّى الله عليه وسلّم އަށް ފަހު އިސްލާމީ އުއްމަތް ބައިބައިވެގެން ދިޔުން

بسم الله الرّحمن الرّحيم

تحزّب أمّة المسلمين بعد رسول ربّ العالمين

ރަސޫލުالله صلى الله عليه وسلم އަށްފަހު އިސްލާމީ އުއްމަތް ބައިބައިވެގެންދިޔުން

ތަރުޖަމާކުރީ : އަބޫ ޙަފްޞު، ޢަދިއްޔު ބިން މުޙައްމަދު

އިސްލާމީ އުއްމަތް ބައިބައިވެފައިވާކަމީ މިއަދު އެންމެންވެސް ދަންނަ ކަމެކެވެ. އެއީ އިންކާރު ނުކުރެވޭނެ ޙަޤީޤަތެކެވެ. މި ސިލްސިލާ ލިޔުންތަކުގައި އަލިއަޅުވާލެވިފައިވާނީ އިސްލާމީ އުއްމަތް ބައިބައިވެގެންދިޔަގޮތާއި އޭގެ ސަބަބުތަކުގެ މައްޗަށެވެ. އަދި އެބައިބައިވުންތައް ނެތިކޮށް އެއްބައިވަންތަކަމާއި އެކު ﷲ ގެ ދީނުގައި ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ މުހިންމު ކަންތައްތަކުގެ މައްޗަށްވެސް މެއެވެ. މި ލިޔުމުގެ އަޞްލު ލިޔެވިފައި އޮތީ އިނގިރޭސި ބަހުންނެވެ. މަކްތަބަތުއް ސަލަފިއްޔާއިން ހިންގާ ވެބްސައިޓެއް ކަމުގައިވާ www.aqidah.com ގައެވެ. ނަމަވެސް ﷲ ގެ ވާގިފުޅާއި އެކު ލިޔުމުގެ ފުރަތަމަބައި މިވަނީ ދިވެހި ބަހަށް ތަރުޖަމާކޮށް ނިމިފައެވެ. ދުޢާ އަކީ މި ތަރުޖަމާގެ ސަބަބުން އަޅުގަނޑުމެން އެންމެނަށް ހިދާޔަތް ދެއްކެވުމަށް ﷲ މަގުފަހި ކުރެއްވުމެވެ. ހަމަކަށަވަރުން، އަޅަމެންގެ ވެރި އިލާހަކީ ހަމަ ގިނަގަނައިން ދުޢާ އިޖާބަ ކުރައްވާ އިލާހެވެ!

ފުރަތަމަ ބައި – އިސްލާމްދީން ފުރިހަމަވެގެންދިޔުމާއި ޞަޙާބީންގެ މަންހަޖު

الحمد لله ربّ العالمين والصّلاة والسّلام على رسوله الأمين وبعد:

ތަޢާރަފް:

އިސްލާމީ އުއްމަތުގެ މައްޗަށް އެތައް ޒަމާންތަކެއް ވޭތުވެގެން ހިގައްޖެއެވެ. އޭގެތެރެއިން ބައެއް ޒަމާންތަކުގައި އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި އިސްލާމީ އުއްމަތް ވަރަށް ފުރިހަމަޔަށް ސާބިތުވިއެވެ. އަދި އަނެއްބައި ޒަމާންތަކުގައި އެ ޢަޤިދާގައި ފައިތިލަ ސާބިތުކުރުމުގައި އިސްލާމީ އުއްމަތް ބަލިކަށިވެ، އުއްމަތުގެ ތެރެއިން ބައެއް މީހުން އެޢަޤީދާގައި ސާބިތުކަމާއި އެކު ތިބިއިރު، އަނެއްބައި މީހުން އެޢަޤީދާއިން ދުރުހެލިވެ މަގު ފުރެދިގެން ދިޔައެވެ. މި ސިލްސިލާ ލިޔުންތަކުގައި އަޅުގަނޑުމެން ބަލައިލާނީ އިސްލާމީ އުއްމަތް ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން އޮތް ދުވަސްވަރުގެ މައްޗަށާއި އެ ޙާލަތު ބަދަލުވެ، އުއްމަތުގެ މެދުގައި ޚިލާފްތައް އުފެދި، އުއްމަތުގެ އެއްބައިވަންތަކަން ގެއްލި ތިމާމެންނަކީ، ނަބިއްޔުންނާއި ރަސޫލުން އެކަމަކަށް ދަޢުވަތުދެއްވި ތަޥްޙީދާއި އިސްލާމީ ޞައްޙަ ޢަޤީދާގައި ސާބިތުވެގެން ތިބި ބަޔެއްކަމަށް ދަޢުވާކުރާ ޙާލު ޖަމާޢަތްތަކާއި ބައިގަނޑުތަކަކަށް އިސްލާމީ އުއްމަތް ބެހިގެންދާންޖެހުނު ސަބަބުތަކުގެ މައްޗަށެވެ.

ރަސުލާ صلى الله عليه وسلم އާއި ޞަޙާބީންގެ ދުވަސްވަރު:

އެދުވަސްވަރު އިސްލާމީ ޢަޤީދާ އޮތީ އޭގެ އަޞްލު ފުރިހަމަކަމާއި ތާޒާކަން މަތީގައެވެ. މުއުމިނުން (ޞަޙާބީން) ގެ ހިތްތަކުގައި އެ ޢަޤީދާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަށަގެނެވިފައި ވިއެވެ. އެ ޢަޤީދާއާއި ކުފްރާއި ނުވަތަ އެފަދަ އެހެން އެއްވެސް އެއްޗަކާއި މަސްހުނިވެ އެކުވެގެނެއް ނުވެއެވެ. އެއޮތީ އޭގެ އެންމެ ޞައްޙަ ގޮތުގައެވެ. ރަސޫލާ صلى الله عليه وسلم އަވަހާރަވީ މިއުއްމަތައް ނަޞޭޙަތްތެރި ވެވަޑައިގެންނެވުމާއިއެކު އެކަލޭގަފާނާއި ޙަވާލުކުރެވުނު އަމާނާތް އަދާ ކުރައްވައި ރިސާލަތު މީސްތަކުންނަށް ފޯރުކޮށްދެއްވުމށްފަހުގައެވެ. الله سبحانه وتعالىގެ މިދީން ފުރިހަމަ ކުރެއްވިކަމުގެ މައްޗަށް ޚުދު އެއިލާހު سبحانه وتعالى ހެކިވޮޑިގެންނަވާފައި ވެއެވެ. އެއިލާހު ވަޙީ ކުރައްވާފައިވެއެވެ.

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا

މާނަ: “މިއަދު ތިޔަބައިމީހުންނަށްޓަކައި ތިމަންالله ތިޔަބައިމީހުންގެ ދީން ފުރިހަމަ ކުރެއްވައިފީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށްވާ ތިމަންاللهގެ ނިޢުމަތް ފުރިހަމަ ކުރައްވައިފީމެވެ. އަދި ތިޔަބައިމީހުންނަށްޓަކައި (ދީނެއްގެ ގޮތުގައި) އިސްލާމްދީން ތިމަން الله ރުއްސަވައިފީމެވެ.”[1]

އަދި الله  سبحانه وتعالىވަނީ އެއިލާހުގެ ދީން ، އެއިލާހުގެ ޙަޟުރަތުން މީސްތަކުންނަށް ބަޔާންކޮށްދިނުމަށް އެއިލާހުގެ ރަސޫލާصلى الله عليه وسلم  އަށް އަމުރުކުރައްވާފައެވެ. އެއިލާހު ވަޙީ ކުރައްވާފައި ވެއެވެ.

يَا أَيُّهَا الرَّسُولُ بَلِّغْ مَا أُنزِلَ إِلَيْكَ مِن رَّبِّكَ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ وَاللَّـهُ يَعْصِمُكَ مِنَ النَّاسِ إِنَّ اللهَ لَا يَهْدِي الْقَوْمَ الْكَافِرِينَ

މާނަ: “އޭރަސޫލާއެވެ! ކަލޭގެފާނުގެ ވެރިއިލާހުގެ ޙަޟްރަތުން ކަލޭގެފާނަށް ބާވައިލެއްވި އާޔަތްތައް ކަލޭގެފާނު (މީސްތަކުންނަށް) ބަޔާންކޮށްދެއްވާށެވެ. އަދި ކަލޭގެފާނު އެކަން ނުކުރެއްވިނަމަ، ކަލޭގެފާނު އެއިލާހުގެ ރިސާލާތް (މީސްތަކުންނާއި ހަމަޔަށް)ފޯރުކޮށްދެއްވިކަމަށް ނުވާނެއެވެ. އަދި اللَّه މީސްތަކުންގެ ކިބައިން ކަލޭގެފާނު ރައްކާތެރި ކުރައްވާނެތެވެ. ހަމަކަށަވަރުން، ކާފަރުވީ މީސްތަކުންނަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.”[2]

އެހެންކަމުން ރަސޫލާصلى الله عليه وسلم އަށް އަމުރުކުރެއްވުނު ގޮތަށް އެކަލޭގެފާނު ވަނީ މިރިސާލަތް މީސްތަކުންނާއި ހަމަޔަށް ފޯރުކޮށްދެއްވައި ބަޔާންކޮށްދެއްވާފައެވެ. އަޤީދާއާއި ޝަރީޢަތް، ދެބައިވެސް ޝާމިލްވާ ގޮތުގެ މަތިން މުޅިދީން މީސްތަކުންނަށް އޮޅުންފިލުވައި ބަޔާންކޮށްދެއްވިއެވެ. އަދި އެބަޔަކަށް އަމާނާތްތެރި ކަމުގެ ސިފަ ލިބިގެންދިޔަ އަޞްޙާބް ބޭކަލުން މިދީން ބާވައިލެއްވެމުން ދިޔައިރުން ފަށާއިގެން ގޮސް އެދީން ފުރިހަމަވުމާއި ހަމަޔަށް އެދީން ރަނގަޅަށް އުނގެނިވަޑައިގެންފައެވެ.

ބުޚާރީ އާއި މުސްލިމް –رحمهما الله- ގެ ދެ ޞަޙީހުގައި ވާރިދުވެގެން އައިސްފައިވާ ޚުޛައިފާ ބިން އަލް-ޔަމާން رضي الله عنه  ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ.

حدثنا رسول الله صلى الله عليه وسلم حديثين قد رأيت أحدهما وأنا انتظر الآخر حدثنا أن الأمانة نزلت في جذر قلوب الرجال ثم نزل القرآن فعلموا من القرآن وعلموا من السنة ثم حدثنا عن رفع الأمانة فقال ينام الرجل النومة فتقبض الأمانة من قلبه

މާނަ “ރަސުލާ صلى الله عليه وسلم އަހަރެމެންނަށް ދެޙަދީޘެއް މާކުރިން ކިޔާދެއްވާފައިވެއެވެ. އަހަރެން އޭގެތެރެއިން އެއް ޙަދީޘް (ސީދާވެ އެޙަދީޘްގައިވާ ގޮތަށް ކަންތައްހިގާދިޔަތަން) ދެކެފީމެވެ. އަދި އަހަރެން މިހާރު އިންތިޒާރު މިކުރަނީ އަނެއް ޙަދީޘް (ސީދާވުމަށް) އަށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވީ އަމާނާތްތެރިކަން މީސްތަކުންގެ ހިތުގެ އެންމެ އަޑިއަށް ފޭބިކަމަށެވެ. ދެން ޤުރުއާން ބާވައިލެއްވުމުން އެމީހުން އެޤުރުއާނާއި ސުންނަތުން އުގެނިގަތެވެ. އެއަށްފަހު އަމާނާތް އުފުއްލެވުމާއި ބެހޭގޮތުން އެކަލޭގެފާނު އަހަރެމެންނަށް ޙަދީޘްކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. މީހާ ނިދާފައި އޮއްވާ އޭނާގެ ހިތުން އަމާނާތްތެރިކަން އުފުލިގެންދާނެއެވެ.”[3]

އެހެންކަމުން މީސްތަކުންގެ ހިތްތަކުގައި އެންމެފުރަތަމަ ބިންގާއެޅުނު ސިފަޔަކީ އަމާނާތްތެރި ކަމުގެ ސިފައެވެ. އަދި އެމީހުން ޤުރުއާނާއި ސުންނަތް (އިސްލާމްދީނާއި އެދީނުގެ ހުރިހާ އުޞޫލްތަކާއި ޢަޤާޢިދު ތަކާއި އަމުރުތައް) އުގެނިގަތީ އެސިފައިގެ މަތީގައި ޤާއިމްވެތިބެގެންނެވެ. ބާވައިލެއްވުނު ހުރިހާއެއްޗަކަށް، އެބައިމީހުންގެ ދުލުން (ބުނާ ބަސްތަކުން) ނާއި އެބައިމީހުންގެ ހިތްތަކުންނާއި ޢަމަލުތަކުން އެއަށް ފުރިހަމަޔަށް އީމާންވިއެވެ. ތަޥްޙީދާއި، އީމާންކަމާއި، އަދި އެނޫންވެސް  ދީނުގެ ހުރިހާ ޙުކުމްތަކާއި އެއްގޮތަށް އެބައިމީހުން ޢަމަލުކުރިއެވެ.

އެދުވަސްވަރު މިދީންއޮތީ އޭގެ އެންމެ ފުރިހަމަގޮތުގައި އެންމެ ޞައްޙަގޮތުގައެވެ. އަދި އެދީނަށް އެއްވެސް އުނިއިތުރުކަމެއް އައިސްފައެއް ނެތެވެ. އެގޮތުގެ މަތީގައި އެތައް ޒަމާންތަކެއް ފާއިތުވެގެންދިޔައެވެ. އަޞްޙާބްބޭކަލުންނާއި އެބޭކަލުންނަށް ތަބަޢަވީ މީހުން (ތާބިޢީން) ނާއި އެބޭކަލުންނަށް ތަބަޢަވީ މީހުން (އަތުބާޢުއް-ތާބިޢީން) ގެ ދުވަސްވަރުތައް އެޒަމާންތަކުގެ ތެރޭގައި ހިމެނެއެވެ. ރަސޫލުންނާއި ނަބިއްޔުންނަށްފަހު މިބިންމަތީގައި ދިރިއުޅުނު އެންމެ ހެޔޮ މީހުން ކަމުގައިވީ މިމީހުން ޢިއްޒަތަތެރި ކުރުވައި އެމީހުންގެ ދަރަޖަ އުފުއްލައިދިނީ އެ ޞައްޙަދީނާއި އެދީނުގެ ޞައްޙަ ޢަޤީދާއާއި އީމާންކަމެވެ.

އަޞްޙާބް ބޭކަލުން އެއްބައިވަންތަ ކޮށްދިން އެއްޗަކީ އިސްލާމީ ޢަޤީދާއެވެ.

ޖާހިލިއްޔަ ޒަމާނުގައި މީސްތަކުންގެ ތެރޭގައި ވަރަށްބޮޑަށް ފަސާދަ ފެތުރިގެން ދިޔައެވެ. އެގޮތުން މީސްތަކުންގެ އަޚުލާޤާއި އެމީހުންގެ ޢަޤީދާވެސް ފަސާދަވެފައިވިއެވެ. ހަމައެފަދައިން އެމީހުންގެ އިޤްތިޞާދީ، އިޖްތިމާޢީ އަދި ސިޔާސީ ކަންތައްތަކުގެ ތެރެއަށްވެސް މިފަސާދަ ފެތުރިފައިވިއެވެ. ޢަރަބީން ތިބީ ބައިބައިވެފައެވެ. އެއްޤަބީލާގެ މީހުން އަނެއް ޤަބީލާއާއި އެއްވެސް ކަމަކަށް ނުވާ ކަންތައްތަކުގައި ހަނގުރާމަކޮށް އުޅުނެވެ. އެމީހުން ބުދައް އަޅުކަންކުރިއެވެ. އަދި މަރުވެފައިވާ ޞާލިޙު މީހުންނަށްވެސް އެމީހުން އަޅުކަންކޮށް އުޅުނެވެ. އެބައިމީހުންތިބީ އެބައިމީހުންގެ ދީނުގައި (ޝިރުކުކުރުމުގައި) ވެސް ބައިބައިވެފައެވެ. ބާރުގަދަ މީހުން ނިކަމެތިންގެ މައްޗަށް އަނިޔާވެރި ވަމުން ދިޔައެވެ. އަންހެން ކުއްޖަކު ވިހައިފިނަމަ އެއީ ލަދުވެތިކަމެއް ނުވަތަ ނިކަމެތިކަމެއް ކަމުގައި ދެކެމުން ދިޔައެވެ. އެބައިމީހުންގެ އަންހެނުން ކޮންމެ ކޮންމެ ފިރިހެނާކާ ރޭކުރަމުން ގެންދިޔައެވެ. އަދި އޭގެ ސަބަބުން ލިބޭ ދަރިންގެ ނަސްލު އޮޅިގެން ދިޔައެވެ. ފިރިހެން މީހާއަށް އޭނާގެ ބައްޕަގެ އަބިންތައް ވާރުތަވެގެން ދިޔައެވެ. އެބައިމީހުން ކުރާ އެކިއެކި ކަންތައްތަކުގައި ޚުރާފާތްތައް އިންތިހާ ދަރަޖައަށް ޤަބޫލުކުރަމުން ދިޔައެވެ. ސިޙުރުވެރިންނާއި ފާލުބަލާ މީހުންނާއި އެފަދަ އެހެންމީހުންނަށް އެބައިމީހުން އިތުބާރުކޮށް އީމާންވެގެންތިބީ ވަރަށް ވަރުގަދަޔަކަށެވެ. އެމުޖްތަމަޢުގައި (ކުރިން ފޮނުއްވުނު) ނަބިއްޔެއް ނުވަތަ ރަސޫލެއްގެ އަސަރެއްވެސް ފެންނާކަށްނެތެވެ. އެމުޖްތަމަޢުގެ ޙާލަތު ތަޞައްވުރު ކުރުމަށް މިވަރު ފުދޭނެއެވެ. އެމުޖްތަމަޢު އޮތީ ބޮޑުވެގެންވާ ހަލާކެއްގެ ކޮޅުމަތީގައެވެ.

އެއަށްފަހު الله سبحانه وتعالى މުޙައްމަދުصلى الله عليه وسلم ރަސޫލުކަމާއިގެން ފޮނުއްވެވިއެވެ. އަދި އިސްލާމްދީނުގެ ޢަޤީދާ ބަޔާންކޮށްދިނުމާއި އެކު އެޢަޤީދާގެ ރުކުން ކަމުގައިވާ ތަޥްޙީދަށް (الله سبحانه وتعالى އެއްކައުވަންތަކުރުމަށް)  މީސްތަކުންނަށް އުގަންނަވައިދެއްވުމަށް މާތް الله އެކަލޭގެފާނަށް އަމުރު ކުރެއްވިއެވެ. އެއީ އެއިލާހުގެ އިސްމަފުޅުތަކާއި ސިފަފުޅުތަކާއި އަދި އަޅުކަމުގައި އެއިލާހު އެއްކައުވަންތަ ކުރުމަށްޓަކައެވެ. ރަސޫލާصلى الله عليه وسلم  އެންމެ ފުރަތަމަ ކުރެއްވި ކަމަކީ އެއީއެވެ. އެކަލޭގެފާނު އެތަޥްޙީދުގެ ޞައްޙަ ޢަޤީދާއަށް، އެހެނިހެން ޙުކުމްތައް ބާވައިލެއްވުމުގެ ކުރިން 13 އަހަރު ވަންދެން ދަޢުވަތް ދެއްވިއެވެ.

އެކަލޭގެފާނަށް އެންމެފުރަތަމަ ކުރައްވާނެ ކަމެއްގެ ގޮތުގައި އަމުރުކުރެވުނީ ޢަރަބި ޤަބީލާތައް އެއްބައިވަނަތަކުރުވައި އެކަތިގަނޑަކަށް ހެދުމެއް ނޫނެވެ. ނުވަތަ އިޖްތިމާޢީ ހަމަހަމަކަށް ގޮވާލާކަށް ނޫނެވެ. އަދި އަންހެނުންގެ ޙައްޤުތަކަށް ގޮވާލާކަށްވެސް ނޫނެވެ. ނުވަތަ އިޤްތިޞާދީ ގޮތުން ހަމަހަމަކަމާއި އިންސާފަށް ގޮވާލާކަށްވެސް ނޫނެވެ. ޤަބީލާތައް އެއްބައިވަންތަ ކުރުމަށްޓަކައި އެޤަބީލާތަކުގެ ސިޔާސީ ކަންތައްތަކުގައި ޝާމިލް ވުމަކަށްވެސް ނޫނެވެ. ނުވަތަ ޝަރުޢީ ޙުކުމްތަކުން ދަޢުވަތް ފެއްޓެވުމަކަށްވެސް ނުމެ ނޫންމެވެ. އެހެނެއްކަމަކު އެދަޢުވަތް އެކަލޭގެފާނު ފެއްޓެވީ އެބައިމީހުންގެ ހިތްތައް ޙަޤީޤީ އެކުވެރިކަމަކުން އެކުވެރިކޮށްދޭނޭ އެއްބައިވަންތަކުރެވޭނޭ އެއްޗަކުންނެވެ. އެއީއިސްލާމްދީނުގެ  ސާފުޠާހިރު ޞައްޙަ ޢަޤީދާއެވެ.

އަދި الله سبحانه وتعالى ވަނީ އަޞްޙާބް ބޭކަލުންނަށް އެކަން ހަނަދުމަ ކޮށްދެއްވާފައެވެ. الله ވަޙީ ކުރައްވާފައިވެއެވެ.

وَاعْتَصِمُوا بِحَبْلِ اللَّـهِ جَمِيعًا وَلَا تَفَرَّقُوا وَاذْكُرُوا نِعْمَتَ اللَّـهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ النَّارِ فَأَنقَذَكُم مِّنْهَا كَذَٰلِكَ يُبَيِّنُ اللَّـهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ

މާނަ: “ތިޔަބައިމީހުން އެންމެންاللَّهގެ ވާފަށުގައި (އިސްލާމްދީނުގައި) ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި، اللَّه ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، ތިޔަބައިމީހުން ޢަދާވާތްތެރިން ކަމުގައިވަނިކޮށް، އެއިލާހު ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ދެން، އެއިލާހު ދެއްވި ނިޢުމަތުގެ ސަބަބުން ތިޔަބައިމީހުންނީ އަޚުންތަކެއް ކަމުގައި ވެއްޖައީމުއެވެ. އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން، އެއިލާހު ތިޔަބައިމީހުން އެއިން ސަލާމަތްކުރެއްވިއެވެ. اللَّه، އެއިލާހުގެ އާޔަތްތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ.”[4]

الله سبحانه وتعالى އެބައިމީހުންގެ ހިތްތައް އެކުވެރިކުރައްވައި (އިސްލާމީ ޢަޤީދާގެ މަތީގައި) އެއްބައިވަންތަ ކުރެއްވި ފަދައިން އެއިލާހުގެ ވާފަށް ކަމުގައިވާ އިސްލާމްދީނާއި އެދީނުގެ ޢަޤީދާގެ މަތީގައި ސާބިތުވެގެން، ބައިބައިނުވެ ތިބުމަށްވެސް އަމުރުކުރެއްވިއެވެ. އަދި މިއަމުރަކީ މިއުއްމަތުގެ ބާކީތިބި އެންމެންގެ މައްޗަށްވެސް އިއްވިފައިވާ އަމުރެކެވެ.

އަޞްޙާބް ބޭކަލުންނަށް ތަބާވުމަކީ ވާޖިބެކެވެ.

އަޞްޙާބް ބޭކަލުންގެ މަންހަޖަށާއި އެބޭކަލުން އެގޮތެއްގެ މަތީގައި ތިއްބެވި ގޮތުގައި ތިބުމަކީ ވާޖިބެއްކަމުގައި އަހްލުއް ސުންނާ ވަލް ޖަމާޢަތު ގެ ޢިލްމުވެރިން ވިދާޅުވެއެވެ. އެބޭކަލުން އެކަމުގެ މައްޗަށް ޤުރުއާނާއި ސުންނަތުން ވަރަށް ގިނަ ދަލީލުތަކެއް ގެންނަވާފައިވެއެވެ. އެދަލީލުތަކުގެ ތެރޭގައި އަންނަނިވި ނައްޞުތައް ހިމެނެއެވެ.

الله ވަޙީ ކުރައްވާފައިވެއެވެ.

وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ وَسَاءَتْ مَصِيرًا

މާނަ: “އަދި، އެމީހަކަށް ތެދުމަގު ބަޔާންވުމަށްފަހު، ރަސޫލާއާއާ ދެކޮޅުވެރިވެ، މުއުމިނުންގެ މަގު ނޫން މަގަކަށް ތަބާވާމީހާ (ދަންނާށެވެ!) އެމީހާ އިޚްތިޔާރުކުރި މަގަކަށް ތިމަންއިލާހު އެމީހާ ދޫކޮށްލައްވާ ހުށީމެވެ. އަދި،  ތިމަންއިލާހު އެމީހާ ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއީ، ނުބައިވެގެންވާ ނިމިދިޔުމެކެވެ.” [5]

ޢިލްމުވެރިންގެ ތެރެއިން އިމާމް ޝާފިޢީ -رحمه الله- (އވ 204 ހ) ފަދަ ބޭފުޅުން، މިއާޔަތުގެ މާނާގައި އަޞްޙާބް ބޭކަލުންގެ އިޖްމާޢަށް ތަބާވުމަކީ ވާޖިބެއްކަމުގައި ވިދާޅުވެފައިވެއެވެ. އެހެނީ މިއާޔަތުގައި الله ގެ ރަސޫލާصلى الله عليه وسلم އާއި ޚިލާފުވެ ދެކޮޅުވެރިވުމުގެ އިތުރަށް وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ، “މުއުމިނުންގެ މަގުނޫން އެހެން މަގަކަށް ތަބާވެއްޖެނަމަ” އެގޮތަށް އައިސްފައި އެބަވެއެވެ. އެހެން ބައެއް ޙަދީޘްތަކާއި އާޔަތްތަކުގެ އަލީގައި އެގިގެންދަނީ މިއާޔަތުގައި ބަޔާންވެގެންވާ މުއުމިނުންގެ މަގަކީ އެއީ އަޞްޙާބްބޭކަލުންގެ މަގު ނުވަތަ އެބޭކަލުންގެ ގޮތްކަމެވެ. އެއީ އެބޭކަލުންގެ ފަހުމާއި (ދީން ފަހުމްކޮށް ވިސްނިގޮތާއި) އެދީން ތަޠްބީޤްކޮށް ތަންފީޒުކުރެއްވި ގޮތެވެ.

އަދިވެސް الله ވަޙީ ކުރައްވާފައިވެއެވެ.

وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ذَٰلِكَ الْفَوْزُ الْعَظِيمُ

މާނަ: “މުހާޖިރުންނާއި، އަންޞާރުންގެ ތެރެއިން ކުރިން (އިސްލާމްދީނަށް ވަނުމުގައި) އިސްނެންގެވި ބޭކަލުންނާއި، ހެޔޮގޮތުގައި އެބޭކަލުންނާ ތަބާވީމީހުން (ދަންނާށެވެ!) اللَّه، އެއުރެންނަށް ރުހިވޮޑިގެންފިއެވެ. އަދި އެއުރެން  އެއިލާހާއި މެދު  ރުހުނޫއެވެ.  އަދި  އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެއިލާހު އެއުރެންނަށްޓަކައި ތައްޔާރުކުރެއްވިއެވެ. އެތާނގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ނަޞީބުލިބުމަކީ އެއީއެވެ. “[6]

މިއާޔަތުގައި الله سبحانه وتعالى ވަޙީ ކުރައްވާފައިވާ، އިޙްސާންތެރިކަމާއި އެކު މުހާޖިރުންނާއި އަންޞާރުންނަށް ތަބާވުމުގެ މާނަޔަކީ އެބޭކަލުންގެ އީމާންކަމާއި އެބޭކަލުންގެ ދީނަށް (ގޮތަށް) ތަބާވުމެވެ. ފަތުޙުލް ޤަދީރު (2/398) ގައި މިއާޔަތުން އިޝާރާތްކުރަނީ “އަޞްޙާބް ބޭކަލުންނަށްފަހު ދުނިޔެއަށް އައި އެބޭކަލުންގެ އަޞްހާބުންނާއި އެއަޞްޙާބުންގެ ފަހުން ޤިޔާމަތާއި ޖެހެންދެން ދުނިޔެއަށް އައި ކޮންމެ މީހެއް” ކަމުގައި އިމާމް ޝަޥްކާނީ-رحمه الله-  ވިދާޅުވެފައިވެއެވެ.

އަދިވެސް الله ވަޙީ ކުރައްވާފައިވެއެވެ.

وَالَّذِينَ جَاءُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ

މާނަ: “އަދި އެއުރެންގެ ފަހުން އައި މީހުން ބުނެތެވެ. އަޅަމެންގެ ވެރިއިލާހު! އަޅަމެންނަށާއި،އަދި އަޅަމެންނަށްވުރެ ކުރިން އީމާންވި، އަޅަމެންގެ އަޚުންނަށް ފާފަފުއްސަވާނދޭވެ! އަދި އީމާންވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި ޙަސަދަވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރިއިލާހު!  ހަމަކަށަވަރުން، އިބައިލާހުއީ، ނުހަނު އޯގާވަންތަ، ރަޙީމްވަންތަ އިލާހެވެ.”[7]

މިއާޔަތުގައި “އަދި އަޅަމެންނަށްވުރެ ކުރިން އީމާންވީ” މީހުންކަމަށް އިޝާރާތް ކުރެވިގެންވާ މީހުންނަކީ ރަސޫލާ صلى الله عليه وسلم ގެ އަޞްޙާބް ބޭކަލުންނެވެ. އެބޭކަލުންވަނީ އީމާންކަމުގައި، އެބަހީ އިސްލާމީ ޢަޤީދާ ގައްޔާއި އެއާއި ވިދިގެން އަންނަ ބަހާ ޢަމަލުގައި މުޅި އިސްލާމީ އުއްމަތުގެ މައްޗަށް ކުރި ހޯދާފައެވެ. މިއާޔަތުގައި މިވަނީ އަޞްޙާބް ބޭކަލުންނަށް ވުރެ ފަހުން ދުނިޔެ މައްޗަށް އައި މީހުން އެބޭކަލުންނަށް ކުރައްވާފައިވާ ތަޢުރީފެކެވެ. އެމީހުންގެ ހިތްތަކުގައި އެބޭކަލުންގެ މައްޗަށް އެއްވެސް ޙަސަދައެއް ރުޅިވެރިކަމެއް ނުވެއެވެ. އަޞްޙާބް ބޭކަލުން އީމާންތެރިކަމުގައި އެމީހުންނަށްވުރެ ކުރިއަރައި އިސްވެގެން ގޮސްފައިވާކަން އެމީހުން ޤަބޫލު ކުރެއެވެ. އަދި އެމީހުން އެބޭކަލުންނަށްޓަކައި ހެޔޮ ދުޢާ ކުރެއެވެ. އެހެންކަމުން އެބޭކަލުން އީމާންވީ ގޮތަށް އީމަންވުމަކީ ވާޖިބެއްކަމަށް ދަލީލު ލިބިގެންދެއެވެ. އެހެންކަމުން އީމާންވުމުގައި އެބޭކަލުންގެ އީމާންތެރިކަން، އެބަހީ އެބޭކަލުންގެ ޢަޤީދާގައްޔާއި އެއާއި ވިދިގެން އަންނަ ބަހާ ޢަމަލުގައި އެބެކަލުންނަށް ތަބާވުމަކީ ވާޖިބެކެވެ.

އަދިވެސް الله ވަޙީ ކުރައްވާފައި ވެއެވެ.

فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَوا وَّإِن تَوَلَّوْا فَإِنَّمَا هُمْ فِي شِقَاقٍ فَسَيَكْفِيكَهُمُ اللَّـهُ وَهُوَ السَّمِيعُ الْعَلِيمُ

މާނަ: “ފަހެ، ތިޔަބައިމީހުން(ރަސޫލާصلى الله عليه وسلمއާއި އެކަލޭގެފާނުގެ ޞަޙާބީން) އީމާންވެގެންތިބި ފަދައިން އެއުރެން އީމާންވިނަމަ، އެއުރެންނަށް ތެދުމަގު ލިބުނީސްކަން ކަށަވަރެވެ. އަދި އެއުރެން އެނބުރި ފުރަގަސްދީފިނަމަ، އެއުރެން ވާކަން ކަށަވަރީ، ދެކޮޅުވެރި ކަމެއްގެ ތެރޭގައެވެ. ފަހެ، اللَّه އެއުރެންގެ ކިބައިން ކަލޭގެފާނު ރައްކާތެރި ކުރައްވައި ސަލާމަތްކަން ދެއްވާނެތެވެ. އެއިލާހުއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”[8]

މިއާޔަތަކީ އަހްލު ކިތާބީންނާއި ބެހޭގޮތުން ބާވައިލެއްވުނު އާޔަތެއް ކަމުގައި ވިޔަސް ތަފްސީރު ޢިލްމުވެރިން އެއްބަސްވެލައްވާ ތަފްސީރުކުރުމުގައި ގެންގުޅޭ އުޞޫލެއް އޮވެއެވެ. އެއީ އާޔަތަކުން ދޭހަވާމާނަޔަކީ ހަމައެކަނި އެއާޔަތް ބާވައިލެއްވެވުނު ސަބަބުގެ މައްޗަށް ހިފެހެއްޓިގެންވާ އެއްޗެއްނޫނެވެ. އެހެނެއްކަމަކު އެއާޔަތުގެ ކަލިމަތައް އެކުވެގެން ދޭހަވާ މާނަޔަކީ ޢާންމުއެއްޗެކެވެ. އެހެން ކަމުން މިއާޔަތުން ދަލީލުލިބެނީ ހަމައެކަނި ހިދާޔަތް ލިބިގެންވާ މީހުންނަކީ ރަސޫލާصلى الله عليه وسلم ގެ ޞަޙާބީން އީމާންވީ ގޮތަށް އީމާންވީ މީހުންކަމެވެ. ސަބަބަކީ މިއާޔަތުގައި اللهسبحانه وتعالى  ވަޙީ   ކުރައްވާފައިވާ  فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ ” ފަހެ، ތިޔަބައިމީހުން (ރަސޫލާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަޙާބީން) އީމާންވެގެންތިބި ފަދައިން އެއުރެން އީމާންވިނަމަ” އޭ އެއޮތް ބަސްފުޅުގައި އައިސްފައިވާ ޟަމީރު މުޚާޠަބު (ދެވަނަ މީހާގެ ޟަމީރު ނުވަތ މުޚާޠަބު ކުރެވޭ ފަރާތުގެ ޟަމީރު) އޮތީ ޖަމްޢު (2 މީހުންނަށްވުރެ ގިނަ) ވެފައެވެ. އެއިން ދޭހަވަނީ މިއާޔަތުގައި “ތިޔަބައިމީހުން” ގެ ނަމުން މުޚާޠަބު ކުރެވިފައިވާ ފަރާތްތަކަކީ ރަސޫލާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަޙާބީންކަމެވެ. މި ސަބަބަށްޓަކައި އެމީހެއް އީމާންވީ ގޮތާއި އެމީހެއްގެ  ޢަޤީދާ، އަޞްޙާބް ބޭކަލުންގެ ޢަޤީދާއާއި  އެބޭކަލުން އީމާންވީ ގޮތާއި ތަފާތު ވެއްޖެނަމަ އެފަދަ މީހަކު އެހުރީ ޙައްޤު މަގުން އެއްކިބާވެގެންހުރި ޙާލު އެބޭކަލުންނާއި ދެކޮޅުވެރިވެގެންނެވެ.

ސުންނަތުން ވާރިދުވެގެން އައިސްފައިވާ ދަލީލުތަކަށް ބަލައިލާއިރު ޢިމްރާން ބިން ޙުސައިން رضي الله عنه ގެ ކިބައިން ރިވާވެގެން އައިސްފައިވާ ޙަދީޘެއްގައި ވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

خير الناس قرني ثم الذين يلونهم ثم الذين يلونهم ثم الذين يلونهم

މާނަ: “މީސްތަކުންގެ ތެރެއިން އެންމެ ހެޔޮވެގެންވަނީ ތިމަންކަލެގެފާނުގެ ޒަމާނުގައި އުޅުނު މީހުންނެވެ. ދެން އެއަށްފަހު އަންނަ މީހުންނެވެ. ދެން އެއަށްފަހު އަންނަ މީހުންނެވެ.”[9]

އަދި އިމާމް ބުޚާރީ-رحمه الله-  ރިވާ ކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

خير الناس قرني ثم الذين يلونهم ثم الذين يلونهم ثم يجيء قوم تسبق شهادة أحدهم يمينه ويمينه شهادته

މާނަ: ” މިއުއްމަތުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ޤަރުނަކީ ތިމަންކަލޭގެފާނުގެ ޤަރުނެވެ. ދެން އެއަށްފަހުން އައި މީހންނެވެ. ދެން އެއަށްފަހުން އައި މީހުންނެވެ. ދެން އެއަށްފަހު ބަޔަކު އަންނާނެއެވެ. އެބައިމީހުނެގެ ތެރެއިން މީހެއްގެ ހެކިބަސް ހުވަޔަށްވުރެ އިސްކުރާނެއެވެ. އަދި ހެކިބަހުގެ މައްޗަށް ހުވައި އިސްކުރާނެއެވެ.”

އަދި ތިރްމިޛީ  -رحمه الله-ރިވާކުރައްވާފއިވާ ޙަސަން ދަރަޖައިގެ ޙަދީޘެއްގައި ވެއެވެ.

وتفترق أمتي على ثلاث وسبعين فرقة، كلها في النار إلا واحدة ” فقيل له: ما الواحدة؟ قال: “ما أنا عليه اليوم وأصحابي”

މާނަ: “އަދި ތިމްނަކަލެގެފާނުގެ އުއްމަތް 73 ބަޔަކަށް ބެހިގެންދާނެއެވެ. އޭގެ ތެރެއިން އެންމެ ބައިގަނޑެއް ފިޔަވައި އެހެން ހުރިހާ ބައިގަނޑުތަކެއް ވަނީ ނަރަކައިގައެވެ. އެކަލޭގަފާނާއި ސުވާލު ދެންނެވުނެވެ. “އެ ބައިގަނޑަކީ ކޮބައިތޯއެވެ؟” އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “އެއީ މިއަދު ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ އަޞްޙަބް ބޭކަލުން އެގޮތެއްގެ މަތީގައި ތިބި ގޮތުގައި ތިބޭ މީހުންނެވެ.”

އިމާމް އަޙްމަދާއި އިމާމް ނަސާއީއާއި އަދި އެހެންބޭފުޅުން رحمهم الله ރިވާކުރައްވާފައިވާ އަބްދުالله ބިން މަސްޢޫދު-رضي الله عىه-ގެ ރިވާޔަތެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.

خط لنا رسول الله – صلى الله عليه وسلم – خطا فقال: هذا سبيل الله، ثم خط خطوطا عن يمينه وعن شماله ثم قال: هذه سُبل متفرقة، على كل سبيل منها شيطان يدعو إليه، ثم تلا ” وَأَنَّ هَـٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ “

މާނަ: ރަސޫލުالله صلى الله عليه وسلم އަހަރެމެންނަށްޓަކއި (ބިންމަތީގައި) ރޮގެއް ކުރެއްސެވިއެވެ. އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. “މިއީ الله ގެ މަގެވެ.” ދެން އެއަށްފަހު އެކަލޭގެފާނު އޭގެ ކަނާތް ފަރާތުންނާއި ވާތްފަރާތުން އެހެން ރޮނގުތަކެއް ކުރެއްސެވިއެވެ. އެއަށްފަހު ޙަދީޘްކުރެއްވިއެވެ. “މިއީ (އެހެން) މަގުތަކެކެވެ. މިއިން ކޮންމެ މަގެއްގައި އެމަގަށް ދަޢުވަތުދީ ގޮވާލާ ޝައިޠާނަކުވެއެވެ.” އެއަށްފަހު އެކަލޭގެފާނު (ޤުރުއާނުގެ އާޔަތް) ކިޔަވާވިދާޅުވިއެވެ.  وَأَنَّ هَـٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ  (މާނަޔަކީ ” އަދި ހަމަކަށަވަރުން މިއީ ތިމަން އިލާހުގެ ސީދާވެގެންވާ ތެދުމަގެވެ. އެހެންކަމުން އެމަގަށް ތިޔަބައިމީހުން ތަބާވާށެވެ. (އެހެން) މަގުތަކަށް ތަބާނުވާށެވެ. (އެހެން މަގުތަކަށް ތަބާވެއްޖެނަމަ) الله ގެ މަގުން ތިޔަބައިމީހުން އެއްކިބާވެގެން ހިގައިދާނެއެވެ.”[10]

ކުރިން ބަޔާންވެގެން ދިޔަ ޙަދީޘްތަކުގެ އަލީގައި މިޙަދީޘަށް ނަޒަރުހިންގައިލުމުން ދަލީލުލިބި އެގިގެންދަނީ ޞަޙާބީ ބޭކަލުން ތިއްބެވީ ރަސޫލާ صلى الله عليه وسلم އެމަގަކަށް ދަޢުވަތުދެއްވި މަގުގެ މަތީގައި ކަމެވެ. އަދި އެންމެ ޞައްޙަ ގޮތުގައި ދީނުގައި ފައިތިލަ ސާބިތުކުރީ އެބޭކަލުން ކަމެވެ. އެދީނުގެ އަސާސު ކަމުގައިވާ ޢަޤީދާގައި ޞައްޙަގޮތުގައި އެއްބައިވެގެންތިބި ޖަމާޢަތަކީ އެބޭކަލުންގެ ޖަމާޢަތް ކަމެވެ.

ބިދުޢަޔާއި އޭގެ އަހުލުވެރިންގެ ކިބައިން (މީސްތަކުންނަށް) އިންޒާރުދިނުން

މުސްލިމް އުއްމަތް ބައިބައިވެގެން ދާނެކަން ބަޔާންކޮށްދެއްވުމަށްފަހު އެބައިބައިވުންތަކުގެ ސަބަބުތައްވެސް ރަސޫލާصلى الله عليه وسلم  ވަނީ ބަޔާންކޮށްދެއްވާފައެވެ. އެސަބަބުތަކުގެ ތެރެއިން އެންމެ ބޮޑު ސަބަބަކީ ދީނުގެ ތެރެއަށް އަލަށްވެއްދޭ ބިދުޢަތަކެވެ. އެހެންކަމަށްވުމާއިއެކު މިކަމާއި ވިދިގެން އައިސްފައިހުރި ރަސޫލާصلى الله عليه وسلم ގެ ޙަދީޘްތައް ވަރަށް ގިނައެވެ. ވީމާ ތިރީގައި މިވަނީ އޭގެ ތެރެއިން ބައެއް ދަލީލުތަކެކެވެ.

އޭގެތެރޭގައި ޢިރްބާޟް ބިން ސާރިޔާ رضي الله عنه، ރަސޫލާصلى الله عليه وسلمގެ އަރިހުން ރިވާކުރައްވާފައިވާ އަންނަނިވި މަޝްހޫރު ޙަދީޘް ހިމެނެއެވެ.

أوصيكم بتقوى الله والسمع والطاعة وإن عبدا حبشيا فإنه من يعش منكم بعدي فسيرى اختلافا كثيرا فعليكم بسنتي وسنة الخلفاء الراشدين المهديين تمسكوا بها وعضوا عليها بالنواجذ وإياكم ومحدثات الأمور فإن كل محدثة بدعة وكل بدعة ضلالة

މާނަ: ” الله އަށް ތަޤުވާވެރިވުމަށާއި (ވެރިމީހާއަށް) އަޑުއަހައި ކިޔަމަންގަތުމަށް ތިމަން ކަލޭގެފާނު ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރަމެވެ. އެއީ އެނާ (ވެރިމީހާ) އަކީ ޙަބަޝީ އަޅެއްކަމުގައި ވިޔަސްމެއެވެ. އެހެނީ ހަމަކަށަވަރުން ތިޔަބައިމީހުންކުރެ ތިމަންކަލޭގަފާނަށް ފަހުގައި ދިރިއުޅޭނޭ ބަޔަކަށް ވަރަށް ގިނަ ޚިލާފްތައް ފެންނާނެއެވެ. އެހެންކަމުން ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަންކަލޭގެފާނުގެ ސުންނަތާއި ތިމަންކަލޭގެފާނުގެ ތެދުމަގު ލިބިވަޑައިގެންތިއްބެވި ޚަލީފާއިންގެ ސުންނަތައް ތަބާވުމެވެ. އޭގައި ތިޔަބައިމީހުން ހިފަހަށްޓާށެވެ. ކޮލު ދަތްތަކުން ވަރުގަދަޔަކަށް އޭގައި ހިފަހައްޓައިގެން ތިޔަބައިމީހުން ތިބޭށެވެ. އަދި ދީނުގެ ތރެއަށް އަލައްވެއްދޭ ކަންތައްތަކާއިމެދު ސަމާލުވަށެވެ. ފެހެ ދީނުގެ ތެރެއަށް އަލަށްވެއްދޭ ކޮންމެ ކަމަކީ ބިދުޢަތެކެވެ. އަދި ކޮންމެ ބިދުޢަތަކީ މަގުފުރެދުމެކެވެ.”

އަދި ރަސޫލުاللهصلى الله عليه وسلم  ޙަދީޘް ކުރެއްވިކަމަށް ޢާއިޝާ-رضي الله عنها-ގެ ކިބައިން އިމާމް ބުޚާރީއާއި އިމާމް މުސްލިމް رحمهما الله ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ.

من أحدث في أمرنا هذا ما ليس منه فهو رد

މާނަ: “އޭގެތެރެއިން ނުވާ އެއްޗެއް އަހަރެމެންގެ މިކަމުގެ (އިސްލާމްދީނުގެ) ތެރެއަށް ވައްދައިފިމީހާގެ އެކަމެއް ވަނީ އެމީހަކަށް ރައްދުކުރެވިގެންނެވެ.”

އަދިވެސް ޢާއިޝާ-رضي الله عنها-ގެ ކިބައިން އިމާމް މުސްލިމް-رحمه الله- ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. ރަސޫލު اللهصلى الله عليه وسلم  ޙަދީޘްކުރެއްވިއެވެ.

من عمل عملاً ليس عليه أمرنا فهو رد

މާނަ: “އަހަރެމްނެގެ އަމުރާއި (ކަމަކާއި) އެއްގޮތްނުވާ ޢަމަލެއް ކޮށްފި މީހާގެ ޢަމަލު ވަނީ އެމީހަކަށް ރައްދުކުރެވިގެންނެވެ.”

އެހެންކަމުން މިކަމަކީ ޞަޙާބީ ބޭކަލުން ރަނގަޅަށް ދެނެވަޑައިގެން ތިއްބެވިކަމެކެވެ. އަދި އެބޭކަލުންނަށްފަހުގައި އެބޭކަލުންނަށް ތަބާވީ މީހުންވެސް މިކަން ރަނގަޅަށް ދެނެވަޑައިގެން މިކަމާއިމެދު ސަމާލުވެވަޑައިގެން ތިއްބެވިއެވެ. އެގޮތުން:

 • އިމާމް ބައިޙަޤީ-رحمه الله- އެކަލެގެފާނުގެ ‘ސުނަނުލް ކުބުރާ’ ކިޔުނު ފޮތުގައި އިބްނު ޢައްބާސް رضي الله عنهما (އވ 68 ހ) ވިދާޅުވެފައިވާކަމަށް ލިޔުއްވާފައި ވެއެވެ. “ހަމަކަށަވަރުން الله ގެ ޙަޟްރަތުގައި އެންމެ ހަޑިހުތުރުކަން ބޮޑުވެގެންވާ އެއްޗަކީ ބިދުޢައެވެ” (4/316)
 • އިމާމް ލާލިކާއީ-رحمه الله- އެކަލޭގެފާނުގެ ‘ޝަރްޙު އުޞޫލުލް އިޢުތިޤާދު’ ކިޔުނު ފޮތުގައި ޙަސަން އަލް-ބަޞަރީ-رحمه الله- ވިދާޅުވިކަމަށް ލިޔުއްވާފައިވެއެވެ. “ބިދުޢަވެރިންނާއި ހަވާނަފްސުގެ އަހުލުވެރިންނާއި އެކީ ކަލޭ އިށީދެ ނަހަދާށެވެ. އެބައިމީހުންނާ ޒުވާބު ކޮށް ޖަދަލު ނުކުރާށެވެ. އަދި އެމީހުން ދައްކާވާހަކަ އަޑުނާހާށެވެ.” (ނ.267)
 • އިމާމް ލަލިކާއީ-رحمه الله- އެކަލޭގެފާނުގެ ‘ޝަރްޙު އުޞޫލުލް އިޢުތިޤާދު’ ކިޔުނު ފޮތުގައި ފުޟައިލް ބިން ޢިޔާޟް-رحمه الله- (އވ 187 ހ) ވިދާޅުވިކަމަށް ލިޔުއްވާފައިވެއެވެ. “އަހަރެން މީސްތަކުންގެ ތެރެއިން އެންމެ ހެޔޮ އެންމެ ރަނގަޅު މީސްމީހުންނާއި ބައްދަލުކުރީމެވެ. އެ އެންމެންނަކީވެސް ސުންނަތުގެ އަހުލުވެރިންނެވެ. އަދި ބިދުޢަވެރިންނާއި އެކީ އެޅުން، އެއެންމެވެސް މަނާކުރިއެވެ.” (ނ. 267)
 • އިބްރާހީމް ބިން މައިސަރާ-رحمه الله- (އވ 132 ހ) ވިދާޅުވިކަމަށް އިމާމް ލަލިކާއީ-رحمه الله- ރިވާކުރައްވާފައިވާ ރިވާކޔަތެއްގައި ވެއެވެ. “ބިދުޢަވެރިޔަކު ކަރާމަތްތެރިކޮށް އޭނާއަށް ޝަރަފުދީފިމީހާ އިސްލާމްދީން ހަލާކުކުރުމުގައި އެހީތެރިވެދީފިއެވެ.” (1/139)
 • އަބޫ ނުޢައިމް-رحمه الله- އެކަލޭގެފާނުގެ ‘ޙިލްޔާ’ ކިޔުނުފޮތުގައި (7/26) އަދި އިބްނި ބައްޠާ-رحمه الله- (ނ 444) ، ސުފްޔާނުއް ޘައުރީ-رحمه الله- ވިދާޅުވެފައި ވާކަމަށް ރިވާކުރައްވާފައިވެއެވެ. ” ބިދުޢަވެރިޔާ ދައްކާ ވާހަކަތައް އަޑުއަހައިފި މީހާ الله ގެ ރައްކާތެރިކަމުން ބޭރުވެގަނެފިއެވެ. އަދި އެމީހާ ބިދުޢައިގެ މައްޗަށް ދޫކޮށްލެވޭނެއެވެ.”
 • އިމާމް ބަޣަވީ-رحمه الله- އެކަލޭގެފާނުގެ ‘ޝަރްޙުއް ސުންނާ’  ކިޔުނު ފޮތުގައި އިމާމް މާލިކް-رحمه الله- (އވ 179 ހ) ވިދާޅުވެފައިވާކަމަށް ލިޔުއްވާފައިވެއެވެ. ” ބިދުޢަވެރިންނަކީ ހާދަ ނުބައި ބައެކެވެ! އަހަރެމެން އެމީހުންނަށް ސަލާމް ގޮވައި ނޫޅެމެވެ.” (1/234)
 • އިމާމް ލަލިކާއީ-رحمه الله-ގެ ‘ޝަރްޙު އުޞޫލުލް އިޢުތިޤާދު’ ކިޔުނު ފޮތުގައި އައް-ޘާބިތް ބިން އަލް-އަޖްލާން-رحمه الله- ވިދާޅުވިކަމަށް ލިޔުއްވާފައިވެއެވެ. ” އަނަސް ބިން މާލިކް، އިބްނުލް މުސައްޔިބް، ޙަސަން އަލް-ބަޞަރީ، ސަޢީދު ބިން ޖުބައިރް، އައް-ޝަޢުބީ، އިބްރާހީމް އައް-ނަޚާޢީ، އަޠާއު ބިން އަބީ ރިޔާޙް، ޠާވޫސް، މުޖާހިދު، އަބްދުالله ބިން އަބީ މުލައިކާ، އައްޒުހުރީ، މަކްޙޫލް، އަބޫ ޢަބްދުއް-ރަޙްމާން އަލް-ޤާސިމް، އަޠާއު އަލް-ޚުރާސާނީ، ޘާބިތް އަލް-ބަނާނީ، އަލް-ޙަކަމް ބިން ޢުތުބާ، އައްޔޫބް އައް-ޝަކްތިޔާނީ، ޙައްމާދު ބިން މުޙައްމަދު ބިން ސީރީން، އަބޫ ޢާމިރު ޔަޒީދު އައް-ރިޤާޝީ – މިކަލޭގެފާނު ވަނީ އަބޫބަކުރުއް ޞިއްދީޤާއި ބައްދަލުކުރައްވާފަ- އަދި ސުލައިމާން ބިން މޫސާ، މިއެންމެހައި ބޭބޭފުޅުންނާއި އަހަރެން ބައްދަލުކުރީމެވެ. އެ އެންމެންވެސް އަހަރެންނަށް އަމުރުކުރެއްވީ ޖަމާޢަތާއި އެކީ ވުމަށެވެ. އަދި ހަވާނަފްސުގެ އަހުލުވެރިން (އެބަހީ ބިދުޢަވެރިންގެ) ކިބައިން އަހަރެންނަށް އިންޒާރުދީ މަނާކުރެއްވެވިއެވެ.” (ނ 239)
 • އިމާމް އަޙްމަދު-رحمه الله- އެކަލޭގެފާނުގެ މަޝްހޫރު ފޮތެއްކަމުގައިވާ ‘އުޞޫލުއް ސުންނާ’ ފައްޓަވަމުން ލިޔުއްވާފައިވެއެވެ.
  أصول السنة عندنا: التمسك بما كان عليه أصحاب رسول الله صلى الله عليه وسلم – والاقتداء بهم، وترك البدع وكل بدعة فهي ضلالة، وترك الخصومات والجلوس مع أصحاب الأهواء
  މާނަ : ” އަހަރެމެންގެ ކައިރީގައި ސުންނަތުގެ މައިގަނޑު އުޞޫލުތަކަކީ: ރަސޫލާ صلى الله عليه وسلم ގެ އަޞްޙާބް ބޭކަލުން އެގޮތެއްގެ މަތީގައި ތިއްބެވި ގޮތުގައި ތިބުން – އެބޭކަލުން (އަދި އެބޭކަލުންގެ ގޮތަކީ) ނަމޫނާއެއް ކަމަށް ބަލައި އެގޮތައް ތަބާވުން- އަދި އަރައިރުންވުމާއި ޒުވާބުކުރުމާއި ހަވާނަފްސުގެ އަހުލުވެރިން ކައިރީ އިށީނުމުން ދުރުހެލިވުމެވެ. އަދި ބިދުޢަތަކާއި ދުރައްދިޔުމެވެ. ފަހެ ބިދުޢަތަކީ އެއީ މަގުފުރެދުމެކެވެ. “
 • އިމާމް ބަރްބަހާރީ-رحمه الله- (އވ 329 ހ) އެކަލޭގެފާނުގެ ‘ޝަރްޙުއް ސުންނާ’ ކިޔުނު ފޮތުގައި ވިދާޅުވެފައިވެއެވެ.
  والأساس الذي تبنى عليه الجماعة، هم أصحاب محمد -صلى الله عليه وسلم- ورحمهم الله أجمعين، وهم أهل السنة والجماعة، فمن لم يأخذ عنهم، فقد ضل وابتدع، وكل بدعة ضلالة، والضلالة وأهلها في النار
  މާނަ : ” މުސްލިމުންގެ ޖަމާޢަތް ބިނާވެގެންވާ އަސާސަކީ  މުޙައްމަދުصلى الله عليه وسلم ގެ ޞަޙާބީންނެވެ. މާތް الله އެ އެންމެހާ ޞަޙާބީންނަށް ރަޙުމަތްލައްވާށިއެވެ. އަދި އެބޭކަލުންނަކީ އަހްލުއްސުންނާ ވަލް ޖަމާޢަތެވެ. އެހެންކަމުން އެ ޞަހާބީންގެ ކިބައިން (ދީން ނުވަތަ ޢިލްމު) ނުނަގައިފި މީހާ، ފަހެ އެމީހަކު މަގުފެރެދި ބިދުޢަވެރިވެއްޖެއެވެ. އަދި ކޮންމެ ބިދުޢަތަކީ މަގުފުރެދުމެކެވެ. އަދި މަގުފުރެދުމާއި އޭގެ އަހުލުވެރިން ވަނީ ނަރަކައިގައެވެ.”

މިއީ މި މަޢުޟޫއާއި ގުޅޭގޮތުން އައިސްފައިވާ އެތައް ބައިވަރު ރިވާޔަތް ތަކެއްގެ ތެރެއިން މަދު އެތިކޮޅެކެވެ. އެ ހުރިހާ ރިވާޔަތްތަކެއް ދަލީލު ކޮށްދެނީ އިސްލާމްދީން އޭގެ އެންމެ ސާފުކަން މަތީގައި އޮތްކަމާއި އަޞްޙާބް ބެކަލުން އެދީނަށް އެންމެފުރިހަމަޔަށް ބޯލެބި ކަމެވެ. އަދި އެކަމުގެ ސަބަބުން އެބޭކަލުންނަށް ޢިއްޒަތާއި، ޝަރަފާއި، ޤަދަރާއި ، ބާރާއި ވެރިކަން ދެއްވިކަމެވެ. އަދި މަތިވެރިވެގެންވާ ނަޞްރަކުން ނަޞްރުދެއްވިކަމެވެ. އޭގެ މަތިވެރިކަމުގެ ސަބަބުން މަޝްރިޤާއި މަޣުރިބު ފަތަޙަވެގެން ދިޔައެވެ. އެ މަތިވެރި ކާމިޔާބީގެ ހަމައެކަނި ސިއްރަކީ، ބަޔާންވެދިޔަ ރިވާޔަތްކުން ސާބިތުވާފަދައިން އެބޭކަލުންގެ ޞައްޙަ ޢަޤީދާއާއި ފުރިހަމަ އީމާންތެރިކަމެވެ. ބިދުޢަތަކާއި އޭގެ އަހުލުވެރިންނާއި، އިސްލާމްދީން އިދަޖައްސާލުމުގައްޔާއި މުސްލިމް އުއްމަތް ބައިބައިކުރުވުމުގައްޔާއި އީމާންކަމުގެ ކިއްލާތައް ފުނޑުފުނޑު ކުރުމުގައި އެ ބިދުޢަވެރިންގެ ދައުރަކީ ކޮބައިކަމާއި ބެހޭގޮތުން ހުރި ޙަދީޡްތަކުގައި އައިސްފައިވާ ބަސްފުޅުތައް އެބޭކަލުންނާއި އެބޭކަލުންނަށް ތަބާވީ މީހުން ރަނގަޅަށް ފަހުމްކޮށް ދަނެއެވެ.


masdharu:http://maruhabaa.com/

[1] سورة المائدة 3

[2] سورة المائدة 67

[3] صحيح البخاري و مسلم

[4]سورة الأل عمران 103

[5] سورة النّساء 115

[6] سورة التّوبة 100

[7] سورة الحشر 10

[8] سورة البقرة 137

[9] معجم الكبير و صحيح ابن حبّان

   [10] سورة الأنعام 153

އިންސާނިއްޔަތު ބޭނުންވަނީ ނުކުޅެދޭ ޑިމޮކްރަސީ ހެއްޔެވެ؟ ނުވަތަ މަތިވެރި ﷲގެ ޝަރީޢަތް ހެއްޔެވެ؟

މުޅި ޤައުމު ހަމަ ނުޖެހުމެއްގައެވެ. ކޮންމެ ބައެއްގެވެސް ބޭނުމަކީ އަނެއް ބައެއްގެ ކުށް ހޯދާ އެބަޔަކު ކުށްވެރި ކުރުމެވެ. މުޒާހަރާތަށް ކޮށް އަނެއްބައެއްގެ ފަތިފުށް ފާޅުގައި ގޮވާ ފަޟީހަތް ކުރުމުގެ ޖޯޝެއް ވަނީ އުފެދިފައެވެ. ނަމަވެސް ހުރިހާ އެންމެންގެ ވެސް ލަނޑުދަނޑިއަކީ އެއް ލަނޑުދަނޑި އެކެވެ. ރައްޔިތުންގެ ވެރިކަމެއް ނުވަތަ ފުރިހަމަ ޑިމޮކްރަސީއެއް ގެނައުމެވެ. ތާރީޚް އެކަމަށް ހެކި ނުދޭ ޙާލު މިފަދަ ދަޢްވާ ތަކުގައި މީސްތަކުން ޣާފިލު ކުރުމުގައި އަހަރެމެންގެ އެންމެ ވަރުގަދަ އަދި ތަޖުރިބާކާރު ނަމަވެސް ލޮލަށް ނުފެންނަ ދުޝްމަން، އާދެ ޝައިޠާނާ ވަނީ ކުރިއަރާފައެވެ. އޭނާގެ މަޤްސަދަކީ އަހަރެމެން ހެއްދެވި ފަރާތުގެ އެންމެހާ އަމުރު ތަކުން އަހަރެމެން ދުރުކުރުވުމެވެ. ﷲ ތަޢާލާ ވަނީ ވަރަށް ޞަރީޚަ ޢިބާރާތުން ޝައިޠާނާ އަކީ އަހަރެމެންގެ މައްޗަށް ވާ ބޮޑު ޢަދުއްވެއްކަން ބަޔާން ކުރައްވާފައެވެ. އޭނާގެ ފިޔަވަޅުތަކަށް ތަބަޢު ނުވުމަށް އެތައް ފަހަރަކު ޤުރުއާނުގައި ޒިކުރު ކުރައްވާފައިވެއެވެ. އަދި ޝައިޠާނާއަށް ތަބަޢުވާ އޭނާގެ ބައިގަނޑަކީ ހަމަކަށަވަރުންވެސް ގެއްލި ހަލާކުވެގެންދާނެ ބައެއް ކަމުގައިވެސް ﷲ ވަނީ އަހަރެމެންނަށް އަންގަވާފައެވެ.

އަހަރެމެން އަހަރެމެން ހެއްދެވި ފަރާތާ އެއިލާހުގެ އަމުރުތަކުން ދުރުވެގެން މިތިބީ ކިހާ މިންވަރަކަށް ހެއްޔެވެ؟ އެންމެން އެއް އަޑަކުން ރޮއެ އާދޭސް ކުރަނީ ﷲގެ ޤާނޫން މިބިންމަތީގައި ތަންފީޒު ކުރުމަށް ހެއްޔެވެ؟ ނުވަތަ އަހަރެމެންގެ ޢަދުއްވުން ހަދާފައި އޮތް ކުފުރުގެ ނިޒާމަކަށް ހެއްޔެވެ؟ ހަމަކަށަވަރުންވެސް ﷲ ތަޢާލާ ގެ މަތިވެރި ޝަރީޢަތް މީސްތަކުންގެ މެދުގައި ތަންފީޛުކުރުމުން, ޢަދުލް އިންސާފާއި، ސުލްޙަ މަސްލަޙަތާއި, އަމަން އަމާންކަން އެތަނަކަށް އައުމަކީ އެއްވެސް އިޚްލާޞްތެރި މުސްލިމެއް އެކަމާ ދެކޮޅު ހަދާނެ ކަންކަމެއް ނޫނެވެ. އޭގެ ބަދަލުގައި މީސްތަކުން އަމިއްލައަށް ހަދާފައި އޮތް ނިޒާމެއް ނުވަތަ ޤާނޫނެއް, ދުވަހަކުވެސް މަތިވެރި ﷲގެ ޤާނޫނާއި އެއްވަރެއް ނުވާނެއެވެ. އެހެނީ އިންސާނުންގެ ވިސްނުމާއި ބުއްދި ވަނީ އުނިކަމުން ފުރިގެންނެވެ. އަދި ﷲ އަކީ އަހަރެމެން ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނެވި ފަރާތްކަމުގައި ވީ ހިނދު, އަދި އެއިލާހަކީ އެންމެ ފުރިހަމަ ވެގެންވާ ފަރާތްކަމުގައި ވީ ހިނދު, އަހަރެމެން މިފަދަ ކަމެއްގައި ﷲ އާ ވާދަކުރަން ހިތަށް އެރުމަކީވެސް ކޮންފަދަ ނުބައިކަން ބޮޑު ކަންތައްތައް ހެއްޔެވެ!

ޝައިޠާނާގެ މަޅިތަކަކީ ގިނަ ފަހަރު އަހަރެމެންނަށް ނޭނގި އޭގެ ތެރެއަށް ވަދެވޭފަދަ ނުރައްކައުތެރި މަޅިތަކެކެވެ. އޭގެ ފުރިހަމަ މިސާލުތައް މިއަދުގެ އިސްލާމީ އުންމަތުން ފެންނަން ހުރީ ބުއްދީގެ އަހުލުވެރީންނަށް ގުނާ ޢަދަދު ނުކުރެވޭހާ ގިނައިންނެވެ. އެގޮތުން އަހަރެމެންގެ މި ކުޑަ ދިވެހިރާއްޖެއަށް ބަލާލިކަމުގައި ވިޔަސް އެތައް ދިރިހުރި މިސާލުތަކެވެ.

އެއްބަޔަކު ފާޅުގައި ހުޅަނގުގެ ޑިމޮކްރަސީ ގެނެއަމަށްޓަކައި މަސައްކަތް ކުރަނީއެވެ. އެމީހުންވެސް ފާޅުގައި އެހެނެއް ނުބުނާނެއެވެ. ސަބަބަކީ ޝައިޠާނާއަކީ އާދަމް عليه السلام އާއި ހިސާބުން ފެށިގެން މަސަތްކަތުގެ ތަޖުރިބާ ލިބެމުންދާ، ތަޖުރިބާ ކާރެކެވެ. މާހިރެކެވެ. ދުނިޔޭގެ ސިޔާސީ މީހުން ގެންގުޅޭ އޮޅުވާލުމާއި މަކަރުވެސް އެހާ މޮޅުއިރު, ޝައިޠާނާގެ ރޭވުންތަކުގެ ފެންވަރު ކިހާ މޮޅުވާނެ ކަމާއި މެދު ތަޞައްވަރު ކޮށްލައްވާށެވެ؟ ފާޅުގައި އަހަރެމެންނަކީ ހުރިހާ ދީންތަކަކަށްވެސް މިނިވަންކަން ދޭން ބޭނުންވާ ބަޔެކޭ, ނުވަތަ މީސްތަކުންގެ ބޮޑު ބައިގަނޑު އެއްޖިންސުން ގުޅުން ހިންގަން ބޭނުން ވެއްޖެނަމަ އެހުއްދަ ވެސް ދޭން ޖެހޭނެއޭ, ނުވަތަ އިސްލާމީ ޝަރީޢަތް މިޒަމާނަކަށް ނުފެތެއޭ ބުނެފިނަމަ އެމީހުންނާ ގިނަ ބަޔަކު އިދިކޮޅުވާނެ ކަން އެމީހުންގެ ތަޖުރިބާކާރު ކައުންސިލަރ [ޝައިޠާނާ] އަބަދުވެސް އެމީހުންގެ ގާތުގައި ބުނަމުންދާނެއެވެ. އެގޮތުން އެމީހުންގެ ކަންތައްތައް މި ބުނެވުނު ހިސާބަށް ނުގެންގޮސް، މަޑުމަޑުން އެމީހުންގެ މަޤްޞަދު ޙާޞިލު ކުރުމަށް މަސައްކަތް ކުރާނެއެވެ. އަދި މިގޮތުގައި މަޑުމަޑުން ގެންދިޔުމުން އާޚިރުގައި މީސްތަކުން އެމީހުންގެ ފިކުރަށް ލެންބުމުގެ ފުރުޞަތު ފުޅާވެގެންދެއެވެ. ދަނޑިވަޅު ލިބުނީމާ އެމީހުންގެ މަޤްޞަދާއި އެއްގޮތަށް އެމީހުން ކަންތައްތައް ކުރާނެއެވެ. އެ ހިނދުގައި މީސްތަކުންވެސް ވާނީ އެމީހުންގެ އެ އުޞޫލުތަކަށް ތާޢީދު ކުރާ ޙާލުގައެވެ.

އަނެއްބަޔަކީ ﷲގެ ދީނުގެ ނަމުގައި ހިތާމަކުރަނިވި މިންވަރަކަށް ޝައިޠާނާ، އޭނާގެ މަޅީގައި ޖައްސާފައި ތިބި ބަޔެކެވެ. އެމީހުންގެ ދަޢްވާއަކީ އިސްލާމްދީނަށް ނަޞްރުދީ, އެދީނަށް ޚިދްމަތްކޮށް, އެދީނުގެ ޝިޢާރުތައް އަނބުރާ ގެނައުމެވެ. ނަމަވެސް އެމީހުން މިކަމުގައި ޚިޔާރުކުރި މަގަކީ މިދެންނެވުނު ކުފުރުގެ ނިޒާމުތަކުގެ މަގެވެ. އެފަދަ މީހުންނަށް ޚުދު މިކަމުގައި ހުރި ހުރަސްތައް ރަނަގަޅަށް އެނގޭނެއެވެ. އެފަދަ ކުފުރުގެ ނިޒާމު ތަކުގަތެރޭގައި ދީނީ ޝިޢާރުތަކަށް އޮންނާނީ ކޮން ތާޢީދެއް ހެއްޔެވެ؟ އެފަދަ މީހުންނަށް ކުރެވޭނެހާވެސް ކަމަކީ ކުފުރުގެ ނިޒާމުތަކުން ކުރާ ކަންތައްތައް، ހަރު އަޑުން ކުށްވެރި ކުރުމެވެ. އަދި އެފަދަ މަޖްލީސްތަކުގައި އިށީނުމުގެ ފުރުޞަތު ލިބުނު ކަމުގައި ވިޔަސް ބޮޑު ބައިގަނޑު އެކަމަކަށް އިންކާރު ކުރާ ކަންތައްތައް އެފަދަ ބައެއްގެ ތެރޭގައި ފާސް ކުރެވޭނެހެއްޔެވެ؟ އިންސާނުން އަމިއްލައަށް ހަދާ ޤާނޫންތައް މަސްހުނި މޮޑެން ކަނޑައަޅަފައިވާ މަޖްލިސްތަކަކުން, އިސްލާމީ މަތިވެރި ޝަރީޢަތް ތަންފީޒު ކުރުން މީ ދުނިޔޭގެ ތާރީޚުގައި މިހާތަނަށް ވެފަ އޮތް ކަމެއް ނޫނެވެ.

މިދެންނެވުނު ޙަޤީޤަތް އަޅުގަނޑުމެންގެ ދިވެހިރާއްޖެއިން މިހާރު ފެންނަމުން މިދަނީ ބުއްދީގެ އަހުލުވެރީންނަށް ހުރި ބޮޑު ޢިބްރަތެއްގެ ގޮތުގައެވެ. ރާއްޖޭގައި އޮތީ ޑިމޮކްރަސީގެ ނިޒާމެކެވެ. ޤާނޫނު ކަނޑައަޅާފައިވަނީ ހުޅަގުގެ ކާފަރުންގެ ފުރިހަމަ މަޝްވަރާގެ މަތީންނެވެ. ސުވާލަކީ އެފަދަ ނީޒާމެއްގެ ދަށުން އެއްޖިންސުން ގުޅުން ހިންގުން އެއީ މައްސަލައެއްބާއެވެ؟ އެފަދަ ނިޒާމެއްގެ ދަށުން ރާ ވިއްކުން އެއީ މައްސަލައެއްބާއެވެ؟ އެފަދަ ނިޒާމެއްގެ ދަށުން އެހެން ދީންތަކަށް އުޅުން އެއީ މައްސަލައެއްބާއެވެ؟

މިއާ ޚިލާފަށް އިސްލާމީ ޝަރީޢަތެއްގެ ތެރޭގައި މިފަދަ ކަންތައްތަކަށް އަނގަ ހުޅުވާލުމުގެ ފުރުޞަތެއްވެސް ނޯންނާނެއެވެ. އެހެނީ އެއީ އިންސާނުންނަށްޓަކައި ﷲ ކަނޑައެޅުންވި ޙުދޫދް ތަކެވެ. އިންސާނުން އެޙުދޫދްތައް ފަހަނައަޅާ ދިޔުމުގެ ބޭނުމުގައި މަތިވެރި ﷲގެ ޤާނޫނުގެ މަތީން، އިންސާނުން އެމީހުންގެ ނުކުޅެދޭ ވިސްނުން ބޭނުން ކޮށްގެން އަމިއްލަ ޤާނޫނުތައް ހެދީއެވެ.

އެހެންކަމުން އިންސާނިއްޔަތަށް ޙަޤީޤީ ޞުލްޙައާއި ހަމަޖެހުން ލިބިގެންދާނީ، ﷲ ގެ ޝަރީޢަތް މިބިންމަތީގައި ތަންފީޒުކުރުމުންނެވެ. އިސްލާމީ ޝަރީޢަތާ ވައްތަރުގެ ނުވަތަ އިސްލާމީ ޑިމޮކްރަސީ ކިޔާ ނިޒާމެއްވެސް ޙަޤީޤީ އިސްލާމީ ޝަރީޢަތާ އެއްގޮތެއް ނުވާނެއެވެ. އަޅާވެސް ނުކިޔޭނެއެވެ. އަދި މުސްލިމުންނަށް ވާޖިބުވެގެން ވަނީ ﷲ ގެ ޝަރީޢަތް މިބިންމަތީގައި ތަންފީޒުކުރުމަށެވެ. އަޅުގަނޑުމެން ބޭނުން ވަނީ މި ނުކުޅެދޭ ޑިމޮކްރަސީގެ ތެރޭގައި ދޮގާ، މަކަރާ، ހީލަތާ، އޮޅުވާލުމުގައި އުޅެން ހެއްޔެވެ؟ ނުވަތަ މަތިވެރި ﷲގެ ޢަދުލް އިންޞާފުގެ ނިޒާމް ހެއްޔެވެ؟ އެއްވެސް މުސްލިމެއް ހަމަޔަޤީނުންވެސް އެފަދަ ކުފުރުގެ ނިޒާމެއް ބޭނުމެއް ނުވާނެއެވެ. އެހެންކަމުން މި ކެހިވެރި މަޅިން ސަލާމަތްވެ އިންސާނުންނަށް ހެވާއި ކާމިޔާބު ލިބެނިވި ގޮތް ބަޔާން ކޮށްދެއްވި އިންސާނިއްޔަތުގެ ވެރި އިލާހުގެ އަމުރުތަކަށް ތަބަޢު ވަމާ ހިނގާށެވެ. ހަމަކަށަވަރުން ﷲ ގެ ޤާނޫން ފުރިހަމަވެގެން ވެއެވެ. އަދި އިންސާނުންގެ އަމިއްލަ ޤާނޫންތައް ނުކުޅެދިގެން ވެއެވެ.

މޮނިއުމަންޓްތައް މުގުރާލުމަށް ގޮވާލައި ބަޔަކު މީހުން މުޒާހަރާކޮށް މުލިއާގެ ކައިރިއަށް އެއްވާން މަސައްކަތް ކުރަނިކޮށް ފުލުހުން ނުކުމެ މުޒާހަރާ ރޫޅާލައިފި

“ޒުވާނުން”ގެ ނަމުގައި މިރޭ 9:30 އެހާކަންހާއިރު އާޓިފިޝަލް ބީޗަށް އެއްވި މީހުން އެ ސަރަހައްދުގައި ޝުއޫރު ފާޅު ކުރުމަށްފަހު މަގުތަކަށް ނުކުމެ އެކި ސަރަހައްދުތަކުގައި ބުދު ބެހެއްޓުމާ ދެކޮޅަށް އަޑު ހަރުކުރި އެވެ. އެމީހުން ގޮވަމުން ދިޔައީ ލާދީނީ ފިކުރަށް ރާއްޖޭގައި ޖާގަދީގެން ނުވާނެ ކަމަށާއި ބުދުތައް ތަޅައިލުމަށެވެ. އައްޑޫ ސިޓީގައި ބަހައްޓާފައިވާ ބުދުތަކުގެ މޮނިއުމަންޓްތައް މާދަމާގެ ހުކުރަށް ފަހު ތަޅާލާނެ ކަމުގެ އިންޒާރު ވެސް ދިނެވެ. މީގެ އިތުރުން މަސާޖު ޕާލާތައް ބަންދު ކުރުމަށާއި ރައީސް ނަޝީދުގެ އިސްތިއުފާއަށް ވެސް ގޮވި އެވެ.

އެ މީހުން މަސައްކަތްކޮށްފައި ވަނީ މުލިއާގޭ ކައިރިއަށް އެއްވުމަށެވެ. ނަމަވެސް އޭގެ ކުރިން ފުލުހުން ވަނީ މުލިއާގެއަށް ވަދެވޭ ހުރިހައި މަގުތަކެއް ބަންދުކޮށްފަ އެވެ.

“ބުދުތަކާ ދެކޮޅަށް” ކުރި މުޒާހަރާ ފުލުހުން ރޫޅައިލީ މުލިއާގެއާ ދިމާލުން އަލިކިލެގެ ފާނު މަގުންނެވެ. މުޒާހަރާ ރޫޅައިލުމުގައި ރަޔަޓް ގިޔަރު ފުލުހުން، މުޒާހަރާގެ ބައިވެރިންގެ ތެރެއިން 10 ވަރަކަށް މީހުން ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ދެ އަންހެނަކު ވެސް ހިމެނެ އެވެ.

މުޒާހަރާ ކުރި މީހުން ބުނީ މާދަމާ ހުކުރުން ފައިބައިގެން އަނެއްކާވެސް މުޒާހަރާ ކުރާނެ ކަމަށެވެ.

މޮނިއުމެންޓް ބޮލާލާ ޖެހުމަކީ ސަރުކާރަށް ފަސޭހަކަމެއް ނޫން

ސާކްސަމިޓާއި ދިމާކޮށް ކަމަށްބުނެ އައްޑޫގައި ބެހެއްޓި ޣައިރުދީންތަކުގެ އަޅުކަންކުރާ ބުދުތަކެއް ހިމެނޭ “މޮނިއުމެންޓް ބޮލާލާ ޖެހުމަކީ ސަރުކާރަށް ފަސޭހަކަމެއް ނޫން”ކަމަށް ރައިސްލްޖުމްހޫރިއްޔާ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު ވިދާޅުވެއްޖެއެވެ.

ޒުހައިރު މިހެންވިދާޅުވީ ޣައިރު ދިންތަކުގެ އަޅުކަންކުރާ ބުދުތަކެއް ހިމެނޭ މޮނިއުމެންޓް ނެގުމަށް އިސްލާމިކް މނިސްޓްރީއިން ސަރުކާރުގެ ތިން އިދާރައަކަށް އަންގާފައިވަނިކޮށް ހަވީރު ނޫހަށް ދެއްވި ބަސްދީގަތުމެއްގައެވެ.

“ހާއްސަކޮށް އަޅުގަނޑުމެންނަށް ވުރެ އިސްލާމީ އިލްމުވެރިން ގިނަ، އިސްލާމްދީނަށްޓަކައި މާ ގިނަ ކަންތައްތައް ކުރައްވަމުން ގެންދަވާ އެކުވެރި އިސްލާމީ ދައުލަތަކުން ކުރައްވާފައިވާ އެ ބާވަތުގެ ކަމެއް ބޮލާލާ ޖެހުމަކީ ފަސޭހަ ކަމަކަށް ނުވާނެ. އެއްވެސް އިސްލާމީ ދައުލަތަކާއި އަނެއް ދައުލަތަކާ ދެމެދު އެކަން އެހެނެއް ނޯވޭ” ހަވީރަށް ދެއްވި ބަސްތީގަތުމުގައި ޒުހައިރު ވިދާޅުވިއެވެ.

ޒުހައިރު ވިދާޅުވީ ޣައިރު ދީންތަކުގެ އަޅުކަންކުރާ ބުދުތަކެއް ހިމެނޭ މޮނިއުމެންޓް މައްސަލައިގައި ގޮތެއް ނިންމޭނީ އިސްލާމިކް މިނިސްޓަރާއި ޕާކިސްތާނު ހައިކޮމިޝަނާ ދެމެދު ކުރެވޭ މަޝަވަރާތަކަށްފަހުގައި ކަމަށެވެ. ޒުހައިރު މިހެންވިދާޅުވިއިރު އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވިދާޅުވީ އެމްބަސީތަކާ ބެހޭ ކަންތައްތައް ކުރާނީ ފޮރިން މިނިސްޓްރީން ކަމަށާއި، އެމްބަސީތަކާ ވާހަކަ ދައްކައިގެން މޮނިއުމަންޓްތައް ނެގުމަކީ ފޮރިން މިނިސްޓްރީގެ ކަމެއް ކަމށެވެ.

ޒުހައިރު އަދި ވިދާޅުވީ މިކަމުގައިއިސްލާމިކް މިނިސްޓްރި އަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށާއި މިކަމުގައި ދީނީ ގޮތުން އޮންނަގޮތް އިސްލާމިކް މިނިސްޓަރ ވިދާޅުވާނެ ކަމަށެވެ. އެއާ އެކު ރައްޔިތުންގެ ޝުޢޫރުތަކަށް ސަރުކާރުން އިޙްތިރާމްކުރާނެ ކަމަށެވެ.

ރައްޔިތުންގެ ޝުއޫރުތަކަށް ސަރުކާރުން އިޙްތިރާމްކުރާނެ ކަމަށް ޒުހައިރު ވިދާޅުވިއިރު، ސަރުކާރުންވަނީ ދިވެހި ރައްޔިތުންނާ ދެކޮޅަށް ޣައިރު ދީންތަކުގެ ބުދުތައް ހިމެނޭ މޮނިއުމެންޓް ހިމާޔަތްކުރުމަށް ދިވެހި ފުލުހުން ނެރެފައެވެ.

 

މޮނިއުމަންޓްތައް ނެގުމަށް އިސްލާމިކް މިނިސްޓްރީން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައިފި

ސާކް ސަމިޓާ ދިމާކޮށް އައްޑޫގައި ބެހެއްޓި އިސްލާމްދީނާއި ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ ފުށުއަރާ މޮނިއުމަންޓްތައް ނެގުމަށް އިސްލާމިކް މިނިސްޓްރީން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ބުރާސްފަތި ދުވަހު ވިދާޅުވީ އިސްލާމްދީނާ ފުށުއަރާ، އަދި އެހެން ދީންތައް ރަމްޒުކޮށްދޭ ގޮތަށް ހުރި މޮނިއުމަންޓްތައް ނަގަން އެންގީ ރައީސް އޮފީހަށާއި ފޮރިން މިނިސްޓްރީ އަށް ކަމަށެވެ. އަދި އައްޑޫ ކައުންސިލް އިދާރާ އަށް ވެސް ބުރާސްފަތި ދުވަހު އެކަން އަންގަވާނެ ކަމަށް ޑރ. މަޖީދު ވިދާޅުވި އެވެ.

“ޕާކިސްތާން ހައި ކޮމިޝަނަރާ ވެސް އަޅުގަނޑު އެ ވާހަކަ ދެއްކިން. އަޅުގަނޑާ އޮންނަ ގާތް ގުޅުމުގެ ތެރެއިން ހައި ކޮމިޝަނަރާ އެ ވާހަކަ ދެއްކި ނަމަވެސް އެމްބަސީތަކާ ބެހޭ ކަންތައްތައް ކުރާނީ ފޮރިން މިނިސްޓްރީން. އެހެންވީމަ އެމްބަސީތަކާ ވާހަކަ ދައްކައިގެން މޮނިއުމަންޓްތައް ނެގުމަކީ ފޮރިން މިނިސްޓްރީގެ ކަމެއް،” އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.

ޕާކިސްތާން މޮނިއުމަންޓުގައި ރޯކޮށްލުމުން، އޭގެ އެއް ފަޅި އަނދާފައި.

ޑރ. މަޖީދު ވިދާޅުވީ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ފުށުއަރާ މޮނިއުމަންޓްތައް އައްޑޫގައި އެބަހުރި ކަމަށެވެ. އެހެންވެ އެ ތަކެތި ބަހައްޓައިގެން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދުގެ ހަ ވަނަ މާއްދާގައި ވަނީ “ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީނެއް ފެތުރުން ނުވަތަ އެހެން ދީނަކަށް މީހުން ވެއްދުމަށް މަސައްކަތް ކުރުމަކީ މަނާ ކަމެކެވެ. އަދި އިސްލާމްދީން ފިޔަވައި އެހެން ދީނެއްގެ ޝިއާރެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއް، ދިވެހިރާއްޖޭގެ އެއްވެސް މުޖުތަމައެއްގައި އާންމުކޮށްގެން ގެންގުޅުމާއި އެ އެއްޗެއްގެ މައްޗަށް މީސްތަކުންގެ ޝައުގުވެރި ކުރުވުމަށް މަސައްކަތް ކުރުމަކީ މަނާ ކަމެކެވެ،” މިހެންނެވެ.

ސާކް ސަމިޓާ ދިމާކޮށް އައްޑޫގައި ބެހެއްޓި މޮނިއުމަންޓްތަކުގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަނީ ހިތަދޫގައި ބެހެއްޓި ޕާކިސްތާނުގެ މޮނިއުމަންޓާ މެދުގަ އެވެ. ޕާކިސްތާނަށް އިސްލާމްދީން އައި ގޮތް ދައްކައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ އެ މޮނިއުމަންޓުގައި “ބުދު”ތަކެއް ހިމެނޭތީ އެކަމާ ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެ މޮނިއުމަންޓަށް ތަފާތު އެތައް ފަހަރެއްގެ މަތިން ގެއްލުންދީ އެންމެ ފަހުން އޭގެ މަތީ ބައި ވަނީ ބަޔަކު ވަގަށް ނަގައިފަ އެވެ. މީގެ އިތުރުން މަރަދު އަށް އަރާ ސަރަހައްދުގައި ހުރި ލަންކާގެ މޮނިއުމަންޓަށް ބަޔަކު ވަނީ ބުދަ ދުވަހު ކަޅުތެޔޮ ޖަހައިފަ އެވެ.

ޕާކިސްތާންގެ މޮނިއުމެންޓްގެ މަތީ ބައި ވަގަށް ނަގާފައި.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ބުރާސްފަތި ދުވަހު ވިދާޅުވީ އެއްވެސް ސަރުކާރަކުން ރާއްޖެ އަށް ދީފައިވާ މޮނިއުމަންޓެއް، “ބޮލާލާ ޖެހުމަކީ” ސަރުކާރަށް ފަސޭހަ ކަމެއް ނޫން ކަމަށެވެ.

“ހާއްސަކޮށް އަޅުގަނޑުމެންނަށް ވުރެ އިސްލާމީ އިލްމުވެރިން ގިނަ، އިސްލާމްދީނަށްޓަކައި މާ ގިނަ ކަންތައްތައް ކުރައްވަމުން ގެންދަވާ އެކުވެރި އިސްލާމީ ދައުލަތަކުން ކުރައްވާފައިވާ އެ ބާވަތުގެ ކަމެއް ބޮލާލާ ޖެހުމަކީ ފަސޭހަ ކަމަކަށް ނުވާނެ. އެއްވެސް އިސްލާމީ ދައުލަތަކާއި އަނެއް ދައުލަތަކާ ދެމެދު އެކަން އެހެނެއް ނޯވޭ،” ޒުހައިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޮނިއުމަންޓްތަކުގެ މައްސަލާގައި ގޮތެއް ނިމޭނީ އިސްލާމިކް މިނިސްޓަރާއި ޕާކިސްތާން ހައިކޮމިޝަނަރާ ދެމެދު ކުރައްވާ މަޝްވަރާތަކަށް ފަހު ކަމަށެވެ.

“އިސްލާމިކް މިނިސްޓަރަށް އަޅުގަނޑުމެން އެއްބާރުލުން ދޭނަން. މިކަމުގައި ދީނީ ގޮތުން އޮންނަ ގޮތް އެ މަނިކުފާނު ވިދާޅުވާނެ،” ޒުހައިރު ވިދާޅުވި އެވެ. “އެއާއެކު ރައްޔިތުންގެ ޝުއޫރުތަކަށް އަޅުގަނޑުމެން އިހުތިރާމް ކުރާނަން އަބަދުވެސް.

ކޮންމެ ސިޙުރުވެރިއަކީ ކާފިރެއްކަމުގައި ބެލޭނެތޯއެވެ؟

ޖަވާބު: ސިހުރުވެރިންނަކީ ޝައިޠާނުންގެ ބޭނުން ހިފައި ޖިންނީން އެދޭ ކަންތައްތައް ކޮށްގެން އެތަކެއްޗަށް ކުއްތަންވާ ބައެކެވެ. އެއީ ﷲ ފިޔަވައި އެތަކެއްޗަށް ޤުރްބާންކޮށްގެންނެވެ. އަދި ﷲ އާއެކުގައި ނަމަވެސް އެތަކެއްޗަށް ދުޢާކޮށްހަދައިގެންނެވެ. އަދި އެތަކެއްޗަށް ކިޔަމަންވުމުގެ ގޮތުން ޒިނޭކުރުމާއި ރާބުއިމާއި ހަރާމްތަކެތި ކެއުމާއި ނަމާދުއެޅުމާއި ނަޖިސްތަކެތި ގައިގައި އުނގުޅުމާއި މުޑުދާރު ތަންތަނުގައި އުޅުންފަދަ ކަންކަމުން ﷲ އަށް އުރެދިގެންނެވެ. އެއީ ސިހުރު ޖައްސަން ބޭނުންވާ މީހާއަށް ތަފާތު ގޮތްގޮތުން ގެއްލުން ދިނުމާއި ދެމަފިރީން ދުރުކުރުމާއި (މީހުންނަށް ނޭނގޭ) ޣައިބުގައިވާ ބައެއް ކަންތައްތަކާއި ވަގަށްނަގާފައިވާ އެއްޗެތީގެ ޚަބަރުތައް ހޯދުމާއި ގެއްލިފައިވާ އެއްޗެއް ވާތަން ހޯދުން ފަދަ، ސިހުރުވެރިޔާ އެދޭ ކަންކަމަށް ޝައިޠާނާ އިޖާބަދޭތޯއެވެ. މިފަދަ ސިޙުރުވެރިއަކީ މުޝްރިކެކެވެ. ކާފިރެކެވެ. ސަބަބަކީ އޭނާ މާތް ﷲ އަށް އަޅުކަންކުރާއިރު ޝައިޠާނާއަށްވެސް އަޅުކަންކުރެއެވެ. މިއީ ބޮޑު ޝިރުކެވެ. އެހެންކަމުން އޭނާ ވާނީ ކާފިރަކަށެވެ. މިފަދައިން މާތް ﷲ ވަޙީކުރައްވާފައިވާތީއެވެ.
(وَمَا كَفَرَ سُلَيْمَانُ وَلَٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ) البقرة/102
“ސުލައިމާނުގެފާނު ކާފިރުވެވަޑައެއް ނުގަންނަވައެވެ. އެކަމަކު އެޝައިޠާނުން ކާފިރުވިއެވެ. އެމީހުން މީސްތަކުންނަށް ސިޙުރު ދަސްކޮށްދީގެންނެވެ.”

އަދިވެސް ވަޙީކުރައްވާފައިވެއެވެ.
(وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ) البقرة/102

“ހަމަކަށަވަރުން ތިމަންބޭކަލުންނީ ފިތުނައެކޭ. (އީމާންކަން ހުރިވަރު ބެލުމަށްވެވޭ އިމްތިޙާނެކޭ) ފަހެ ތިބާ (ސިޙުރު ދަސްކޮށްގެން) ކާފިރު ނުވާށޭ (މިފަދައިން) އެދެބޭކަލުން ވިދާޅުވުމަށްފަހު މެނުވީ އެދެބޭކަލުން އެއްވެސް މީހަކަށް (ސިޙުރު) އުނގަންނައި ނުދެއްވައެވެ.”
 އަދި ކީރިތި ރަސޫލާ صلى الله عليه وسلم  ވަނީ ސިޙުރުހަދާ މީހާ ޤަތުލުކުރުމަށް އަމުރުކުރައްވާފައެވެ. ޙަދީޘްގައި ވެއެވެ. (حد الساحر ضربة بالسيف) “ސިޙުރުހަދާ މީހާގެ ޙައްދަކީ ކަނޑިން ޖެހުމެވެ.”  ]رواه الترمذي (1460)والدار قطني (3/114) والحاكم (4/360) والبيهقي (8/136) ، وانظر السلسلة الضعيفة 3/641 رقم 1446[. މިކަންކަމަށް ބަލާއިރު ސިޙުރު ހަދާ މީހާވާނީ ކާފިރަކަށެވެ. އޭނާ ނަމާދުކޮށް ރޯދަ ހިފައި ޤުރްއާންކިޔަވައި ދުޢާކޮށް އުޅުނު ނަމަވެސް މެއެވެ. ޝިރުކަކީ ޢަމަލުތައް ބާޠިލުވާ ކަމެކެވެ. والله أعلم.

=اللؤلؤ المكين من فتاوى ابن جبرين ص 11=

http://islamqa.com/ar/ref/7870

އައްޝައިޚް އިބްނު ޖިބްރީން
ތަރުޖަމާ: އައްޝައިޚް މުޙައްމަދު ރަމީޒް އަޙްމަދު

Previous Older Entries

Flickr Photos

welcome